ޗެތުރީ އިންޑިއާ މޮޅުކޮށްދީ މެސީ ފަހަތަށް ޖައްސާލައިފި

ސުނިލް ޗެތުރީ ދެ ގޯލް ޖަހައި، ބައިނަލްއަގްވާމީ ލަނޑު ލިސްޓުގައި އާޖެންޓީނާގެ ލިއޮނަލް މެސީ ފަހަތަށް ޖައްސާލި މެޗުން އިންޑިއާ އިން ތައިލެންޑް 4-1 އިން ބަލިކޮށް އޭޝިއަން ކަޕުގައި ފުރިހަމަ ފެށުމެއް ހޯދައިފި އެވެ.


ބައިނަލްއަގްވާމީ ލަނޑު ލިސްޓުގައި ޗެތުރީ 20 ވަނަ އަށް އެރީ 105 މެޗުން 67 ގޯލް ހަމަކޮށްގެންނެވެ. މެސީ އޮތީ 128 މެޗުން 65 ގޯލް ޖަހައި 21 ވަނައިގަ އެވެ. މިވަގުތު ކުޅޭ ކުޅުންތެރިންގެ ތެރެއިން ޗެތުރީ އަށް ވުރެ ކުރީގައި އޮތީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެކަންޏެވެ. ޖުމްލަ ލިސްޓުގައި ރޮނާލްޑޯ ދެ ވަނައިގައި އޮތީ 154 މެޗުން 85 ގޯލްޖަހައިގެންނެވެ.

އެއް ވަނަ އަކީ 149 މެޗުން 109 ގޯލް ޖަހާފައިވާ އީރާނުގެ ކުރީގެ ފޯވާޑް އަލީ ދާއީ އެވެ. ރާއްޖޭގެ ކުޅަދާނަ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އޮތީ 78 މެޗުން 52 ގޯލް ޖަހައިގެން 46 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ދަގަނޑޭ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭތީ އޭނާ އަށް ލަނޑު ލިސްޓުގައި ކުރިއަށް ޖެހިލެވޭ ގޮތެއް ނުވި އެވެ.

އަބޫ ދާބީގައި ކުރިއަށްދާ އޭޝިއަން ކަޕުގައި އިންޑިއާ އިން އޭޝިއާގައި އެންމެ ކުރިއަރަމުން އަންނަ އެއް ގައުމު ކަމަށްވާ ތައިލެންޑް ތަފާތު ބޮޑުކޮށް ބަލިކުރުމަކީ ހައިރާންކުރުވަނިވި ނަތީޖާއެކެވެ. އިންޑިއާ އިން މި މުބާރާތުގައި އެންމެ ފަހުން ވާދަކުރިއިރު، 2011 ގައި އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި ބަހުރޭނާ އެއް ގްރޫޕެއްގައި ހިމެނި މުބާރާތް ނިންމާލީ ތިން މެޗުން ވެސް ބަލިވެގެންނެވެ. އެހެންވެ މި ފަހަރު އޮތީ ފުރަތަމަ މެޗާ އެކު ވެސް ކުރިއަށް ވުރެ ނަތީޖާ ރަނގަޅުކޮށްފަ އެވެ.

"ޓީމާ މެދު އުފާކުރަން. ކުޅުންތެރިން އުފާވެފައި ތިބި ވަރު މޫނުމަތިން ފެންނަން ހުންނާނެ. އިންޑިއާ ސަޕޯޓަރުން އާދަޔާހިލާފު ސަޕޯޓެއް ދިން. އެހެންވެ އުއްމީދުކުރަނީ ސަޕޯޓަރުން އުފާވަރުގެ ނަތީޖާއެއް ނެރެވޭނެ ކަމަށް ކުރިއަށް އޮތްތަނުގައި ވެސް،" ޗެތުރީ ބުންޏެވެ.

އަބޫ ދާބީގެ އަލް ނަހްޔާން ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި އިންޑިއާ އަށް ޗެތުރީ ކުރި ހޯދައިދިނީ 27 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ތައިލެންޑުން ވަނީ ޓީރަސިލް ޑަންގްޑާގެ ގޯލުން އެއްވަރުކޮށްފަ އެވެ. އިންޑިއާ އިން އަލުން ލީޑު ނެގީ ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޗެތުރީ ޖެހި ގޯލަކުންނެވެ. އިންޑިއާ އިން މެޗުގެ ފަހުބައިގައި ތަފާތު ބޮޑުކޮށްދިނީ އަނިރޫދު ތާޕާ އާއި ޖޭޖޭ ލަލްޕެކުލާ އެވެ.

އިންޑިއާ ހިމެނޭ ގްރޫޕުގެ ފުރަތަމަ މެޗުން ޔޫއޭއީ އާއި ބަހުރޭން 1-1 އިން އެއްވަރުވެފައިވާތީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތީ އިންޑިއާ އެވެ. ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަށް ވެސް ނޮކްއައުޓް ބުރުން ފުރުސަތު އޮތުމުން އިންޑިއާ ހޮވޭނެ ކަމަށް ވަރަށް ބޮޑަށް މިހާރު ބެލެވެ އެވެ.