މި އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަން ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކިންގްސް ކަޕްގެ ޗެމްޕިއަންކަން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ހޯދައިފި އެވެ.
ރެހެންދި ޓާފް ދަނޑުގައި މިރޭ ސްޓެލްކޯ ޗެމްޕިއަންކަން ހޯދީ ފޯރިގަދަ ފައިނަލްގައި 7-4 އިން ދަ ހޯކްސް ބަލި ކޮށްގެންނެވެ.
މި މެޗުގައި ސްޓެލްކޯ ވަނީ މުހައްމަދު ނަޒާމްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އޭގެ ފަހުން ހޯކްސް އަށް އެއްވަރު ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. އެއަށް ފަހު ދެވަނަ ހާފުގައި ޝުއެއިދު ސައީދު ސްޓެލްކޯއަށް އަލުން ލީޑު ހޯދައިދިން އިރު، އުލާން ބަޓީރުބެލް އޫލޫ ވަނީ ހޯކްސް އަށް ދެވަނަ ފަހަރަށް އެއްވަރު ކޮށްދީފަ އެވެ.
އޭގެ ފަހުން އިބްރާހިމް ރިމާހު ސްޓެލްކޯއަށް ގާތްގާތުގައި ދެ ގޯލު ޖަހައިދީ ދެ ގޯލުގެ ލީޑެއް ނަގައިދީފައި ވަނިކޮށް ހޫދު އަހުމަދު ފަތުހީ، ހޯކްސް އަށް ފަރަގު ކުޑަ ކޮށްދިނެވެ. ނަމަވެސް ޝުއެއިދު ވަނީ އަލުން ދެ ގޯލުގެ ލީޑު އެ ޓީމަށް ހޯދައިދީފަ އެވެ. އޭގެ މިނިޓެއް ފަހުން، މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް މުހައްމަދު ސާދު ނިޒާރު ހޯކްސްގެ ހަތަރުވަނަ ލަނޑު ޖަހައިދީ ފަރަގު ކުޑަ ކުރި ނަމަވެސް އެންމެ ފަހު މިނިޓުގައި ނަޒާމް އާއި މުހައްމަދު ޝިރުޚާން ވަނީ ސްޓެލްކޯއަށް އިތުރު ދެ ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
ޗެމްޕިއަނުންގެ މެދުގައި ކުޅޭ ކިންގްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ސުލްތާން އޮފް ފުޓްސަލްގެ މަގާމް ލިބުނީ ސްޓެލްކޯގެ ރިމާހް އެވެ.
ކިންގްސް ކަޕްގައި މި އަހަރު 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިރު މިދިޔަ އަހަރުގެ ޗެމްޕިއަން އާރުއާރުސީ ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ހޯކްސް ވަނީ ސެމީ ފައިނަލްގައި އޭދަފުށީގެ އެއިޓީފޯ އެފްސީ 6-1 އިން ބަލިކޮށްފަ އެވެ. ކުއާޓާގައި ވަނީ 4-2 އިން ހއ. އުތީމު ބަލި ކޮށްފަ އެވެ. އެއިޓީފޯ ސެމީއަށް ދިޔައީ ކުއާޓާގައި ވަރުގަދަ ކްލަބް އެމްޓިސީސީ ޕެނަލްޓީގައި ބަލިކޮށްގެންނެވެ.
ސްޓެލްކޯ ވަނީ ސެމީގައި ޕެނަލްޓީ ޖަހައިގެން ކޯރަ ކޯރަ ބަލި ކޮށްފަ އެވެ. އަދި ކުއާޓާގައި އެ ޓީމު ވަނީ 2-1 އިން އެސްޓީއޯ ރެކްރިއޭޝަން ބަލި ކޮށްފަ އެވެ. ކޯރަ ކޯރަ ސެމީއަށް ދިޔައީ ކުއާޓާގައި ކޮންރެޑް މޯލްޑިވްސްގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ.
ރާއްޖޭގެ މައި ފުޓްސަލް ލީގު ނުވަތަ ޕްރީމިއަމް ފުޓްސަލް މުބާރާތުގެ ގޮތުގައި ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އެފްއޭއެމުން މިދިޔަ މަހު ބަލައިގެން އިއުލާން ކޮށްފައި ވާއިރު، ކްލަބް މޯލްޑިވްސް އިން، މި އަހަރު މުޅިން އަލަށް 16 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްްގެން ކިޑްސަލް ނަމުގައި މުބާރާތެއް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.
މީގެ އިތުރުން ކްލަބް މޯލްޑިވްސްއާ ގުޅިގެން އެފްއޭއެމުން އަންނަނީ އަންނަ މަހު 27 ގައި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ފެށުމަށް ތައްޔާރު ވަމުންނެވެ.