ނިއު ރޭޑިއަންޓަށް މި ސީޒަނުގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑްކުރަން އިއްޔެ އެފްއޭއެމްގެ ކޮންގްރެސް އިން ނިންމި ނިންމުމަކީ ނިއު ނައްތާލުމުގެ ވިސްނުމުގައި ޒާތީ ގޮތުން ބަޔަކު ކުރި މަސައްކަތެއް ކަމަށާއި އެކަން ކާމިޔާބުނުވާނެ ކަމަށް އެ ކްލަބުގެ ކުރީގެ ޗެއާމަން އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެދެން ނިއު ތައްޔާރުވަނިކޮށް، މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު އެ ކްލަބް ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ.

އެގްޒެކެޓިވް ކޮމިޓީއެއް ލިބިދޭ ބާރެއްގެ ދަށުން ސަސްޕެންޑްކުރި ކުރުން ދަމަހައްޓަން ކޮންގްރެސްއަށް ފެނޭތޯ ބަލަން ނެގި ވޯޓުގައި އެކަމާ ދެކޮޅަށް ވޯޓް ދިނީ ވިކްޓްރީ އާއި މަހިބަދޫ ސްޕޯޓްސް ކްލަބުން އެކަންޏެވެ. ސަސްޕެންޝަން ދަމަހައްޓަން ފެންނަ ކަމަށް ވޯޓް ދިނީ މާޒިޔާ، އީގަލްސް، ވެލެންސިއާ، ދަ ގްރާންޑޭ، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ޓީސީ ސްޕޯޓްސް، ބީޖީ ސްޕޯޓްސް، ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު އަދި ކްލަބް ސީލޭންޑެވެ.

އާޒިމް "މިހާރަ"ށް ވިދާޅުވީ އިއްޔެ ކޮންގްރެސް އެ ނިންމީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި އެހެންވެ އެ ނިންމުން އެގޮތުގައި ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ދެމި އޮންނާނީ އިންސާފުން ނިންމާ ކަންކަން. މިއީ ނިއު ރޭޑިއަންޓް ނައްތާލުމުގެ ވިސްނުމުގައި ޒާތީ ގޮތުން ކުރަމުންދާ މަސައްކަތެއް. މިކަމެއް ނުވާނެ. މިކަން ބަދަލުވާނެ. އަބަދަކު ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ނުހުންނާނެ. އާ ރައީސެއް އައިސް މިކަން ބަދަލުކުރާނެ،" އާޒިމް ވިދާޅުވި އެވެ.

ނިއު އިން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހާސިލްކޮށް، ރާއްޖޭގެ ކްލަބެއް ބައިނަލްއަގްވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދިއިރު ޗެއާމަންކަން ކުރެއްވި އާޒިމް ވިދާޅުވީ ނިއު އަކީ ވަކި މީހެއްގެ ކްލަބެއް ނޫން ކަމަށާއި މިއީ އެތައް ބަޔެއްގެ ކްލަބެއްކަމުން މި ކްލަބް ނައްތާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"'އެތައް ދިވެހި ރައްޔިތުންތަކެއްގެ، އަދި ހާއްސަކޮށް ހެންވޭރު މީހުންގެ ކްލަބެއް މިއީ. މި ކްލަބް ނައްތާލަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ،" އާޒިމް ވިދާޅުވި އެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އަދި ފަހުން ކޮންގްރެސް އިން މުސާރައިގެ މައްސަލައިގައި ކަމަށް ބުނެ އިއްޔެ ނިއުއާ މެދު ފިޔަވަޅު އެޅިއިރު މުސާރައިގެ މައްސަލަ އެހެން ކްލަބްތަކުގައި ވެސް އެބައޮތެވެ. އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީގެ މެމްބަރުންނާ ހަވާލާދީ ނިއު އިން ބުނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެ ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ނިއު ވުރެން މުސާރައިގެ މައްސަލަ ގިނަ ދުވަސްވީ ކްލަބްތައް ހުރިކަމަށެވެ. އެހެންވެ އެ ކްލަބުން ވެސް ގަބޫލުކުރީ މިއީ ޒާތީ ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ބަދަލުގައި ފުރަތަމަ ޑިވިޝަނަށް އަންނާނެ ކަމަށް ބެލެވެނީ، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ކްލަބް ވެލެންސިއާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ. އޭނާ ކުރިން ވައިސް ޗެއާމަންކަން ކުރެއްވި އެ ކްލަބަކީ ވެސް މާލީ މައްސަލަތައް ވަރަށް ބޮޑަށް ޖެހުނު ކްލަބެކެވެ. ވެލެންސިއާ އިން ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެން އެ މައްސަލަ ފީފާ އިން ބަލައި މުސާރަ ދޭން އެންގުމުން ވެސް ނުދީގެން ޖޫރިމަނާ ވެސް އެރި އެވެ