މ. ދިއްގަރަށް ނިސްބަތްވާ ޑީސީޖޭ ސްޕޯޓްސް ކްލަބުން އެ ރަށުގައި ޒުވާން ކުޅުންތެރިން އުފެއްދުމަށް ފުޓްބޯޅަ އެކެޑެމީއެއް ހުޅުވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަައި އެ އެޑަމީ ހުޅުވައިދެއްވީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ ފުޓްބޯޅައިގެ ކުރި މަގަށް ވިސްނައި އަމިއްލަ ކްލަބަލުން ރާއްޖޭގެ ރަށެއްގައި މި ފަދަ ކަމެއް ފެށުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އަށް މިި ވަގުތު ދިމާވެފައިވާ ހާލަތުން އަރައިގަންނަން ކުރާ މަސައްކަތުގައި ކްލަބްތަކުން ކުރާ މި ފަދަ ކަންތައްތައް ބަލައިގަނެ އެއްބާރުލުން ދޭން ޖެހޭކަން ހީނާ ފާހަގަކުރެއްވި އެވެ.
ޑީސީޖޭގެ ޗެއާމަން އިސްމާއީލް މާހިދު ވިދާޅުވީ އެ އެކެޑަމީ މި ވަގުތު ހަމައެކަނި ފިރިހެން ކުދިންނަށް ފުޓްބޯޅައިގެ ކަންތައްތައް ރާވައިގެން ފެށި ނަމަވެސް ކައިރި މުސްތަގުބަލުގައި އަންހެން ކުދިންނަށް ވެސް އެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި އެހެން ކުޅިވަރުތަކުން ކުޅުންތެރިން ތަމްރީންކުރާގޮތަށް އެކެޑަމީ ފުޅާކުރުމުގެ ވިސްނުން ވެސް ޑީސީޖޭ އިން ގެންގުޅެ އެވެ.
"ދިއްގަރުގައި ސްޕޯޓްސް އެކަޑަމީއެއް ހުޅުވަން ނިންމީ ކުޅިވަރުން (ހާއްސަކޮށް ފުޓްބޯޅައިން) ރަނގަޅު ޖީލެއް ބިނާކުރުމާއި އެކު އަހުލާގު ރަނގަޅު ކުޅުންތެރިންތަކެއް އެންމެ މަތީ ފެންވަރުގައި ކުޅިވަރަށް ނެރުމަށް،" ޑީސީޖޭން އިން ބުނެފައިވެ އެވެ.
މި އެކެޑަމީ ކުރިއަށް ގެންދިއުމަށް ދިއްގަރު ކައުންސިލާއި ދިއްގަރު ސްކޫލުގެ އިތުރުން ނ. ހޮޅުދޫގައި ކުރިއަށްދާ މައި ޔުޓައިލް ސްޕޯޓްސް އެކެޑަމީގެ ބާނީ މޫސާ އިބްރާހީމް ދޭ އެހީތެރިކަން ޑީސީޖޭ އިން ފާހަގަކުރެއްވި އެވެ.
މި އެކެޑަމީ ފަށާފައިވަނީ 76 ކުދިންނާ އެކު އެވެ. ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދާ އެ އެކެޑަމީގައި ކުދިން ތަމްރީނުކުރުމަށް އެފްއޭއެމްގެ ޑީ ލައިސަންސް ސެޓްފިކެޓް ހާސިލުކޮށްފައިވާ ހަތަރު ކޯޗުން ހަރަކާތްތެރިވާނެ އެވެ.