އެއިޓީން ތާޓީ ކްލަސިކް އަންހެން ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ނުވަ ޓީމާ އެކު، ކުރިއަށް ގެންދާ ގުރޫޕް ސްޓޭޖުން ސެމީ އަށް ދާ ޓީމުތައް ޔަގީން ވެފައި ވާއިރު، ގުރޫޕް އޭ އިން ސެމީގެ ޖާގަ ހޯދީ ޕްރިޒަން ކްލަބާއި އެސްޓީއޯ އެވެ. ގުރޫޕް ބީ އިން ސެމީ އަށް ދަތުރު ކުރީ ކްލަބް އެޗްޑީސީ އާއި ސްޓެލްކޯ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކްލަބް ވަނީ ރޭ ހުޅުމާލެ ހޮސްޕިޓަލާ ވާދަކޮށް 3-1 އިން މޮޅު ވެފަ އެވެ. މި މެޗުގެ މޮިޅު ކުޅުންތެރިއަކަށް ހޮވުނީ ފާތިމަތު އިނާޝާ އާދަމް އެވެ. ޔޫތު ސްޕޯޓްސް ފިޓްނަސް ކްލަބް ވަނީ 8-1 އިން ހެލްތު ރެކްރިއޭޝަން ކްލަބް ބަލި ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫތު ސްޕޯޓްސް ފިޓްނަސް ކްލަބްގެ ފާތިމަތު އާން އަލީ ޝާމް އެވެ.

އެމްއޭސީއެލް އިން ބީއެމްއެލް ކޮޅަށް ގޯލު ޖެހުމަށް ފަހު މިދިޔަ އަހަރުގެ ރަނަރަޕް އެމްއޭސީއެލް ވަނީ އެންމެ ޕޮއިންޓަކާ އެކު މުބާރާތުން ކަޓައިފަ.-- ފޮޓޯ: ކްލަބް މޯލްޑިވްސް
އެމްއޭސީއެލް އިން ބީއެމްއެލް ކޮޅަށް ގޯލު ޖެހުމަށް ފަހު މިދިޔަ އަހަރުގެ ރަނަރަޕް އެމްއޭސީއެލް ވަނީ އެންމެ ޕޮއިންޓަކާ އެކު މުބާރާތުން ކަޓައިފަ.-- ފޮޓޯ: ކްލަބް މޯލްޑިވްސް

މި  ނަތީޖާއާ އެކު، ފަސް ޓީމު ހިމެނޭ ގުރޫޕް އޭގެ އެއްވަނައިގައި އޮތީ ޕްރިޒަންސް އެވެ. ދެވަނައިގައި އެސްޓީއޯ އެވެ. ދެ ޓީމަށް ވެސް ވަނީ އެއް މެޗު މަދުން ކުޅެގެން ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިންވަނައިގައި އޮތް ޔޫތު ސްޕޯޓްސް ފިޓްނަސް ކްލަބާއި ހަތަރު ވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލަށް ވެސް ތިން މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ހެލްތު އާރުސީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލި ވެފަ އެވެ.

މި ގުރޫޕްގައި ބާކީ އޮންނާނީ ޕްރިޒަންސް އާއި އެސްޓީ އޯ އަދި ހުޅުމާލެ ހޮސްޕިޓަލާއި ޔޫތު ސްޕޯޓްސް ފިޓްނަސް ކްލަބް ބައްދަލުކުރާ މެޗެވެ.

އެޗްޑީސީ ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގުރޫޕް ބީގެ އެއްވަނަ ހޯދައިފަ.-- ފޮޓޯ: ކްލަބް މޯލްޑިވްސް
އެޗްޑީސީ ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގުރޫޕް ބީގެ އެއްވަނަ ހޯދައިފަ.-- ފޮޓޯ: ކްލަބް މޯލްޑިވްސް

ހަތަރު ޓީމު ހިމެނޭ ގުރޫޕް ބީގެ ފަހު ދެ މެޗު ވަނީ ރޭ ކުޅެފަ އެވެ. އެޗްޑީސީން 4-1 އިން ސްޓެލްކޯ ބަލި ކުރީ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން ފާތިމަތު ސާލިޔާގެ މޮޅު ކުޅުމާ އެކު އެވެ. އަދި މިދިޔަ އަހަރުގެ ރަނަރަޕް އެމްއޭސީއެލް ވަނީ ފަހު ވަގުތު ޔުނައިޓެޑް ބީއެމްއެލްއާ 2-2 އިން އެއްވަރު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީއެމްއެލްގެ އައިޝަތު ލައިބާ ޒާހިރެވެ.

މިއާ އެކު، އެޗްޑީސީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައި ވާއިރު، ހަ ޕޮއިންޓާ އެކު ސްޓެލްކޯ ވަނީ ދެވަނަ ހޯދައިފަ އެވެ. ބީއެމްއެލް އާއި އެމްއޭސީއެލް ވެސް ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.