އޮލިމްޕިކް ރަން މެޑަލް ހާސިލް ކޮށްފައިވާ ޖަރުމަންގެ އެލެކްޒެންޑާ ޒްވެރޭވް، ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބު ކުރުމުގެ އުއްމީދު ބޮޑު ކޮށްފި އެވެ.

މިހާތަނަށް ގްރޭންޑް ސްލޭމް ތައްޓެއް ލިބިފައި ނުވިއަސް ޒްވެރޭވް ދެކޭ ގޮތުގައި އޮލިމްޕިކް ރަން މެޑަލް އަކީ ގްރޭންޑް ސްލޭމް އަކަށް ވުރެ އަގު ހުރި ކާމިޔާބީއެކެވެ.

"އެއީ [އޮލިމްޕިކް ރަން މެޑަލް އަކީ] އޭގެ ޒާތުގައި ހާއްސަ ކާމިޔާބީއެއް. އެކަން ހާސިލް ވެފައި ވާނީ މަދު ކުޅުންތެރިއަކަށް، އެ ފުރުސަތު ވެސް ލިބޭނީ ހަތަރު އަހަރުން އެއް ފަހަރު. އަހަރެން ދެކޭ ގޮތުގައި އެއީ އަމިއްލަ ގައުމަށް ހޯދައިދެވޭ ޝަރަފެއް، އެއީ އަމިއްލަ ގައުމުގެ ރައްޔިތުން ވެސް ފަހުރުވެރި ވާ ފަދަ ކާމިޔާބެއް،" ޖަޕާނުގައި 2021 ގައި އޮތް އޮލިމްޕިކްސް 2020 ސިންގަލްސް އިވެންޓް ކާމިޔާބުކުރި ޒްވެރޭވް ބުންޏެވެ.

އޮލިމްޕިކް ރަން މެޑަލް އާއެކު ޒްވެރޭވް.-- ފޮޓޯ: ގެޓީ އިމޭޖަސް
އޮލިމްޕިކް ރަން މެޑަލް އާއެކު ޒްވެރޭވް.-- ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ޒްވެރޭވް ދަތުރު ކޮށްފައި ވާއިރު، މާދަމާ އޭނާ ވާދަ ކުރާނީ 26 ވަނަ އަށް ސީޑް ކުރެވިފައިވާ ޗެކްރިޕަބްލިކްގެ ޔާކޫބް މެންސިކާ އެވެ.

ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ އިޓަލީގެ ދެ ކުޅުންތެރިން ކަމަށްވާ ފްލާވިއޯ ކޮބޯލީ އާއި މަޓެއޯ އާނަލްޑީ އެވެ.

އަނިޔާގެ ސަބަބުން، ކުރީ ދެ އަހަރުގެ ޗެމްޕިއަން ކާލޯސް އަލްވަރާޒް މި އަހަރު ވާދައެއް ނުކުރެ އެވެ. މުބާރާތުގެ ވަރަށް ކުރީކޮޅު، އެއް ވަނައަށް ސީޑް ކުރެވުނު ޔަނިކް ސިނާ އާއި ތިން ވަނައަށް ސީޑް ކުރެވުނު ނޯވަކް ޖޮކޮވިޗް މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައި ވީއިރު، ދެވަނައަށް ސީޑް ކުރެވިފައިވާ ޒްވެރޭވް ސެމީ އަށް ދަތުރު ކުރީ ސްޕެއިންގެ ރަފައެލް ޖޯޑަރާ ވާދަކޮށް 7-6 (7-3)، 6-1، 6-3 އިން މޮޅު ވެގެންނެވެ.

މިހާރުޔ ކުރިއަށްދާ ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލް މެޗަށް ފަހު ޒްވެރޭވް (ކ).-- ފޮޓޯ: އޭއެފްޕީ
މިހާރުޔ ކުރިއަށްދާ ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލް މެޗަށް ފަހު ޒްވެރޭވް (ކ).-- ފޮޓޯ: އޭއެފްޕީ

މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރެވިއްޖެ ނަމަ ވެގެން ދާނީ ޒްވެރޭވްގެ ހަތަރުވަނަ ގްރޭންޑް ސްލޭމް ފައިނަލަށެވެ.

އުމުރުުން 29 އަހަރުގެ ޒްވެރޭވް ވަނީ 2024 ގެ ފްރެންޗް އޯޕަންގެ ފައިނަލްގައި ވާދަ ކޮށްފަ އެވެ. މީގެ އިތުރުން 2020 ގެ ޔޫއެސް އޯޕަން އާއި މިދިޔަ އަހަރު އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ވެސް އޭނާ ވާދަ ކުރި އެވެ.

މިދިޔަ އަހަރުގެ ފްރެންޗް އޯޕަންގެ ކުއާޓާއިން ޒްވެރޭވް ކެޓީ ޖޮކޮވިޗް އަތުން ބަލިވެގެންނެވެ. އަދި އޭގެ ކުރީ އަހަރު އަލްކަރާޒް އަތުން ފައިނަލްގައި ބަލި ވުމުގެ ކުރިން ވަނީ ޖެހިޖެހިގެން ތިން އަހަރު ސެމީ ފައިނަލްގައި ވާދަކޮށް ނާކާމިޔާބު ވެފަ އެވެ.