އާޖެންޓީނާގެ އެކްސިބިޝަން މެޗެއްގެ ތެރެއިން މަރަޑޯނާ.-- ފޮޓޯ: އޭއެފްޕީ
01 ޑިސެމްބަރ 2020 - 09:59
ބީނޯޒް އެރީޒް (ޑިސެމްބަރު 1) - މިދިޔަ ބުދަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް އަމިއްލަ އަށް އިސްނަގައިގެން ބަލަމުން އަންނައިރު، އޭނާ އަށް ރައްދުވާ ތުހުމަތުތަކަށް ޖަވާބުދާރީވާނެ ކަމަށް މަރަޑޯނާގެ ޑޮކްޓަރު ލިއޮޕޮލްޑޯ ލޫކޭ ބުނެފި އެވެ.
މަރަޑޯނާގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި މަރަޑޯނާ މަރުވުމުގައި ސިއްހީ މީހުންގެ އިހުމާލެއް އެބައޮތެވެ. މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލައިގައި ބަލާ ބައެއް ކަންތައްތަކަކީ އެމްބިއުލަންސް އަށް ގުޅައިގެން އެ އަންނަން ދޮޅު ގަޑިއިރު ހޭދަވި ސަބަބާއި ދެ ހަފްތާއެއްހާ ދުވަސް ކުރިން ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ގެޔަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ރަނގަޅަށް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާކަމެވެ. ބޮޑަށް ތުހުމަތުކުރާ އެއް ކަމަކީ މަރަޑޯނާގެ އޮޕަރޭޝަންކުރި ޑރ. ލޫކޭ ފަރުވާކުޑަކުރި ކަމަށެވެ.
އިއްޔެ ބީނޯޒް އެރީޒްގެ ސެން އިސިޑްރޯ ސަރަހައްދުގެ ފުލުހުން ވަނީ ޑރ ލޫކޭގެ ގެ ބަލައި ފާސްކޮށްފަ އެވެ. މަރަޑޯނާގެ މައްސަލަ ބަލަން މަސައްކަތްކުރަމުން އަންނަ ޕްރޮސެކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގަށް ބޭނުންވާ ބައެއް ކަންތައްތައް ސާފުކުރުމުގެ ގޮތުން ޑރ. ލޫކޭގެ ބަލައި ފާސްކުރި ކަމަށާއި މިހާތަނަށް މަރަޑޯނާ މަރުގެ މައްސަލައިގައި ވަކި މީހަކަށް ދައުވާ ކުރަން ނުނިންމާ ކަމަށެވެ.
މަރަޑޯނާގެ މަރުގެ މައްސަލައިގައި ތަހުގީގަކާ ހަމައަށް ދާން ޖެހުނީ އޭނާގެ ދެ އަންހެން ދަރިން މީޑިއާ އަށް ދިން އިންޓަވިއުއަކަށް ފަހު އެވެ. މަރަޑޯނާގެ ދަރިން ބުނީ ސިކުނޑީގެ އޮޕަރޭޝަނަށް ފަހު އުމުރުން 60 އަހަރުގެ މަރަޑޯނާ ގެޔަށް ބަދަލުކުރި ފަހުން ހޮސްޕިޓަލުން އެންމެ ރަނގަޅަށް އޭނާގެ ހާލަތު ވަގުތުން ވަގުތަށް ބަލާފައިނުވާ ކަމަށެވެ.
މަރަޑޯނާ (ކ) އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ޑރ ލޫކޭއާ އެކު ނަގާފައިވާ ފޮޓޯ.
މަރަޑޯނާ ސިކުނޑީގައި ލޭކޮޅެއް ގަޑުވެގެން ކުރި އޮޕަރޭޝަނަށް ފަހު ނޮވެމްބަރު 12 ވަނަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ޑރ. ލޫކޭ ވަނީ މަރަޑޯނާއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އުމުރުން 39 އަހަރުގެ ޑރ. ލޫކޭ ބުނީ އެ މީހުން ބޭނުންވީ މަރަޑޯނާ ހޮސްޕިޓަލުގައި ބޭއްވުމަށް ކަމަށާއި އެކަމަކު އޮޕަރޭޝަން ކުރިތާ އަށް ދުވަސް ފަހުން މަރަޑޯނާ ގެޔަށް ޑިސްޗާޖް ކުރަން ނިންމީ އޭނާގެ ދަރިން އެ ގޮތަށް ބޭނުންވާތީ އާއި ގޭގައި ވެސް ޝިފްޓް ޑިއުޓީ ބަހައިގެން ނަރުހުން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސޭނެތީ ކަމަށެވެ.
"އަހަރެން މަރަޑޯނާއާ މެދު ދުށީ ޕޭޝަންޓެއްގެ ގޮތުގައެއް ނޫން. ބައްޕައެއްގެ ދަރަޖައިގެ އިހުތިރާމް ދީ އަހަރެން އޭނަ އަށް އެހީވިން. އަހަންނަށް ވެވުނު ހުރިހާ ގޮތަކުން އޭނަ އަށް އެހީވިން. އަހަރެން އޮޅުވާލަން ޖެހޭ އަދި ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތް. ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދޭން ތައްޔާރު،" ޑރ. ލޫކޭ ބުންޏެވެ.
އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުން މަރަޑޯނާ ނިދީގައި މަރުވީ ހިތާއި ފުއްޕާމޭ ފެއިލްވެގެންނެވެ. ޕްރޮސެކިއުޓަރުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މަރަޑޯނާގެ ޖަނާޒާގެ ކުރިން ބުރާސްފަތި ދުވަހު އިތުރު ޓެސްޓްތަކެއް ވެސް ހެދި އެވެ. އެއީ މަރަޑޯނާގެ ކަންތައްތައް ބެލުމަށް ހުރި ނަރުހުންނަށް އޭނާ މަރުވި ސީދާ ގަޑިއެއް ބުންނަން ނޭނގޭތީ އެވެ. މި ހުރިހާ ވާހަކަތައް ދިމާނުވާތީ މަރަޑޯނާގެ މަރުގެ ސެޓްފިކެޓްގައި މަރުވި ގަޑިއެއް ޖެހުމުގައި ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ސީދާ ގަޑިއެއް ނޭނގޭތީ ހުރިހާ ލިޔެކިއުމެއްގައި ސޮއިކުރަން އާއިލާއިން ބޭނުމެއްނުވެ އެވެ.
މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ބުނީ މަރަޑޯނާ ފަދަ ސިއްހީ ގޮތުން ނާޒުކު ހާލަތެއްގައި އޮތް މީހެއްގެ ގެޔަށް އެމްބިއުލަންސް އަންނަން ދޮޅު ގަޑިއިރު ނެގި ސަބަބު ވެސް ސާފުވާން ޖެހޭ ކަމަށާއި ހޮސްޕިޓަލުން މަރަޑޯނާ ގެޔަށް ދޫކޮށްލިއިރު އޭނާގެ ހާލަތު ރަނގަޅުވަންދެން ގޭގައި އަބަދު އެންބިއުލަންސެއް ނޫނީ ހޮސްޕިޓަލްގެ ހާއްސަ ވެހިކަލެއް އޮންނަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
01 December 2020
ޢަދިވެސް ޑޮލަރު ހޯދަންދޯ ތިހިފަނީ.
ތައްޚާނު ބޭ
01 December 2020
ދެން ކަލޭމެން ބުނެގެން ގެއަށް ބަދަލު ކުރީ. ކަލޭމެން އަތުގަ ބައްޕަ ހޯދައިދުން މުއްސަނދިކަން ހުންނާނެ. ކީއްވެބާ ފަރުވާ ކުޑަކުރީ. އަޅާނުލާ ތިބީ. ބަލަން ގެއަށް ބަދަލު ކޮށްފަ ކަމެއް ގޯސްވާނަމަ އެކަމާ އުޅެންވާނެއެއްނު. މަރުވީމާ ދެން މީހުންގެ ބޮލުގަ ބަދަނުނާމު އަޅުވައިގެން ވާނެ މޮޅެއް އެބައޮތްތަ؟ ހީވަނީ އަނެއްކާވެސް ލާރިގަނޑެއް ހޯދޭނެ މަގެއް ހޯދަނީހެން