އަންނަ ސެޕްޓެމްބަރު 10 ގައި ފަށާ މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅެން އެފްއޭއެމުން ނިންމާފައިވާއިރު، ހއ. ދިއްދޫ އާއި ގދ. ގައްދޫގެ ހޯމް މެޗުތައް އޮންނާނީ އެ ދެ ރަށުގަ އެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ލީގުގައި 10 ޓީމު ވާދަކުރެ އެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގެ ލީގުގެ ގަދަ ހަ ޓީމު ކަމަށްވާ މާޒިޔާ، އޮޑި ސްޕޯޓްސް، ނިއު ރޭޑިއަންޓް، ބުރު ސްޕޯޓްސް، އީގަލްސް އަދި ވިކްޓްރީ ހިމެނެ އެވެ.

އަނެއް ހަތަރު ޓީމަކީ ދިވެހި ލީގު ކޮލިފައިންގެ ތެރެއިން ޖާގަ ހޯދި ދިއްދޫ، ގައްދޫ، ޓީސީ ސްޕޯޓްސް އަދި ބިސް ބުރެވެ.

ދިވެހި ލީގު ކޮލިފައިންގައި ވާދަކުރީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫ، ސެންޓްރަލް ރީޖަނަލް ލީގު 1 ގެ ޗެމްޕިއަން ބިސް ބުރު، ސެންޓްރަލް ރީޖަނަލް ލީގު 2 ގެ ޗެމްޕިއަން ކ. ހުރާ، ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަން ގައްދޫ، އަދި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ ޓީސީ ސްޕޯޓްސް އާއި 8 ވަނަ ގްރީން ސްޓްރީޓްސް އެވެ.

އެފްއޭއެމްގެ އާ އޮނިގަނޑުގެ ދަށުން ލީގަށް ކޮލިފައިވާނީ ކުރީ ސީޒަނުގެ ގަދަ ހަ ޓީމުގެ އިތުރުން ކޮލިފައިން ހޮވޭ ހަތަރު ޓީމެވެ.

ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން ގައްދޫ އާއި ދިއްދޫގެ އިތުރުން ދެން އޮތީ މާލެ އަށް ނިސްބަތްވާ ޓީމުތައް ކަމުން އެ ޓީމުތަކުގެ ހޯމް މެޗުތައް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.