ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ޓީމް ޕްރޮފައިލް: ސްރީ ލަންކާ

ބިމުގެ ގޮތުން ތަނަވަސް ނަމަވެސް ލަންކާގައި ވެސް އޮންނަނީ ފުޓުބޯޅަ ކުޅޭ ބައިނަލްއަގުވާމީ އެންމެ ދަނޑެކެވެ. ކޮލަމްބޯގެ ސުގަތަދާސަ ސްޓޭޑިއަމަކީ ގައުމީ ޓީމު ކުޅޭ ބައިނަލްއަގުވާމީ މެޗުތަކުގެ އިތުރުން ލަންކާގެ ގައުމީ ލީގު ވެސް ކުޅޭ ހަމައެކަނި ދަނޑެވެ. މި ދަނޑަކީ ދިވެހިންގެ ހަނދާންތަކާ ވެސް ގުޅިފައިވާ ދަނޑެކެވެ. ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިފުގެ ސެމީ ފައިނަލުގައި ލަންކާ ބަލިކޮށް، ފައިނަލުގައި އިންޑިއާ ވެސް ބަލިކޮށް ރާއްޖޭން ފުރަތަމަ ފަހަރަށް ސަރަހައްދީ ފުޓުބޯޅަ އިން ރަން މެޑަލް ކަރުގައި އަޅުވާލީ ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގަ އެވެ.

ލަންކާ އަށް މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 1995 ވަނަ އަހަރު ލަންކާގައި ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ. ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު އެ އަހަރުގެ ފައިނަލް މެޗު ލަންކާ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން، ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފަހު ހާފުގެ ތިންވަނަ މިނިޓުގައި ސަރަތު ވަލަގޭ ޖެހި ރަން ގޯލުންނެވެ.

އެއަށް ފަހު ލަންކާ އަށް މި މުބާރާތުގެ ފައިނަލާހަމައަށް އާދެވިފައެއް ނުވެ އެވެ. ޖެހިގެން އައި 1997 ވަނަ އަހަރާއި 2008 އަދި 2009 ގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ އަތުން ބަލިވިއިރު 2015 ވަނަ އަހަރު ސެމީ ފައިނަލުން ބަލިވީ އަފްގާނިސްތާން އަތުން ބަލިވެގެންނެވެ. ދެހާސް އަށާރަ ވަނަ އަހަރު ބަންގާޅުގައި އޮތް މުބާރާތުގެ ގުރޫޕް ސްޓޭޖުން ކެޓީ، ޕޮއިންޓުގެ ގޮތުންނާއި، ކޮޅަށް ވަން ގޯލުގެ އިތުރުން ގޯލުގެ ތަފާތުންނާއި ހެޑް-ޓު-ހެޑް ނަތީޖާއިން ވެސް ރާއްޖެއާ އެއްވަރުވެގެން ނެގި ގުރުއަތުން ބަލިވެގެންނެވެ.

ކޯޗު

ލަންކާގެ ކޯޗަކީ ބޮސްނިއާ އަށް ނިސްބަތްވާ އޮސްޓްރޭލިއާ ދަރިކޮޅުގެ އާމިރު އަލަގިޗެވެ. އޭނާއަކީ ދިވެހިންނަށް ވެސް އާ މޫނެއް ނޫނެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ ސީޒަންގެ ކުރީކޮޅު ނިއު ރޭޑިއަންޓްގެ ކޯޗުކަމުގައި އެއް މަސްދުވަސް ހޭދަކޮށްފަ އެވެ. ލަންކާ ގައުމީ ޓީމާ އަލަގިޗް ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެ ތިން މަސް ފަހުން ލަންކާ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ގައުމީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ކަމުގެ މަގާމު ވެސް އަލަގިޗާ ހަވާލު ކޮށްފަ އެވެ.

ލަންކާގެ ގައުމީ ޓީމުގެ ކޯޗް އާމިރު އަލަގިޗް

އަލަގިޗް ވަނީ މީގެ ކުރިން ޖަރުމަން ކްލަބް ވާޑާ ބްރޭމަންގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް ފުރައިފަ އެވެ. ބުރުނާއީ ގައުމީ ޓީމާއި ބޮސްނިއާ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުގެ އިތުރުން އޮސްޓްރޭލިއާ، ޖަރުމަން، އެމެރިކާ، އޮމާން އިންޑިއާ އަދި މިނޫން ވެސް ގައުމުތަކުގެ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައިވާ އަލަގިޗް ވަނީ ލަންކާ ގައުމީ ޓީމާ އެކު މިވީ މަދު ދުވަސްކޮޅުތެރޭ އޭނާ ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދުރު ރާސްތާ ޕްލޭނަކަށް މަސައްކަތް ފަށައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގައި ސްރީ ލަންކާގެ މެޗުތަކުގެ ޝެޑިއުލް

- އޮކްޓޯބަރު 1 (16:00): ސްރީ ލަންކާ - ބަންގަލަދޭޝް

- އޮކްޓޯބަރު 4 (21:00): ސްރީ ލަންކާ - ނޭޕާލް

- އޮކްޓޯބަރު 7 (16:00): އިންޑިއާ - ސްރީ ލަންކާ

- އޮކްޓޯބަރު 10 (21:00): ދިވެހިރާއްޖެ - ސްރީ ލަންކާ

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454