ކްރިމިނަލް ކޯޓާ ދެކޮޅަށް ފުރިހަމަ ވަގުތު 3-3 އިން އެއްވަރު ވެގެން ޕެނަލްޓީ ޝޫޓައުޓްގައި 3-1 އިން މޮޅު ވެގެން ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން ކްލަބް ބިނާރާ ހޯދައިފި އެވެ.

މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ކްލަބް ބިނާރާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އެ ޓީމު ވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު ޔައިޝް މުސްތަފާގެ ގޯލަކުން ކްރިމިނަލް ކޯޓްގެ ޓިމު ލީޑު ނެގި ނަމަވެސް ހާފު ނިންމާލަން ޖެހުނީ ނަތީޖާ އެއްވަރު ވެގެންނެވެ. ހާފު ނިމެން އިރުކޮޅަކަށް ވެފައި ވަނިކޮށް ބިނާރާއަށް އެއްވަރު ކޮށްދިނީ އަހުމަދު ރުވާއު އެވެ.

ދެވަނަ ހާފުގައި އިސްމާއިލް އަޒުހާން، ބިނާރާ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން އިރު، މުހައްމަދު ހައްސާން އަހުމަދު ވަނީ ކްރިމިނަލް ކޯޓަށް އެއްވަރު ކޮށްދީފަ އެވެ. އަދި އަބްދުﷲ ނާހިލް ބިނާރާ އަށް ލީޑު ހޯދައިދީފައި ވަނިކޮށް ކްރިމިނަލް ކޯޓަށް އެއްވަރު ކޮށްދިނީ ވެސް ހައްސާން އެވެ.

މެޗު ފެށުމުގެ ކުރިން ކްރިމިނަލް ކޯޓްގެ ކުޅުނަތެރިން.-- ފޮޓޯ: ކްލަބް މޯލްޑިވްސް
މެޗު ފެށުމުގެ ކުރިން ކްރިމިނަލް ކޯޓްގެ ކުޅުނަތެރިން.-- ފޮޓޯ: ކްލަބް މޯލްޑިވްސް

ޕެނަލްޓީ ޝޫޓައުޓްގައި ކްރިމިނަލް ކޯޓްގެ ހަމައެކަނި ޕެނަލްޓީ ކާމިޔާބު ކުރި ކުޅުންތެރިއަކީ ވެސް ހައްސާން އެވެ. އެ ޓީމުގެ އެއް ޕެނަލްޓީ ކީޕަރު މަތަ ކުރިއިރު، ދެން ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އަދި ފަހު ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ބިނާރާ ވަނީ އެ ޓީމު ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިނާރާގެ އިސްމާއިލް އަޒުހާން އެވެ.

މެޗަށް ފަހު، ސަން ޕްލޭއާ ވާހަކަ ދައްކަމުން ބިނާރާގެ ކުޅުންތެރިންނާއި ކޯޗުން ވަނީ ޓީމުގެ ކާމިޔާބީގެ ފަހަތުގައި އޮތީ މުޅި ޓީމުގެ އެއްބައިވަންތަ ކަމާއި އެކުވެރިކަން ކަމުގައި ފާހަގަ ކޮށްފަ އެވެ.

"މިއީ ވަރަށް އެއްބައިވަންތަ އެކުވެރި ޓީމެއް، ވަރަށް ޓީމް ވޯކް ރަނގަޅު. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޕްރެކްޓިސްތަކާ އެއްޗެހި ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްގެން، ވަރަށް ފުރިހަމަ މުބާރާތެއް މި ކާމިޔާބުވީ،" މެޗަށް ފަހު، ބިނާރާގެ ކެޕްޓަން މުހައްމަދު މިންވާލް ބުންޏެވެ.

ބިނާރާގެ ކީޕަރު ރައުޝަން. އޭނާ ވަނީ ޕެނަލްޓީ ޝޫޓައުޓްގައި އެއް ޕެނަލްޓީ މަތަކޮށްފަ.-- ފޮޓޯ: ކްލަބް މޯލްޑިވްސް
ބިނާރާގެ ކީޕަރު ރައުޝަން. އޭނާ ވަނީ ޕެނަލްޓީ ޝޫޓައުޓްގައި އެއް ޕެނަލްޓީ މަތަކޮށްފަ.-- ފޮޓޯ: ކްލަބް މޯލްޑިވްސް

ސީއެމް ކްލަސިކްގެ ފެޢާޕްލޭ ޓީމަކަށް ހޮވުނީ ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ކްލަބް ބީސީސީ އެވެ. އަދި އެންމެ މޮޅު ކޯޗަކީ ބިނާރާގެ މުހައްމަދު އިހުސާން ސައީދު (ލިއުބީ) އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ދެ ކުޅުންތެރިން ހޯދި އެވެ. އެއީ ކްރިމިނަލް ކޯޓްގެ ޔައިޝް އާއި ބިނާރާގެ ރުވާއު އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ފައިނަލްގައި ގޯލު ޖަހައި ޖުމްލަ 10 ގޯލު ކާމިޔާބު ކޮށްފަ އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ޔައިޝް އާއި ރުވާއު ހިމެނުނެވެ. ދެން ހިމެނުނީ ކްލަބް އެވްސެކްގެ އިބްރާހީމް ޒިޔާން އާއި ބިނާރާގެ ކެޕްޓަން މުހައްމަދު މިންވާލް އަދި ގޯލްކީޕަރު މުހައްމަދު ރައުޝަން އެވެ.