އޭނާ އަށް މަރުގެ އިންޒާރު ލިބުނު ކަމަށް ބަންގްލަދޭޝްގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ދާދި ވަކިކުރި އިންގްލެންޑުގެ ޖެރާޑް ޖޯންސް ބުނެފި އެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ މަގާމުން ވަކިކުރީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ނާކާމިޔާބުވުމުންނެވެ. އުޒްބެކިސްތާނާއި، އިންޑިއާ އަދި ސީރިއާއާ ވާދަކޮށް ބަންގްލަދޭޝް ތިން މެޗުން ވެސް ބަލިވެ ދިޔައީ ފުލަށެވެ.
މަގާމުން ވަކިކުރުމުން ފޭސްބުކުގައި ޖެހި ޕޯސްޓެއްގައި ޖޯންސް ބުނީ ބަންގްލަދޭޝްގައި މަސައްކަތްކުރި ދުވަސްވަރު އޭނާ އަށް ޒާތީ ގޮތުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
"ފުޓްބޯޅައިގެ ނިންމުންތަކާ ގުޅޭ ފާޑުކިއުން އަހަންނަށް ބަލައިގަނެވޭނެ. އެކަމަކު ޒާތީ ގޮތުން ފުރައްސާރަކުރުމާއި، ބިރު ދެއްކުން ގަބޫލެއް ނުކުރެވޭނެ. އަހަންނަށް ހަޑި ހުތުރު މެސެޖުތައް ލިބުނު. ޒާތީ މައުލޫމާތު ލީކުކުރި. މަރުގެ އިންޒާރު ވެސް ލިބުނު،"
ޖޯންސް އަށް އެކަންކަން ކުރިމަތިވީ ކޮން ބައެއްގެ ފަރާތަކުން ކަމެއް އޭނާ ނުބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޮލިފައިން އަށް ފަހު ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗާއި، ޖޯންސް ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ޖޯންސް ފުލުހުންނަށް ވެސް ގުޅި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމަކު މީގެން އެއްވެސް ކަމަކާ ގުޅޭގޮތުން ފުޓްބޯޅަ ފެޑެރޭޝަނުން ރަސްމީކޮށް ބަހެއް ނުބުނެ އެވެ. އެތަނުން ހަމައެކަނި ބުނީ ކޮންޓްރެކްޓް އުވާލައި އޭނާ މަގާމުން ވަކިކުރި ވާހަކަ އެވެ.
ޖޯންސް ބުނީ އޭނާ ބަންގްލަދޭޝްގައި ކުރި މަސައްކަތް ހަމައެކަނި ނަތީޖާ އިން ވަޒަންކުރަން ބޭނުންނުވާ ކަމަށާއި އޭނާ އެ ގައުމަށް ދިޔައީ ދިގު މުއްދަތުގެ ޕްލޭނަކާ އެކު އެ ގައުމުގެ ފުޓްބޯޅަ ރަނގަޅުކުރަން ކަމަށެވެ.
އިނގިރޭސިއެއް ކަމަށްވާ ޖޯންސް ވަނީ އިންގްލެންޑާއި، މޮރޮކޯ އަދި އެމެރިކާގައި ކޯޗިންގެ ވަޒީފާތައް އަދާކޮށްފަ އެވެ. އަދި ކެމްބޯޑިއާ ކްލަބެއްގެ ހެޑްކޯޗުކަން ވެސް ކުރި އެވެ.