13 ޖެނުއަރީ 2021 - 10:21
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަފްތާގެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު ސަޕޯޓަރުންނަށް ހުޅުވާލައިފި އެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، ސަޕޯޓަރުންގެ މެދުގައި ހަފްތާގެ އެންމެ މަގުބޫލު ކުޅުންތެރިޔަކު ހޮވާނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ރަސްމީ ޕޭޖުގަ އެވެ. ފުރަތަމަ ފަހަރަށް ސަޕޯޓަރުންނަށް ހުޅުވާލި މި ފުރުސަތުގައި މިހާތަނަށް ވެސް ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ސަޕޯޓަރުންނަށް ހުޅުވާލައިގެން މި ގޮތަށް އެންމެ މޮޅު ކުޅުންތެރިއަކު ހޮވަން ނިންމި އެންމެ ބޮޑު ސަބަބަކީ ލީގުގެ މެޗުތަކުގެ އިތުރުން ފުޓްބޯޅައިގައި ސަޕޯޓަރުން ބައިވެރިވާ މިންވަރު އިތުރުކުރުމުގެ ގޮތުންނެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލައި މި ފަހަރުގެ ގަދަ ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ގްރީން ސްޓްރީޓްސްގެ ސްޕެއިން މިޑްފީލްޑަރު އެންޖެލް މުނޯޒް އަދި ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް އެވެ.
ވޯޓުލުމުގެ ކަންތައްތައް މި ޕޯސްޓް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ.
ހަންނަ ވަނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން އީގަލްސް މޮޅުވި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކޮޅަށް މާޒިޔާގެ ކޯނޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ލީގުގެ ފުރަތަމަ މޮޅު ހޯދައިދިން ގޯލު ޖަހައިދިނީ މުނޯޒް އެވެ. އަދި ވެލެންސިއާ މޮޅުވާން ދަނިކޮށް ޓީސީ އަށް އެއްވަރުކޮށްދިނީ އައްޒާމް އެވެ.
ވޯޓުލުން ކުރިއަށްގެންދާނީ ހުކުރު ދުވަހުގެ 14:00 އާ ހަމައަށެވެ. ސަޕޯޓަރުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާ އަށް ޓްރޮފީ ދޭ ގޮތަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީ އާއި ފޭސްބުކް މެދުވެރިކޮށް ދައްކާތީ ގިނަ ބަޔަކު އަންނަނީ މެޗުތައް ބަލަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ދިވެހި ފުޓްބޯޅައިގެ ހަރަކާތްތައް އިތުރުވެ ފަހަކަށް އައިސް ފުޓްބޯޅައިގެ ވާހަކަ ދައްކާ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަކަން ބައެއް ކޯޗުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުލިގަމް އިސްޓައިލް
15 January 2021
ޓީސީ ޖަރޒީ 2 ވަރަށް މޮޅު... ނަމެއް ނޭނގޭ..ޕުސްލަސް ތަ ކިޔަނީ؟
އާރީ
13 January 2021
ކޮންތާކު ތިބި ސަފޯޓަރުންނެއް ވާހަކަ ބާ މި ދަށްކަނި. މިރާއްޖޭގެ ސަފޯޓަރުން ތިބި ދެކުލަބު ވަނީ ބަންސާމްގެ ހުދުމުހުތާރު ކަމުން ސަސްފެންޑްކޮށްފަ. ދެން ނެތް ސަފޯޓަރުން ތިބި ކުލަބުތަކެއް.