ގައުމީ ބޮޑީބޯޑިން ލީގުގެ ބުރުނު ޝީކާރުގެ މެންސް އޯޕަން ޗެމްޕިއަންކަން އާމިން އުމަރު މޫސާ ދިފާއު ކޮށްފި އެވެ.
މިދިޔަ އަހަރުގެ ބުރުނު ޝިކާރު ވެސް ކާމިޔާބުކުރި އާމިން ވަނީ ފައިނަލްގައި އަސްވާން މުހައްމަދާ ވާދަކޮށް 13.34 ޕޮއިންޓް ހޯދައިފަ އެވެ. އަސްވާނަށް ހޯދުނީ 9.83 ޕޮއިންޓެވެ.
އަސްވާން ފައިނަލަށް ދިޔައީ ސެމީ ފައިނަލް ހީޓުގައި އަލީ ޚުޝްރުވާން (ކުޑަ އައްޔަ) އާ ވާދަކޮށް 11.50 ޕޮއިންޓް ހޯދައި، 0.9 ޕޮއިންޓްގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. އާމިން ވަނީ 12.60 ޕޮއިންޓް ހޯދައި، 0.43 ޕޮއިންޓުން އިޔަން އަހުމަދު ބަލިކޮށްފަ އެވެ.
ޖުމްލަ 21 ބޮޑީބޯޑަރުންނާ އެކު މާލޭ ވަރުނުލާ ރާޅުގަނޑުގައި އިއްޔެ ފެށި މުބާރާތުގެ ފިރިހެން އޯޕަން ބައި ކުރިއަށް ގެންދިޔައިރު، ދެން އޮތީ ޖޫނިއާ މެންސް އޯޕަން އާއި ޑްރޮޕް ނީ އަދި އަންހެން ޖޫނިއާ ޑިވިޝަނެވެ.
މިއީ ބޮޑީބޯޑިން ލީގުގައި އަންހެން ޖޫނިއާ ބޮޑީބޯޑަރުން ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ބައިގައި 10 އަންހެން ޖޫނިއާ ބޮޑީބޯޑަރުން ބައިވެރި ވެފައިވެ އެވެ.
ބޮޑީބޯޑިން އެސޯސިއޭޝަނުން އަންނަނީ ހަގު އުމުރުފުރާތަކުގެ އެތުލީޓުންނަށް ފުރުސަތުތަކެއް ފަހިކޮށްދޭން ޖޫނިއާ ޗެމްޕިއަންޝިޕެއް ބާއްވަން ވެސް މަޝްވަރާ ކުރަމުންނެވެ.
ބޮޑީބޯޑިން އެސޯސިއޭޝަނުން ވަނީ މި އަހަރު ލީގުގެ މުބާރާތްތަކަށް ޕޮއިންޓް ދޭ އުސޫލް ވެސް ބަދަލު ކޮށްފަ އެވެ. ކުރިން ގައުމީ ބަނޑުފިލާ ޗެލެންޖް ފިޔަވައި ކޮންމެ މުބާރާތެއްގެ ޗެމްޕިއަނަށް 1،000 ޕޮއިންޓް ލިބެ އެވެ.
މި އަހަރު ގެނައި ބަދަލުތަކާ އެކު، ބުރުނު ޝިކާރުގެ ޗެމްޕިއަނަށް 1،700 ޕޮއިންޓް ކަނޑައަޅާފައިވާއިރު ދެން ކުރިއަށް ގެންދާ މުބާރާތަށް ކަނޑައަޅާފައި ވަނީ 1،500 ޕޮއިންޓެވެ.
ކުރީ އަހަރުތަކޭ އެއްގޮތަށް ބަނޑުފިލާ ޗެލެންޖަށް ކަނޑައަޅާފައި ވަނީ 2،000 ޕޮއިންޓެވެ. މި އަހަރުން ފެށިގެން ލީގު ޗެމްޕިއަންކަމަށް، ލީގުގެ ހުރިހާ މުބާރާތެއްގައި ވެސް ވާދަކުރަން ޖެހޭނޭ ކަމަށް އެސޯސިއޭޝަނުން ބުނެފަ ވެ އެވެ.