ޑި ރޮސީ، ކިއެލީނީ އަދި ބަރްޒާލީ ވެސް ގައުމީ ޓީމާ ދުރަށް

މިލާން (ނޮވެމްބަރު 13) – އަންނަ އަހަރުގެ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ގެއްލުމާ އެކު، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގައުމީ ޓީމުން ރިޓަޔާކޮށްފައިވަނިކޮށް ތަޖުރިބާކާރު އިތުރު ތިން ކުޅުންތެރިން ކަމަށްވާ ޑެނިއަލް ޑި ރޮސީ އާއި ޖިއޯޖިއޯ ކިއެލީނީ އަދި އަންދްރޭ ބަރްޒާލީ ވެސް ކުޅުން ހުއްޓާލައިފި އެވެ.


އިޓަލީ އަށް 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފުގެ ދެ ވަނަ ލެގުގައި ރޭ ސްވިޑަންއާ 0-0 އިން އެއްވަރުވެ ދެ ލެގުގެ އެގްރިގޭޓުން 1-0 އިން ބަލިވުމުންނެވެ.

ފަބިއޯ ކަނަވާރޯ ގައުމީ ޓީމާ ދުރަށް ދިޔަ ފަހުން އިޓަލީގެ ޑިފެންސުގެ އެންމެ މުހިއްމު ކުޅުންތެރިއާގެ ގޮތުގައި ހުރި ކިއެލީނީ، 33، ވަނީ ގައުމީ ޓީމަށް 96 މެޗު ކުޅެދީފަ އެވެ. އޭނާ ބުނީ ކުރިއަށް އޮތްތަނުގައި މިފަދަ ލޯތްބާއި ސަޕޯޓް ބޭނުންވާނެ އެތައް ހުނަރުވެރި ކުޅުންތެރިންނެއް އިޓަލީގައި އެބަތިބި ކަމަށެވެ. އަދި މިފަދަ ވެއްޓުމަކާ އެކު އަލުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ޔުވެންޓަސްގެ ޑިފެންޑަރު ބުންޏެވެ.

ބަރްޒާލީ އަކީ އިޓަލީން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވެސް ޓީމުގައި ހިމެނުނު ޑިފެންޑަރެކެވެ. އުމުރުން 36 އަހަރުގެ ބަރްޒާލީ ގައުމީ ޓީމަށް 73 މެޗު ކުޅެދީފައިވެ އެވެ.

ކިއެލީނީ އާއި ބަރްޒާލީ ދިއުމުން ލިއޮނާޑޯ ބޮނޫޗީއާ އެކު އިޓަލީގެ ޑިފެންސް ބަލަހައްޓާނެ ކަމަށް ބެލެވެނީ ޒުވާން ދެ ޑިފެންޑަރުން ކަމަށްވާ ޔުވެންޓަސްގެ ޑެނިއަލް ރުގާނީ އާއި އޭސީ މިލާނުގެ އަލެސިއޯ ރޮމަނޮލީ އެވެ.

ބަރްޒާލީ ބުނީ މިއީ ދައުރެއްގެ ނިމުން ކަމަށާއި ފުޓްބޯޅައިގެ ނަޒަރުން ބަލާއިރު މިއީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މާޔޫސްކަން ކަމަށެވެ.

"އަހަންނަށް ނޭގޭ މި ޓީމުން މަދުވީ ކޮން ކަމެއްކަމެއް. އަހަންނަށް އެނގޭހާ ވެސް ކަމަކީ ވޯލްޑް ކަޕުން އަހަރެމެން ބޭރުވެއްޖެކަން. މިއީ ވަރަށް އެހެން ކަހަލަ މާޔޫސްކަމެއް. އަދި މި ކުޅުންތެރިންނާ ވަކިވާން ޖެހުމަކީ ވޭނެއް،" ބަރްޒާލީ ބުންޏެވެ.

ގައުމީ ޓީމަށް ދެން ކުޅުން ހުއްޓާލި ޑި ރޮސީ އަކީ ފަހުގެ ތާރީހެއްގައި އިޓަލީގައި އުފެދުނު އެންމެ ހުނަރުވެރި އެއް ސެންޓްރަލް މިޑްފީލްޑަރެވެ. އިޓަލީން 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ގްރޫޕް ސްޓޭޖުގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑާ ގުޅިގެން ގިނަ މެޗުތަކަށް ސަސްޕެންޑްވި ނަމަވެސް އެނބުރި އައިސް ފައިނަލުގައި ކުޅުނެވެ. އޭއެސް ރޯމާ އަށް ކުޅޭ ޑި ރޮސީ އަކީ މަސައްކަތުގެ ރޭޓް މަތި އަދި ޓީމު ރޫހުގައި ކުޅޭ ކުޅުންތެރިއެކެވެ. އިޓަލީ ގައުމީ ޓީމަށް 2004 އިން ފެށިގެން އޭނާ ވަނީ 117 މެޗު ކުޅެދީފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ޑި ރޮސީ ނުހިމެނެ އެވެ. ފަހު ހާފުގައި އޭނާ ގާތު ވޯމްއަޕް ކުރަން ދާން އެދުމުން އޭނާ ވަނީ، ބެންޗުގައި ހުރި ފޯވާޑް ލޮރެންޒޯ އިންސީނޭ އަރުވަން އިޝާރާތްކޮށްފަ އެވެ.

"މިއީ އަހަރެމެންގެ ފުޓްބޯޅައަށް އަނދިރި ވަގުތެއް. އަދި މި ދެ އަހަރުގެ ދައުރުގައި އުޅުނު ކުޅުންތެރިންނަށް ވަރަށް ވަރަށް އަނދިރި،" ޑި ރޮސީ ބުންޏެވެ. "މިހާރު ދެން އޮތް ޖީލުގެ ކުޅުންތެރިން ތިބީ ދަތުރަށް ތައްޔާރުވެގެން. އަދި އެ ކުޅުންތެރިންނާ ހަމައިން އަލުން ފަށަން ޖެހޭ."

ބުފޮން، ބަރްޒާލީ، ޑި ރޮސީ އަދި ކިއެލީނީ ވަކިވުމާ އެކު އިޓަލީގެ ކެޕްޓަން ބޭންޑް ލިބޭނެ ކަމަށް ބެލެވެނީ އޭސީ މިލާނުގެ ވެސް ކެޕްޓަން ބޮނޫޗީ އަށެވެ.