ކާރާއި ސައިކަލު ރޭސް ޖެހުމަށް ހާއްސަ ޓްރެކެއް ރާއްޖޭގައި ހެދެން ނެތަސް ގުޅީފަޅު ތަރައްގީވެގެން އަންނައިރު މަގުތައް ހަދަން ބޭނުންވަނީ ރޭސް ޖެހޭ ގޮތަށް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މޮޓޯ ޖީޕީ ވޯލްޑް ޗެމްޕިއަންޝިޕް ތިން ފަހަރަށް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ޖޯޖް ލޮރެންޒޯ އަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އިވެންޓްގައި މީޑިއާ އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ރޭސް ޖަހަން ވަކިން ހާއްސަކޮށް ވަކި ޓްރެކެއް ރާއްޖޭގައި ހެދުމަކީ މި ވަގުތަށް ބަލާއިރު ވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ސަރުކާރުގެ އެކި ވުޒާރާތަކާ ވާހަކަ ދައްކައިގެން ގުޅީފަޅުގެ މަގުތައް ހަދަން މަސައްކަތްކުރަނީ ރޭސް ޖެހޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ސިންގަޕޫރު ތަންތަނުގައި ވެސް މަގުތަކުގައި އެ ދުއްވަނީ [ރޭސް ޖަހަނީ]. އަޅުގަނޑުމެންނަށް އެނގޭ ކޮންމެހެނެއް ވަކިން ބައެއް ގައުމުތަކުގައި އެ ހުންނަ ގޮތަށް ވަކިން ރޭސް ޖަހަން އެ ހުންނަ ކަހަލަ ޓްރެކެއް އަދި [ރާއްޖޭގައި] ނޭޅުނަސް. އެ ކެޕޭސިޓީ ރާއްޖޭގައި ނެތް. އެއީ އެހާ މުއްސަނދި ގައުމެއް ނޫން ރާއްޖެ އަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިސާލަކަށް އިންޑަސްޓްރިއަލް އޭރިއާ ތަރައްގީވެގެން އަންނައިރު އެ ތަނަކީ ބޭނުންވާ މިންގަނޑަށް ފުޅާމިނާއި މިކަން ހުންނަ ގޮތަށް ޓްރެކްގެ ކަންތައް ހިމެނޭ ގޮތަށް ކޮށްދޭށޭ އަޅުގަނޑުމެންގެ ރިކުއެސްޓަކީ. އުއްމީދަކީ އޭގެ ތެރެއިން ލާފައި [ގުޅީފަޅު ތަރައްގީ މަޝްރޫއުގެ ތެރެެއިން] އެކަން ކުރެވޭނެ ކަމަށް. އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތެއް ކޮށްދޭނަން،"

މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ތަރައްގީވެގެން އަންނައިރު ރޭސް ޖެހޭ ގޮތަށް ފުރުސަތުތައް ތަނަވަސްކޮށްދޭން ދާދި ފަހުން ކެބިނެޓް ބައްދަލުވުމެއްގައި ވެސް ވާހަކަ ދައްކަވާފައި ވާނެ ކަމަށެވެ. އަދި އެ އެކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ވިސްނުން ވެސް ޕޮޒިޓިވްކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސްރީ ލަންކާގެ ވަރަށް ވަރުގަދަ ރޭސް ޖަހާ މީހަކާ އެކީ ރާއްޖޭގައި ރޭހެއް ބޭއްވުމުގެ ވާހަކަތަކެއް އެ ގައުމުގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަޖްސާއާ އެކީގައި ދެކެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ރާއްޖޭގައި ވެސް ކާރު ރޭހެއް ބޭއްވުމުގެ މަސައްކަތެއް ވެސް އެ މަޝްވަރާ ތެރެއިން ކުރަމުން އެބަދަން،" މަހުލޫފް ވިދާޅުވި އެވެ.

ރޭސް ޖަހަން ބޭނުންވާ ޒުވާނުންނަށް އިންތިޒާމެއް ހަމަޖައްސައިދިނުމަކީ މަގުމަތީގައި މި ހިނގާ އެކްސިޑެންޓްތައް ހުއްޓުވަން ވެސް ލިބޭނެ ފަސޭހައެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.