ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ ވިކްޓްރީގެ އަމްދާން އަލީ (އެންޑީ) އާއި ބުރު ސްޕޯޓްސްގެ އަހުމަދު އަބްދުﷲ (ލިލީ) ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.

މި މަހު 31 ގައި ފަށާ އާ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ގެނައި މި ދެ ކުޅުންތެރިންނަކީ މިދިޔަ މަހު އޮތް ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުގެ ދެ ކުޅުންތެރިންނެވެ.

މާޒިޔާގައި ވިދާލި އެންޑީ އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު އެނބުރި އައިސް މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާ އެކު އިސްތަވާން އުރުބާނީ ވަނީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އަދި ކުރިން ނިއު އިން ފެނުނު ލިލީ ވެސް އަހަރުތަކަށް ފަހު ގައުމީ ޓީމަށް ނެގީ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ.

ނިއު އިން ވަނީ އާ ސީޒަނަށް މިހާރު ޕްރެކްޓިސް ފަށައިފަ އެވެ. އެ ޓީމަށް ކޯޗުކޮށްދޭނީ މިދިޔަ ސީޒަނުގައި އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިން ސްޕެއިންގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް އެވެ. އޭނާ ފުރަތަމަ ހުރީ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ. ކޯޗުކަމާ ހަވާލުވީ އެ މަގާމުން އަލީ ސުޒޭން ވަކިވުމުންނެވެ.

ނިއު އިން ވަނީ ކައިންޒޯސްއާ އެކު މަސައްކަތްކުރަން ބޭރުގެ ތަޖުރިބާކާރު ފިޓްނަސް ކޯޗެއް ވެސް ޓީމާ ވަރަށް އަވަހަށް ގުޅޭނެ ކަމަށެވެ.