އުމުރުން 23 އަހަރުގައި މުހައްމަދު ނަދީމް ފުޓްބޯޅަ ދަނޑުގައި ފިޔަޖަހަމުން ދަނިކޮށް ބިމާހަމަކޮށްލީ ފަޔަށް އެރި ވަރުގަދަ ޓެކުލެކެވެ. ކަށިމައްޗަށް ލިބުނު އެ ހާނިއްކައިގައި ބަލި އެނދުގައި އަހަރެއްހާ ދުވަސް އޮންނަން ޖެހުނެވެ. އެކަމަކު އެއީ އަލުން ތެދުވެ އުދުހިގަންނަން ބޭނުންވާ ހިތްވަރު އޭނާގެ ކިބައިން ނެތުނު ސަބަކަށް ނުވި އެވެ. މިއަދު އުމުރުން 52 އަހަރުގައި، ހިތުގެ ސީރިއަސް ތިން ވަނަ އޮޕަރޭޝަނަކާ ކުރިމަތިލާއިރު ވެސް އޭނާ ދައްކަނީ ހަމަ އެ ހިތްވަރެވެ.

ހިތުގެ މައްސަލަތަކެއް ހުންނަކަން، މީގެ ތިން އަހަރު ކުރިން ކުއްލި ގޮތަކަށް އެނގި، މިހާތަނަށް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ފަރުވާ ހޯދައިފަ އެވެ. އައިޖީއެމްއެޗުގައި މާދަމާ ހެނދުނު އޭނާގެ ހިތުގެ ތިން ވަނަ އެންޖީއޯޕްލާސްޓީ ހަދާނެ އެވެ. ފުޓްބޯޅަ އާއި ވޮލީބޯޅައިގެ ކުރީގެ ތަރި ނަދީމް ބުނި ގޮތުގައި އުފެދުމުގައި ހުރި އެ މައްސަލަތައް ފާހަގަނުވެ ހުރި އެއް ސަބަބަކީ ފިޓްނަސް ރަނގަޅުވުމެވެ.

"އެކަމަކު ކުޅުން ހުއްޓާލައި ފިޓްނަސް މަޑުމަޑުން ދަށްވެ އަދި އުމުރުން ވެސް ދުވަސްވާން ފެށުމުން އެކަން ފާހަގަވާން ފެށީ،" އޭނާ ބުންޏެވެ.

ނަދީމްގެ ހިތުގެ ވާތު އާޓެރީގައި 99 ޕަސެންޓުގެ ބްލޮކެއް ހުރިކަމަށް ޑޮކްޓަރު ބުނީ 2015 ވަނަ އަހަރު މަންމަ އާއި ބައްޕަ ގޮވައިގެން އިންޑިއާ އަށް ކުރި މެޑިކަލް ދަތުރެއްގައި އޭނާ ހެދި ޗެކަޕަކުންނެވެ. އަދި ވަގުތުން ވަގުތަށް އެންޖީއޯޕްލާސްޓީ ހެދި އެވެ.

"ގުދުރަތީ ގޮތުން ވެސް އަޅުގަނޑުގެ ހިތުގެ ނާރުތައް ހިމައީ ކަމަށް ޑޮކްޓަރު ބުނީ. އޭގެ އިތުރުން ބޭޑް ކޮލެސްޓްރޭޓް މާގިނައިން އުފެދެނީ. އެއީ ހަމަ ޖެނެޓިކަލް ކަމެއް،" ނަދީމް ބުންޏެވެ.

އެ ފަރުވާ އަށް ފަހު އޭނާގެ ހާލަތު ރަނގަޅެވެ. އަދި ކޮންމެވެސް ވަރަކަށް ކުޅިވަރުގެ ތެރެއަށް އަލުން ވަނެވެ. ހާލަތު އަނެއްކާ ވެސް މިދިޔަ ރޯދަ މަހުގެ ތެރޭގަ އެވެ. ފެންވަރަން ހުއްޓާ ކުއްލިއަކަށް މެޔަށް ތަދުވާން ފެށީ އެވެ. ކުޑަކޮށް އަރާމުކޮށްލުމުން ރަނގަޅުވާނެ ކަމަށް ހީކުރި ނަމަވެސް އާދަޔާހިލާފަށް ދާ ހިތްލަން ފެށުމުން އޭނާ ހޮސްޕިޓަލަށް ދިޔައީ އެވެ.

"ޑޮކްޓަރު ބުނީ ކަނާތު އާޓެރީގައި ބްލޮކެއް ހުރި ކަމަށް. އެއް ނާރު 100 ޕަސެންޓް ބެދިފައި ހުރިއިރު އަނެއް ނާރު ހުރީ 89 ޕަސެންޓް ބްލޮކްވެފައި ކަމާށް ބުނީ" ނަދީމް ބުންޏެވެ.

ނަދީމް އޭނާގެ އަންހެނުން (ވ) އަދި ދެ ކުދިންނާ އެކު.
ނަދީމް އޭނާގެ އަންހެނުން (ވ) އަދި ދެ ކުދިންނާ އެކު.

އެހިސާބުން ވަގުތުން އެންޖީއޯޕްލާސްޓީ ހަދައި ފަރުވާދިނެވެ. އޭނާގެ އަށް ފަރުވާ ދިން އައިޖީއެމްއެޗުގެ ސީނިއާ ކާޑިއޮލޮޖިސްޓް ޑރ. އަލީ ޝަފީގް ވިދާޅުވީ އިތުރު ދެ ބްލޮކެއް ވެސް ހުރި ކަމަށެވެ. އެ ދެ ބްލޮކް ރަނގަޅުކުރަން ހަފުތާއެއްހާ ދުވަސް ފަހުން އިތުރު ސާޖަރީއެއްހަދަން ޑޮކްޓަރު ލަފާ ދެއްވި ނަމަވެސް ނަދީމްގެ ހަށިގަނޑުގައި ސީކޭ ގިނަވެ ކިޑްނީ އާއި ފުރަމޭގެ މަސައްކަތަށް ބުރުއަރާތީ ސާޖަރީ ފަސްކުރަން ޖެހުނީ އެވެ.

"ބޭސް ބަދަލުކޮށްގެން ވެސް އެކަމަށް ހައްލެއް ލިބޭތޯ މަޑުކުރީ،" ނަދީމް ބުންޏެވެ.

އެ މުއްދަތުގައި އޭނާގެ ޑޮކްޓަރުގެ ހުއްދައާ އެކު، ދާދި ފަހުން މެލޭޝިއާގައި ބޭއްވި ވެޓްރަންސް ވޮލީބޯޅަ މުބާރާތުގައި ކުޅުނެވެ. ރާއްޖޭން ބޮޑެތި ކާމިޔާބީތަކެއް ހޯދި އެ މުބާރާތުގައި ކުޅެން މެލޭޝިއާ އަށް ގޮސް ހުރިއިރު އެތަނުގައި ވެސް އިތުރު ޗެކަޕްތަކެއް ހެދި އެވެ.

"ފަހުން ބެލިބެލުމުން ޑޮކްޓަރު ލަފާ ދެއްވީ ސާޖަރީ ހެދުން ލަސްކޮށްފިއްޔާ ނުރައްކާ ބޮޑު ކމަށް. ރިސްކު އެބައޮތް. އެހެންވެ މާދަމާ ކުރާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" ނަދީމް ބުންޏެވެ.

އުފެދުމުގައި ވެސް އޭނާގެ ހިތުގެ ނާރުތަކަށް ދިމާވެފައިވީ މައްސަލަތައް "ފަރުދާވެފައި" ހުރި ސަބަބަކީ ވެސް ކުޅިވަރުގެ ތެރެއިން އޭނާ އަށް ލިބުނު ވަރުގަދަ ބުންވަރެވެ. މިއަދު ހިތުގެ އެ މައްސަލަތައް ކުރިމަތިވުމުން ލިބޭ ހިތްދަތިކަން އޭނާ ފަރުދާކުރަނީ ކުޅިވަރުން ލިބުނު ހިތްވަރާއި ލޯބި ބޭނުންކޮށްގެންނެވެ.

"އަޅުގަނޑަށް ކުޅިވަރުގެ ތެރެއިން ދަސްވި އެއްޗަކީ ހިތްވަރުކުރުމާއި ދިމާވާ ކޮންމެ ކަމަކަށް ކެރިގެން ކުރިމަތިލުން،" ނަދީމް ބުންޏެވެ.

ނަދީމް (ކ) ދާދި ފަހުން މެލޭޝިއާގައި ބޭއްވި ވެޓްރަންސް މުބާރާތެއްގައި އިނާމަކާ ހަވާލުވަނީ.
ނަދީމް (ކ) ދާދި ފަހުން މެލޭޝިއާގައި ބޭއްވި ވެޓްރަންސް މުބާރާތެއްގައި އިނާމަކާ ހަވާލުވަނީ.

އެކަންކަމުން ހިތްވަރު ހޯދައިގެން މިއަދު އޭނާ ބަލިއެނދުގައި އޮތީ ހިނިތުންވުމަކާ އެކު އެވެ. މިއަދު އޭނާ ހަނދާންކުރަނީ ފުޓްބޯޅަ ދަނޑާއި ވޮލީބޯޅަ ކޯޓުގައި ހޯދި ކާމިޔާބީތަކެވެ. ކްލަބް ވެލެންސިއާ އިން ފެށި ކެރިއަރު، އެއްބަފާ ބޭބެ މޫސާމަނިކު (ކުޑަމޫސަ) އާ އެއް ޓީމަށް ކުޅެން ވެގެން ނިއު ރޭޑިއަންޓަށް ބަދަލުވި ވުމެވެ.

ނޫ ޖާޒީގައި އޭނާ ކުޅުނު އެންމެ ހާއްސަ އެއް މެޗަކީ ގަލޮޅު ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށްގެން ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި އޭނާ ގޯލް ޖަހައި ތާރީހުން ޖާގަ ހޯދި އެވެ. އެކަމަކު ބޮކި އަލީގައި ކުޅުނު އެހެން މެޗެއްގައި ވިކްޓަރީގެ މުހައްމަދު ސިރާޖުގެ ނުރައްކާތެރި އެ ޓެކުލް އޭނާގެ ފަޔަށް އެރި އެރުމަކީ ހިތި ހަނދާނެކެވެ.

"ވަރަށް ރަނގަޅަށް ކުޅެކުޅެ ހުއްޓާ އެކަމާ ކުރިމަތިވީ. އެކަމަކު ހިތްވަރަށް އެއްވެސް ބަދަލެއް ނާދޭ. އަޒުމަށް ގުޑުމެއް ނާރާ،" ހައި ޖަމްޕުން ގައުމީ ރެކޯޑުގެ އޭރުގެ މިލްކުވެރިޔާ ބުންޏެވެ.

މިއަދުގެ ޒުވާނުންނަށް ނަދީމް ބޮޑަށް އެނގޭނީ ފަހުން ހުއްރިއްޔާ އަށް ކުޅުނު ދުވަސްވަރެވެ. މާލެ އަތޮޅު ހުރާގެ މަޝްހޫރު ފުޓްބޯޅަ ޓީމުން، ކުޑަމޫސަގެ ކެޕްޓަންކަމުގެ ދަށުން، އަލީ ޝިހާމާއި މައުސޫމް އަބްދުލްގަފޫރު (މާސޭ) އަދި އިސްހާގު އީސާ މެން ފަދަ ކުޅުންތެރިންނާ އެކު ވިދާލިއިރު ނަދީމަކީ އެ ޓީމުގެ މުހިއްމު މިޑްފީލްޑަރެކެވެ.

"އެއީ ވެސް ވަރަށް ހާއްސަ ހަނދާނެއް،" ނަދީމް ބުންޏެވެ.

ނަދީމް (ވ) 2005 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕުގައި ނޫސްވެރިޔާ އަޒްމީނާ އެކު.
ނަދީމް (ވ) 2005 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕުގައި ނޫސްވެރިޔާ އަޒްމީނާ އެކު.

ވޮލީ ކޯޓުގައި ނިއު، ވިކްޓަރީ، ވެލެންސިއާ، އޯކިޑް އަދި ހިޒް ކްލަބުގެ ޖާޒީ ލާފައިވާ ނަދީމުގެ ހިދުމަތް ފަހުން ލިބުނީ ވޮލީގެ ކޯޗިންގަ އެވެ. އެ ކުޅިވަރުގެ ފިރިހެން އަދި އަންހެން ގައުމީ ޓީމާއި ބީޗް ވޮލީގެ ދެ ޖިންސުގެ ގައުމީ ޓީމަށް ވެސް އޭނާ ކޯޗުކޮށްދިނެވެ.

އަދި އޭނާ ވަޒީފާއަދާކުރަމުން އައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްލަބްތަކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. އެކަމަކު މިވަގުތު އޭނާ ވަނީ ކުޅިވަރުގެ އިތުރުން ވަޒީފާއާ ވެސް ދުރުވެފަ އެވެ. ފުލުހުންގެ ވަޒީފާގައި 10 އަހަރު ހޭދަކުރުމަށް ފަހު މީގެ ހަ މަސް ކުރިން ވަކިވީ ވެސް ބޭސްފަރުވާ އަށް ސަމާލުކަން ދިނުމަށެވެ.

"މިވަގުތު ވީހާ ވެސް ސްޓްރެސްއާ ދުރުވެ އާއިލާއާ އެކު ވަގުތު ހޭދަކުރަން ބޭނުންވަނީ،" ޒުވާނުންގެ ގައުމީ އިނާމާއި ކުޅިވަރުން ހިތްވަރުދިނުމުގެ ގައުމީ އިނާމް ހާސިލްކޮށްފައިވާ ނަދީމް ބުންޏެވެ.