ވިކްޓަރީގެ އާދިލް (ކ) ކައިރިން އީގަލްސްގެ ނާއިމް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ޖުލައި 2017 - 09:54
އެފްއޭއެމުން މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ބޮޑު ބަދަލެއް ގެންނަކަން އިއުލާންކުރުމާ އެކު ކޮންމެވެސް ވަރެއްގެ ޝަކުވާތަކެއްގެ އަޑު ވެސް އިވުނެވެ. އެއީ މާބޮޑު ޕްލޭނެއް ނެތި ގެންނަ ބަދަލުތަކެއް ކަމަށް އެއް ބަޔަކު ބުންޏެވެ. އެކަމަކު އަޖުބަ ބެލުމަށްޓަކައި ކްލަބްތަކުން އެގޮތުގައި ކުރިއަށްދާން އެއްބަސްވީ އެވެ. އެހެން ނަމަވެސް ސީޒަން ދެބައި ނުވަނީސް ފޯމެޓަށް ގެނައި ބަދަލުގެ ނުރަނގަޅު އަސަރުތަކެއް މިވަނީ ކޮށްފަ އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް ގެނައި ބަދަލުތަކަށް ބަލާއިރު ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ތެރެއިން ހަތަރު ޓީމު ދިވެހި ޕްރިމިއާ ލީގަށް ބަދަލުކުރުން ހިމެނެ އެވެ. އަދި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރަކަށް ޕްރިމިއާ ލީގުން ފުރުސަތު ދިނުން ހިމެނެ އެވެ.
ދެ ވަަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން/ މާލޭ ލީގުން ސީދާ ޖާގައެއް ލިބޭ ގޮތަށް އޮތްއޮތުން އުވާލައި ފުރަތަމަ ޑިވިޝަން/ މާލޭ ލީގުން ޖާގަ ހޯދުމަށް މި އަހަރުގެ މާލޭ ލީގުގެ ފުލަށްދާ ހަތަރު ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕަށް މާލެ ލީގު ކޮލިފިކޭޝަން ކުޅޭ ގޮތަށް ވެސް ބަދަލު ގެނެ އެވެ.
ފޯމެޓަށް ގެނައި ބަދަލުގެ ތެރެއިން ގިނަ ބަޔަކު އެންމެ ފުރަތަމަ ވެސް ހިތްހަމަ ނުޖެހުނު އެއް ކަމަކީ ފުރަތަމަ ޑިވިޝަންގެ އެންމެ ހަތަރު ކްލަބަށް ޕްރިމިއާ ލީގުން ޖާގަ ލިބޭ ގޮތަށް އޮތް އޮތުމުވެ.
"ފުރަތަމަ ޑިވިޝަންގައި މި ކުޅޭ އަށް ޓީމަކީ ގާތްގަނޑަކަށް އެކި ގޮތްގޮތުން ބަލާއިރު ފަހަކަށް އައިސް އަހަރަކު މަދުވެގެން ހަތަރު މިލިއަނަށް ވުރެން ގިނައިން ޔަގީނުން ވެސް ހަރަދުކުރާނެ ޓީމުތައް. އެކަމަކު ފޯމެޓަށް މި އައި ބަދަލާ އެކު އެ ޓީމުތަކަށް ސީޒަނުގެ މުހިއްމުކަން އެބަގެއްލޭ އަހަރުގެ މެދުތެރެއިން އެއީ އެންމެ ބޮޑު ލީގާއި ގައުމީ މުބާރާތުން ފުރުސަތު ގެއްލޭތީ. އަހަރެންގެ ނަޒަރުގައި ފުރަތަމަ ޑިވިޝަންގެ ހަ ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އަދި ރަނަރަޕް ޕްރިިމިއާ ލީގު ކުޅޭންވީ. އެއީ ވާދަވެރިކަމަަށް ބެލިޔަސް ފުޓްބޯޅައިގެ ކުރިމަގަށް ބެލިޔަސް މިއީ ރަނގަޅު ގޮތަކީ،" ރާއްޖޭގެ ފުޓްބޯޅައިގައި މިދިޔަ ފަސް ވަރަކަށް އަހަރު ވަރަށް އިސްކޮށް މަސައްކަތްކުރި ފަރާތަކުން "މިހާރަ"ށް ބުންޏެވެ.
ހަގީގަތުގައި އަތޮޅުތެރޭގެ ފުޓްބޯޅައިގެ ފޯރި ރާއްޖޭގެ އެންމެ މަތީގެ ފުޓްބޯޅައިގެ ފޯރި އަށް ވުރެ މާ ގަދަ އެވެ. ވަސީލަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުން މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރަން ހުރި ގޮންޖެހުން ވަރަށް ގިނަ އެވެ. އެ ފަދަ ހާލަތެއްގައި އަތޮޅުތަކުގެ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ކުޅެވޭނެ ގޮތެއް ރޭވެން އޮތީ ޕްރިމިއާ ލީގުންނެވެ. އެހެން ނަމަވެސް އެކަން ކުރަން ވާނީ ހުރިހާ ފަރާތަކަށް ވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ވަރުގެ ކަމަކަށްވާނަމަ އެވެ.
ދުރު ވިސްނުމަށް ބަލާއިރު ފަށައިގަންނަން ޕްރިމިއާ ލީގުން ޖާގަ ދޭންވީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އަދި ރަނަރަޕަށެވެ. އެއީ ފުރަތަމަ އަހަރު ތެރޭގައި ޕްރިމިއާ ލީގުގެ ވާދަވެރިކަމަށް ބަލާއިރު ވެސް ކުރުން ރަނގަޅީ އެގޮތަށް ކަމަށްވާތީ އެވެ.
ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ފަހަރު މާލޭ ލީގުގެ ކޮންމެ ޓީމަކަށް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ފުރަތަމަ ދެ މިިލިއަން ރުފިޔާ ދޭ ގޮތަށް ހަމަޖެއްސި އެެވެ. އަދި ޕްރިމިއާ ލީގަށް ގޮސްފިނަމަ އިތުރު އެއް މިލިއަން ރުފިޔާ ދޭ ގޮތަށެވެ. ދެ ވަނަ ޑިވިޝަންގެ ކޮންމެ ޓީމަކަށް މުބާރާތް ފެށުމުގެ ކުރިން ދެ ކުންފުންޏެއް މެދުވެރިކޮށް ފަސް ލައްކަ ރުފިޔާ ދޭ ގޮތަށެވެ.
މާލެ ލީގު ކޮލިފިކޭޝަނަށް ދާއިރު އިތުރު ފައިސާއެއް ދޭނެ ގޮތެއް ހަމަޖެހިފައި ނެތުމުން ފެނިގެންދިޔައީ މާލީ ހާލަތު ތަން ނުދޭތީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޒެފްރޯލާއި ރަނަރަޕް ކުޑަ ހެންވޭރު ޔުނައިޓެޑް މުބާރާތުން ވަކިވެ އެފްއޭއެމުން އެ މުބާރާތް ވެސް ކެންސަލް ކުރި ތަނެވެ. އެއް މުބާރާތް ގެއްލުމާ އެކު ވެލެންސިއާ ނޫނީ މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި އަނެއް ތިން ޓީމަށް ވަނީ ސީޒަން ނިމިފަ އެވެ. އެ ޓީމުތަކަށް ކުޅޭ މަޝްހޫރު ކުޅުންތެރިންނަށް ވަނީ އަހަރުގެ މެދުތެރެއިން ކްލަބް ބަދަލުކުރަން ޖެހިފަ އެވެ. ބައެއް ކުޅުންތެރިންނަށް އެހެން ކްލަބްތަކުން ފުރުސަތު ލިބުނު ނަމަވެސް އަނެއް ބައި ކުޅުންތެރިން މި ޖެހުނީ ސީޒަނުގެ ބާކީ ބައި ކުޅި ބަލަން ތިބޭށެވެ.
"ހަގީގަތުގައި މީގެން މި ފެނުނީ ރޭވުމެއް ނެތް ގޮތަކަށް ފެށީމަ ވީ ގޮތް. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަކީ ހުރިހާ ގޮތަކުން ބެލިޔަސް ފުޓްބޯޅައިގައި ގައުމީ ލެވެލްގައި އެންމެ ހަރަދުކުރާ ޓީމުތައް. އެކަމަކު އެންމެ ރަނގަޅަށް ނުވިސްނައި ކުރިކަމަކުން އެތައް ކުޅުންތެރިން މި ޖެހުނީ ނުކުޅެ ތިބެން،" ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުުނު ކުޅުންތެރިއަކު ބުންޏެވެ.
ހުރިހާ ގޮތަކުން ބެލިޔަސް ފޯމެޓަށް މި ގެނައި ބަދަލުގެ ދެރަ ލިބިފައި މިތިބީ ކުޅުންތެރިންނަށެވެ. މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކަށް ފުރަތަމަ ޑިވިޝަން ޓީމުތަކުން ކުޅުންތެރިން ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ދޫކުރީ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެކަމަކު ފުރުސަތު ނުލިބި ކުޅުންތެރިންނަށް ލިބުނު ގެއްލުން މާ ބޮޑެވެ. މި އަހަރުގެ ބާކީ ބައިގައި ހަރަދު ނުކޮށް އަންނަ އަހަރަށް ތައްޔާރުވެލަން ކްލަބްތަކަށް ފުރުސަތު ލިބުނުއިރު، ކުޅުންތެރިންނަށް މި ގެއްލުނީ ކެރިއަރުގައި ކުރިއަށްދާން ބަލާއިރު މުހިއްމު ފުރުސަތުތަކެކެވެ. އަނެއްކޮޅުން ފުރަތަމަ ޑިވިޝަނުން ގެނައި ކުޅުންތެރިންނާ އެކު މިނިވަން ޗެމްޕިއަންޝިޕުގައި ކުޅުނު ބައެއް ކުޅުންތެރިންނަށް ޕްރިމިއާ ލީގުން ފުރުސަތެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ
31 July 2017
ފޯމެޓަށް ގެނައި ބަދަލުން ގެއްލުން ކުޅުންތެރިންނަށޯ!!!!! އެކަމަކު ބައްލަވާ ރާއްޖެތޭރެއިން އައި އެއްވެސް ޓީމެއްގެ ކުޅުންތެރިއެއް ނޫނީ އޮފިޝަލެއްގެ ބަހެއްވެސް ނެތެއްނު ހިމަނާލާފަކައެއް؟؟!!!! ކުޅުންތެރިންނަށް ވަނީ ހަމަ އެކަނި މާލޭ ޓީމްތަކަށް ކުޅެތީތަ؟؟؟؟ އެހެން ކޮމެންޓްތަކުގައިވެސް ވާހެން ހަމަ އަސްލު މައްސަލަ އަކީ ރާއްޖެތެރޭ ޓީމުތަކަކުން ޕްރެމިއަރލީގު ކުޅޭތީ!!! އަނެއްކާ އިހައްދުހު އެކުޅުނު ފައިނަލްގަ ސަޕޯޓަރުން ވަދެލާފަ އޮތްވަރު ފެނިފަ ހަމަ މޭކެރީ!!!!
ފީފާ މޯލްޑިވްސް
30 July 2017
މުބާރާތް ފެށެން 3 ދުވަހަށްވީ އަދިވެސް 1.5 މިލިޔަން ރުފިޔާ ޓީމުތަކަކަށް ނުލިބޭ އަތޮޅުތަކުން އަންނަ ޓީމުތަކަކީ މާލީގޮތުން ނިކަމެތި ޓީމުތަކެއް...އަދިވެސް ކަންކަން ކުރާއިރު މިއަށްވުރެ އެފް.އޭ.މް އޮގަނައިޒް ވާންޖެހެެ.. ކުރިން މިކަންތައްތައް ކުރެވިފަވާނަމަ ވަރަށް ފުރިހަމަވިސް
ނުރަބޯ
30 July 2017
އެއްވެސް ދެރައެއް ނޫން. ރާއްޖެތެރޭ ޓީމްތަކަކަށް ފުރުޞަތު ލިބޭނީ ބަޔަކުން މޭކަރަނީ. ކުރިޔަށް އޮތް ދެތިން އަހަރު މިގޮތަށް އޮވެއްޖެނަމަ ތި މާލޭ ޓީމުތައް ފަހަތަށް ޖައްސާލާ އަތޮޅުތެރޭ ޓީމްތައް ލީގުތަކުގެ ކުރީގައި އުޅޭނީ. އެއީ ޝައްކެއްވެސް އޮތްކަމެއްނޫން.
ރާއްޖެތެރެ
30 July 2017
ރާއްޖެތެރެ ކިޔާފަ މުބާރާތަށް މި ނިކުންނަނީ ކުރިންވެސް މާލެ ޓީމްތަކުގެ ކުޅުންތެރިން،އަލަށް އައި މީހުން ވ މަދު، މަގުސަދު ހަސިލް ނުވޭ،ބައްސާމް އަލުން ވިސްނަން ޖެހޭ
ޖޮޕޭ
30 July 2017
އެފްއޭއެމެއް އެބޮތްތަ؟ ކްލަބުތަކުން އިންތިޚާބު ކުރި އެކްސޯ އޮޅާލާފަ މިހާރު އެއޮތީ ޝަވީދުގެ އެކްސޯ. ކުލަބުތަކުން ގައިމުވެސް ޢަލީ ޢުމަރު ކިޔާ މީހަކާ ޝަކީބު ކިޔާ މީހެއް އިންތިޚާބެއް ނުކުރޭ!
Ali
30 July 2017
ރާއްޖެތެރޭ ޓީމްތަކަށް އަެަފައިސާެ ދޭންޖެހިގެންަ ހިތަށް އުދަގޫވާެެ މެނޭޖަރުންވެސްއުޅޭނެ. އެފްއޭއެމް އިން މިވަރުގެ ތަޖުރިބާއަކަށް ދިޔައީތީ ދިވެހި ކުޅުންތެރިއެއްގެ ގޮތުން އުފާކުރަން.
ނަމޫނާ ދާއިރާގެ ނަމޫނާ މެންބަރ މއރފ
30 July 2017
މާލޭގެ ކުލަބު ތަކަށް ހަޖަމެއް ނުވާނެ އަތޮޅު ތެރޭގެ ޓީމަކަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެލަން ލިބުނަސް. ބަލަ ކޮންމެ ޓީމަކަށްވެސް ގަދަ 4 ށް އެރުމުގެ ފުރުސަތު އޮތެންނު. ފެންވަރު ދަައްކަމުން ކެޓުން އެއީ ރާއްޖެތެރޭ ޓީމުތަކުގެ މައްސަލައެއްނޫންދޯ؟ ކޮންމެ އަހަރަކު ނ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ސިޔާމް މައުރޫފް ސޮކަރ ކަޕްގެ ޗެންޕިއަން ކަން ހޯދާ ރަށަކަށް މާލޭ ލީގުން ފުރުސަތު ދިނުން ރަނގަޅު ކަމަށް ދެކެން.
ކެޔޮޅު
30 July 2017
ރާއްޖެތެރެ ނޫނީ އަތޮޅުތެރޭ ޓީމް ތަކެއް ނޫން މަެްސަލައަކީ ރަގަޅުރޭޗުންތެރިކަމެއް ނެތުން. ޕްރީމިއަރ ލީޤް މެދުން ގޯލް ވިއްކޭގޮތަށް ބައްޓަން ކޮށްފަ އޮތް ސިސްޓަމެއް މިހާރު މިއޮތީ.
ޢަލީ އަހުމަދު
30 July 2017
ސީރިއަސްކޮށް ޝަވީދޫ ކަލޭ އެފް އޭ އެމް ގަ ހުރެގެން ދިވެހި ފުޓްބޯޅަ ކުރިއެއް ނާރާނެ، ބައްސާމް ކަލޭވެސް ރަނގަޅުވާނީ ތިޖެނެރަލް ސެކްރެޓަރީކަން ނުކޮށް ދުރަށް ޖެހިލިއްޔާ، ވަރަށް ސަލާން
ހަމަތަ
30 July 2017
ކަލޯ ހަމަތަ؟ ރަގަނޅަށް ބަލާބަލަ އެފް.އޭ.އެމްގަ ތިބި ބަޔެއް
ފުޓްބޯޅަ
30 July 2017
ބުރޯ ހާދަ ފަހަތުގަ
ތަކުރު
30 July 2017
އަސްލުވެސް ވަރަން ދެރަކޮން ވީކަމެންތީ!
ބޯޅަ
31 July 2017
އެފް އޭ މުން އެބަޖެހޭ ތިޔަކުޅޭ މެޗްތައް ރާއްޖެތެރޭ މީހުންނަށްވެސް ފެންނާނެހެން މެޗްތައް ލައިވް ކުރަން.