28 ނޮވެމްބަރ 2020 - 10:08
ބީނޯޒް އެރީޒް، އާޖެންޓީނާ (ނޮވެމްބަރު 28) - މިދިޔަ ބުދަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް އިސްނަގައިގެން ބަލަން ފަށައިފި އެވެ.
މަރަޑޯނާގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި މަރަޑޯނާ މަރުވުމުގައި ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުގެ އިހުމާލެއް އެބައޮތެވެ. މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލައިގައި ބަލާ ބައެއް ކަންތައްތަކަކީ އެމްބިއުލަންސް އަށް ގުޅައިގެން އެ އަންނަން ދޮޅު ގަޑިއިރު ހޭދަވި ސަބަބާއި ދެ ހަފްތާއެއްހާ ދުވަސް ކުރިން ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ގެޔަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ރަނގަޅަށް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާކަމެވެ.
އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުން އުމުރުން 60 އަހަރުގެ މަރަޑޯނާ ނިދީގައި މަރުވީ ހިތާއި ފުއްޕާމޭ ފެއިލްވެގެންނެވެ. ޕްރޮސެކިއުޓަރުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މަރަޑޯނާގެ އިތުރު ޓެސްޓްތަކެއް ހަދަން ވެސް ޖެހިފަ އެވެ. އެއީ މަރަޑޯނާގެ ކަންތައްތައް ބެލުމަށް ހުރި ނަރުހަށް އޭނާ މަރުވި ސީދާ ގަޑިއެއް ބުންނަން ނޭނގޭތީ އެވެ.
ދަންވަރު ޝިފްޓްގައި މަސައްކަތްކުރި ނަރުސް ދިން ބަޔާނުގައި އޭނާ ވަނީ މަރަޑޯނާ މަރުވި ދުވަހުގެ ހެނދުނު 6:30 ގައި އޭނާގެ ހާލަތު ބެލި ކަމަށާއި އޭރު މަރަޑޯނާ ނިދާފައި އޮތްއިރު ނޭވާލުމުގެ ކަންތައްތައް ވެސް ނޯމަލް ކަމަށް ބުނެފަ އެވެ. ކުރިން ބެލެވިފައި އޮތީ އެންމެ ފަހުން މަރަޑޯނާއާ ބައްދަލުވީ އޭނާގެ އާއިލާ މެމްބަރަކާ އޭގެ ކުރިން ރޭ 11:30 ގަ އެވެ. އެކަމަކު ފަހުން ހެދުނު ޝިފްޓްގައި މަސައްކަތްކުރާ ނަރުސް ދިން ބަޔާނުގައި ބުނީ ހެނދުނު 7:30 ގައި ވެސް މަރަޑޯނާގެ ކޮޓަރިން މީހަކު އުޅޭ އަޑުއިވުނު ކަމަށާއި ބެލެވޭ ގޮތުގައި އެއީ މަރަޑޯނާ ކަމަށެވެ.
ބުރާސްފަތި ދުވަހު ކުރިއަށްދިޔަ މަރަޑޯނާގެ ޖަނާޒާގެ ކަންތައްތަކުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
މި ހުރިހާ ވާހަކަތައް ދިމާނުވާތީ މަރަޑޯނާގެ މަރުގެ ސެޓްފިކެޓްގައި މަރުވި ގަޑިއެއް ޖެހުމުގައި ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ސީދާ ގަޑިއެއް ނޭނގޭތީ ހުރިހާ ލިޔެކިއުމެއްގައި ސޮއިކުރަން އާއިލާއިން ބޭނުމެއްނުވެ އެވެ.
އާޖެންޓީނާގެ ތިން ޕްރޮސެކިއުޓަރަކު އިސްވެ މި މައްސަލައިގައި އުޅޭއިރު އެ ފަރާތްތަކުން ވަނީ މަރަޑޯނާގެ ސިއްހީ ކަންތައްތަކާ ބެހޭ ފައިލްތަކާއި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި މަރަޑޯނާ ފަދަ ސިއްހީ ގޮތުން ނާޒުކު ހާލަތެއްގައި އޮތް މީހެއްގެ ގެޔަށް އެމްބިއުލަންސް އަންނަން ދޮޅު ގަޑިއިރު ނެގި ސަބަބު ވެސް ސާފުވާން ޖެހޭ ކަމަށް ޕްރޮސެކިއުޓަރުން ވަނީ ބުނެފަ އެވެ.
މަރަޑޯނާގެ ޕާސަނަލް ޑޮކްޓަރު ލިއޮޕޮލްޑޯ ލޫކޭ ވަނީ މި ތަހުގީގުގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ބުނެފަ އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާގެ މަރާ އެކު އާޖެންޓީނާ ފުން ހިތާމައެއްގައި އޮތްއިރު އެ ގައުމުގެ ސަރުކާރުން ވަނީ 1986ގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން މަރަޑޯނާގެ ހަނދާނުގައި ގިނަ ކަންތައްތަކެއް ކުރަން ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy