މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބްރެންފޯޑް އަތުން 4-0 އިން ލަދުވެތި ގޮތަކަށް ބަލިވެ، ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި ރަނގަޅަށް ތާށިވެއްޖެ އެވެ.

ޔުނައިޓެޑުން މީގެ ދެ ހަފުތާ ކުރިން ޕޮޗެޓީނޯ ގެނައީ މައިކަލް ކެރިކުގެ ކޯޗުކަމުގައި ނަތީޖާތައް މާބޮޑަށް ދަށްވުމުންނެވެ. އެކަމަކު ޕޮޗެޓީނޯގެ ކޯޗުކަމުގައި ކުޅުނު ތިން މެޗުން ވެސް އަދި މޮޅެއް ނުހޯދެ އެވެ. ފުރަތަމަ މެޗުން ލިވަޕޫލް އަތުން 4-0 އިން ބަލިވީ އެވެ. ދެ ވަނަ މެޗުގައި ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ 2-2 އިން އެއްވަރުވީ އެވެ.

ޔުނައިޓެޑް މި ސީޒަނުގެ ލީގުގައި ކުޅުނު 12 މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. އިނގިރޭސި މުޅި ޕްރޮފެޝަނަލް ލީގު ސިސްޓަމުގައި ވެސް އެއް މެޗަށް ވުރެ ގިނައިން މޮޅުނުވެ އޮތީ ޔުނައިޓެޑެވެ. ލީގުގައި އެ ޓީމު އޮތީ 8 ޕޮއިންޓާ އެކު ފުލުން ދެ ވަނައިގަ އެވެ. ކްރިސްޓަލް ޕެލަސް މިރޭ ހަލް ސިޓީ އަތުން މޮޅުވެއްޖެ ނަމަ ޔުނައިޓެޑް އެންމެ ފުލަށް ވެއްޓޭނެ އެވެ.

އެހެންވެ ކުރިން ގަވާއިދުން ލީގު ޗެމްޕިއަންކަން ހޯދި ޓީމަށް މި ފަހަރު ޖެހެނީ ރެލިގޭޓްނުވެ ސަލާމަތްވޭތޯ ބަލާށެވެ. އެ ޓީމު އެންމެ ފަހުން ރެލިގޭޓްވީ 1974 ގަ އެވެ.

އެމެރިކާ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލުމަށް ފަހު ޔުނައިޓެޑާ ހަވާލުވި ޕޮޗެޓީނޯ ބުނީ ކޮންފިޑެންސް ދަށްވުމުން މިފަދަ ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ.

"މެޗު ފެށީ ވަރަށް ރަނގަޅަށް. އެކަމަކު ބްރެންފޯޑުން ގޯލަށް ފޮނުވާލި ފުރަތަމަ ހަމަލާ އިން ގޯލެއް ވަން ހިސާބުން ކުޅުންތެރިން ކަރު އެލުނު،" އޭނާ ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބްރެންފޯޑުގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށްދިނީ ކޯލަމް ވިލްސަން އެވެ. ތިން ވަނަ ގޯލު 82 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސްޓޮފާ އެޔާ އެވެ. އަދި ފަހު ގޯލް އިތުރު ވަގުތުގެ ތެރޭ ވައްދާލީ ކެވިން ޝޭޑް އެވެ.

ޔުނައިޓެޑަށް ކިރިޔާ ވެސް އުއްމީދެއް އޮތީ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އިތުރު ކުޅުންތެރިން ގެނެވިގެންނެވެ. ހާއްސަކޮށް ޑިފެންސް ލައިނަށެވެ. އެކަމަކު ކްލަބުން ލިބޭ އާމްދަނީއާ ނުބައްދަލު އަދަދަކަށް ހަރަދުކޮށްފައިވާތީވެ، މި ފަހަރު ހަރަދުކުރެވެން އޮތީ ވަރަށް ކުޑަ އަދަދެކެވެ.