ފަހު މެޗުން ބަލިވެ ނިއު ކަޓައިފި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހު މެޗުން މިރޭ ރަށުން ބޭރުގައި އިންޑިއާގެ އައިޒޯލް އެފްސީ އަތުން 2-1 އިން ބަލިވެ ނިއު ރޭޑިއަންޓް މުބާރާތުން ކަޓައި، ދެ ވަނަ ބުރުގެ ޖާގަ އިންޑިއާގެ ބެންގަލޫރު އެފްސީ ހޯދައިފި އެވެ.


ގްރޫޕުގެ އެއް ވަނަ ޓީމަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭއިރު މިރޭ މޮޅުވެގެން ނިއު އަށް އެއް ވަނަ ހޯދުމުގެ ފުރުސަތު އޮތެވެ. އެއީ ހެޑް-ޓު-ހެޑް ގަވާއިދުން އެއް ވަނަ ނިއު އަށް ލިބޭތީ އެވެ. އެކަމަކު އެ ޓީމު ބަލިވެ، އަދި އަނެއް މެޗުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން އަތުން 4-0 އިން ބެންގަލޫރު މޮޅުވުމުން އެ ޓީމަށް ފުރުސަތު ލިބުނީ އެވެ. ބެންގަލޫރުން 15 ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު ނިއު ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ދިޔަ އަބަހާނީ އާއި ހަތަރު ވަނަ ދިޔަ އައިޒޯލަށް ލިބުނީ ހަތަރު ޕޮއިންޓެެވެ.

ފަސް އަހަރަށް ފަހު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް ނިއު އިން ކުރަމުން އައި މަސައްކަތަށް ނިމުން އައީ އެވެ. އެ ޓީމުން 2005 ވަނަ އަހަރު މުބާރާތުގެ ތިން ވަނަ ހޯދި އިރު 2013 ވަނަ އަހަރު ކުއާޓާގައި ވާދަކުރި އެވެ.

އޭއެފްސީ ކަޕްގައި މިދިޔަ ދެ އަހަރު ވެސް ރާއްޖޭގެ ޓީމުތަކަށް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ނުލިބުނީ ބެންގަލޫރާ ވާދަކޮށް ކުރި ނުހޯދިގެންނެވެ. މިދިޔަ ފަހަރު މާޒިޔާ ފަހަތަށް ޖައްސާލުމަށް ފަހު ގްރޫޕް ކާމިޔާބުކުރީ ބެންގަލޫރު އެވެ.

މެޗު ފަށައިގެން ނިއު އިން ބޯޅަ ހިފަަހައްޓައިގެން ކުޅެމުން ދަނިކޮށް އައިޒޯލްގެ އައިވަރީ ކޯސްޓު ކުޅުންތެރިޔާ ލެއޯންސް ޑޯޑޯޒް ނަގައިދިން ހުރަހެއް ގޯލަށް ވަންނާން ދަނިކޮށް ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

އައިޒޯލް ހާފުގެ ތެރޭގައި ނިއު އިން ގިނަ ވަގުތު ކުޅެމުންދިޔައިރު، މެޗުގެ 22 ވަނަ މިނިޓްގައި ނިއުގެ މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ އައިޒޯލް ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. އޭގެ ފަހުން ނިއު އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެންމެ އެދެވޭ ހަމަލާތަކެއް ފޮނުވާނުލެވުނެވެ. އެ ޓީމުން އެޓޭކް އުފައްދަން ކުރި މަސައްކަތް ކާމިޔާބުނުވީ ފަހު ވަގުތު ރަނގަޅު ތަނަށް ޕާސް ނުދެވޭތީ އެވެ.

ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބޭ ބޯޅަތަކުގައި އޭނާ އަށް އެންމެ ރަނގަޅަށް ބޭނުން ނުހިފުނީ އައިޒޯލް ކުޅުންތެރިން އޭނާ މާކްކޮށްގެން ކުޅުމުންނެވެ. އެހެންވެ ގިނަ ބޯޅަތަކެއް އޭނަ އަތުން ވެސް ވަނީ ގެއްލިފަ އެވެ.

މި ހާފުގައި ކައުންޓަ އެޓޭކުގައި އައިޒޯލަށް ލިބޭ ބޯޅަތަކުގައި އެ ޓީމުން ވެސް ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކުރަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވެ އެވެ.

ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނިޓްގައި އައިޒޯލުން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެ ޓީމުގެ ރުމޭނިއާ މިޑްފީލްޑަރު އަންދްރޭއި ހުސްކޮށްލާފައި އޭރިއާ ތެރެއިން އެ ޓީމުގެ ޑޯޑޯޒް ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ރޮނގުކައިރިން ނިއުގެ ކުޅުންތެރިން ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

މެޗުގެ 56 ވަނަ މިނިޓްގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ އަމާޒުވީ އައިޒޯލްގެ ކީޕަރު އަވިލާޝް ޕޯލް އަތަށެވެ. އައިޒޯލްގެ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނިޓްގައި ލިބުނު ފުރުސަތަކުން ޑޯޑޯޒް އެވެ.

އައިޒޯލްގެ ލަނޑާ އެކު ނިއު އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ދަގަނޑޭ އާއި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އޭގެ ފަހުން ދަގަނޑޭ ފޮނުވާލި ބޯޅަ ކީޕަރު އަވިލާޝް ވަނީ މަތަކޮށްފަ އެވެ.

ލީޑުފުޅާކުރަން މެޗުގެ 77 ވަނަ މިނިޓްގައި ނިއު އޭރިއާ ތެރެއިން އަންދްރޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ނިއު އިން ކުރިއަށް ޖެހިގެން އެޓޭކް ކުރަމުންދިޔަ ވަގުތު ފަހަތަށް އައި ބޯޅައެއްގައި އައިޒޯލްގެ ދެ ވަނަ ލަނޑު މެޗުގެ 82 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަންދްރޭ އެވެ. އަންދްރޭ ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ގައިގައި ޖެހިފައި ދެ ވަނަ ފަހަރަށް ލިބުމުން އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް އަތީގް ވަނީ ނިއު އަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. ސްޕެއިން ޑިފެންޑަރު ޖޯޖް ގޯތޯރް ބޮލުން ޖައްސާލި ބޯޅަ އަތީގް ވަނީ ކީޕަރު އަވިލާޝް ބޯމަތިން ގޯލަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން އަތީގާއި ދަގަނޑޭ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

މި މެޗުން ނިއު ބަލިވިއިރު، އިންޑިއާގެ ގުވާޓީގެ އިންދިރާ ގާންދީ އެތުލެޓިކް ސްޓޭޑިއަމްގައި ރާއްޖޭގެ ޓީމުތަކަށް ވަނީ އިތުރު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ ސާފް ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ މި ދަނޑުގައި ކުޅުނު ދެ މެޗުން ސާފް ގޭމްސްގެ ސެމީ ފައިނަލުގައި ނޭޕާލް އަތުން އަދި ތިން ވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ވަނީ މި ދަނޑުގައި މޯހަން ބަގާން އަތުން ވެސް ބަލިވެފަ އެވެ.