(އާދިއްތަ ދުވަހާ ގުޅޭ)

ދަރިފުޅު އެނދަކު ނެތެވެ. އެހެނަސް އަންޖަލްއަކަށް ސިހުމެއް ނުލިބެއެވެ. ރޯކަށް ވެސް ބޭނުމެއް ނުވިއެވެ. ދަރިފުޅު ވިހެއީ އަންޖަލް ކަމުގައި ވިޔަސް، އެ ކުއްޖާއަކީ އަންޖަލްގެ އެކަނި ދަރިއެއް ނޫން ކަން އަންޖަލް ގަބޫލު ކުރިއެވެ. އަންޖަލް ވިހެއި ވަގުތުން ފެށިގެން ހުރިހައި ކަމެއް ކުރީ އެހެން ބަޔެކެވެ. 

އަންޖަލް އަޑުއަހާފައިވާ ގޮތުގައި، ވިހެއުމަކީ ތަދުވާ ކަމެކެވެ. ވަރުބަލިވާ ކަމެކެވެ. ވިހާ އިރު ތުއްތުދަރިފުޅު ގައިގައި ކިނދު ހުންނާނެއެވެ. ސާފުކުރަން ޖެހޭނެއެވެ. ފޫޅު ބުރިކުރަން ޖެހޭނެއެވެ. ކުއްޖާއާ އެކުގައި މަސް އަންނާނެއެވެ. އެއިން އެއްވެސް ކަމެއް ވިކަމެއް އަންޖަލް ނުދެނަ ހުއްޓެވެ. ފޫޅުމައެއް ނުވަތަ ޑަކުޓަރެއްގެ އެހީއެއް ވެސް ނުލިބެއެވެ. ދިން ފަރުވާއެއްދީ، ކުރިކަމެއް ކޮށް، އެޅި ބޭހެއް ވެސް އެޅީ އެ "މީހުންނެވެ." އެއީ ކަންކުރުމުގެ ތަފާތު ވައްޓަފާޅިއެއް ގެންގުޅޭ، ހުނަރުވެރި، ހަރަކާތް އަވަސް ބައެކެވެ. އެހެން މީހުން އައި އިރު އަންޖަލްއަށް ހަމަޖެހިލައިގެން އޮވެވުނީ، އެ ތަނުގައި އުޅުނު ބައެއްގެ ކުޅަދާނަ ކަމުންނެވެ. 

އަންޖަލްއަށް ހީވީ ހުވަފެނެއްގައި އޮވެވުނު ހެންނެވެ. ބައެއް ފަހަރު ފިނިކަމެއް، އަނެއްބައި ފަހަރު ހޫނުކަމެއް ހަށިގަނޑަށް އިހުސާސް ކުރެވުނެވެ. ފެހިކުލައިގެ ފަނޑު ދުމަކާއި މަލުން ދުވާ ކަހަލަ ފޮނި ވަހެއް ތަނަށް ވެރިވެފައި އޮތެވެ. ފެންގަނޑަކަށް ހިމަފޮދުވާރޭވެހޭ އިރު އިވޭ ކަހަލަ އަޑެއް، ބައެއް ފަހަރަށް ބާރަށް، އަނެއްބައި ފަހަރު މަޑުމަޑުން އިވުނެވެ. އަންޖަލް ނުދަންނަ ބަހުރުވަޔަކުން، ސިއްރުން ވާހަކަ ދައްކާ އަޑު ވެސް އިވުނެވެ. ހާސްވެގެން، ތެޅިފޮޅެމުން ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ. އެކަކު ކުރަންވީ ކަމެއް އަނެކަކު ކިޔައެއް ނުދެއެވެ. އެހެނަސް، ތަކުރާރުކޮށް އެއް ލަފުޒެއް އަންޖަލްގެ ކަންފަތް ކައިރީގައި، ވައިއަޑުން ކިއިކަން އަންޖަލް ދެނަހުއްޓެވެ. 

"އަބާޝާ.. އަބާޝާ.. އަބާޝާ.." އަންޖަލްއަށް އިވުނުހެން ހީވީ އެހެން ކިޔާ އަޑެވެ. 

އޭގެ މާނައެއް އަންޖަލްއަކަށް ނޭނގެއެވެ. 

އަންޖަލް ވިހެއީ އަންހެންކުއްޖެކެވެ. އަބާޝާއަކީ ދަރިފުޅަށް އެ މީހުން ކިއި ނަންބާއޭ އަންޖަލް ހިތަށް އެރިއެވެ. އެހެން ނަމަ، އަންޖަލްއަކަށް އެ ނަމެއް ރީއްޗެއް ނޫނެވެ. 

"އެއީ ކީއްވެ؟" ބަރުގާންގެ އަޑުއިވުނެވެ. 

އަންޖަލް ބަލައިލި އިރު، ވަރަށް ފަނޑުކޮށް ބަރުގާންގެ ސޫރަ ފެންނަން ހުއްޓެވެ. އޭނަ ހުރީ ރަސްކަލެއް ހުންނަންޖެހޭ ކަހަލަ ފުރިހަމަ ހެދުމެއްގައެވެ. ޝަރަފާއި އިއްޒަތާ އެކުގައެވެ.

"ދަރިފުޅު ދެން ނުގެންނާނަންތަ؟" އަންޖަލް ހިތަށް އެރުވިއެވެ. 

"ނޫނޭ! އެ އޮތީނު!" ބަރުގާން ބުންޏެވެ. "އެއީ އަހަރުމެން ދެ މީހުންގެ ދަރިއެކޭ! އެކަމަކު އަމީރާއެއް އުފަންވީމަ ރަސްމީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް ހުރޭ! އެ ކަމުގަ ދަރިފުޅު ބައިވެރިވާން ޖެހޭ! އެހެންވެ ގެންދިޔައީ. ހިނގާ އަހަންނާ އެއްކޮށް ދަމާ! އަމީރާ އަތުވެއްޖެއްޔާ ގަނޑުވަރު ވަރަށް ފަޅުފިލާނެ."

އަންޖަލް ބަލައިލި އިރު ދަރިފުޅު އެނދުގައި އޮތެވެ. ދަރިފުޅު އެއް ފަހަރު އަންޖަލްއަށް އަނެއް ފަހަރު ބަރުގާންއަށް ބަލައިލިއެވެ. އަންޖަލް ހިތަށް އެރިއެވެ. އޭނައަށް ބަރުގާން ފެންނަނީ ހެއްޔެވެ؟

"އާނ!" ބަރުގާން ޖަވާބުދިނެވެ. "އަބާޝާއަށް ބައްޕަ ފެންނަން ޖެހޭނެއްނު."

އެ ތަނަށް ނިޒާރު އައެވެ. އޭރު ވެސް ކުޑަދަރިފުޅު އޮތީ ބަރުގާންއަށް ބަލާށެވެ. 

"މި މަންޖެ ހާދަ އަވަހަކަށް ބަލަން ދަސްކޮށްފިޔޭ ދޯ ދަރިފުޅާ؟" ނިޒާރު ހައިރާންވެފައި ބުންޏެވެ. "ކޮން ތާކަށްތަ ތި ބަލަނީ މަންޖޭ؟ އެ ތާކު ނެތޭ އެއްޗެއް."

"މުނިކާފަ ގާތުގަ ބުނޭ ބައްޕައަށޭ އެ ބަލަނީ،" ސަމާސާ ރާގަކަށް ބަރުގާން ބުންޏެވެ. "ކާފަ ގޮވައިގެން ހަސްބަރާޒާއަށް ހިނގާ! މިހާރު ބަތޫރެއް ވެސް ނެތް. ވަރަށް ވަރަށް އަމާންވާނެ. ބުނޭ އަހަރެން ބުންޏޭ ހިނގާށޭ!"

އަންޖަލް އެހެނެއް ނުބުނެއެވެ. ނިޒާރު އެކި އަޑުއަޑުލައްވައިގެން ދަރިފުޅުގެ ސަމާލުކަން ހޯދަން މަސައްކަތް ކުރިއެވެ. ބަރުގާން ހީނލުމާ އެކު ދަރިފުޅު ވެސް ހީނލައެވެ. އެ ދެމެދުގައި އޮތީ ވަރުގަދަ ގުޅުމެކެވެ. 

"ކާފަ ދިން ނަންތަކުގެ ތެރެއިން އަހަންނަށް އެންމެ ރީތީ ސާރާ!" އަންޖަލް ބުންޏެވެ. "ހިނގާ އައިޝަތު ސާރާ ކިޔަމާ!"

"އާނ!" ނިޒާރު އެއްބަސްވިއެވެ. "އެކަމަކު މިހާރު ދަރީންނަށް ތިން ނަން ކިޔާ! ބައްޕަގެ ނަން ފަހަތަށް ލައިގެން. އެހެންވީމަ އައިޝަތު ސާރާ އިބްރާހީމް ކިޔާނީ."

ބަރުގާންއަކަށް އެ ގޮތް ކަމަކު ނުދިޔައެވެ. އެކަމަކު ޝަކުވާއެއް ނުކުރެއެވެ. 

"ކީއްވެތަ އަބާޝާ ނުކިޔަން ތި އުޅެނީ؟" ބަރުގާން އެހިއެވެ. "އަމީރާ ހަސްބަރާޒާ އަބާޝާ! ކިހާ ރީތި ނަމެއް؟"

"ބަރުގާން ކިޔާނެ ނަމެއް ކިޔާ! އަހަރެން ކިޔާނީ ސާރާ!" އަންޖަލް ވާހަކަ ދެއްކީ ހިތުންނެވެ. "ސާރާ ތަނަކަށް ގެންދަންޏާ އަހަންނަށް އެނގެން ޖެހޭނެ. މިހެން ބުންޏަސް، ބަރުގާންއަށް ސިއްރުން ގެންދެވިދާނެ. ނުގެނެސް ބެހެއްޓި ވެސް ދާނެ. އަހަންނަކަށް ނޯންނާނެ ކުރެވޭނެ ކަމެއް ވެސް. އެހެންވިޔަސް، ހިތުގަ އޮތް އެއްޗެއް ހަމަ ބުނެލީ."

ނިޒާރު އެކި ވައްތަރު ޖައްސަނިކޮށް ސާރާ ރޯން ފެށިއެވެ. ބަރުގާން ދުންކޮޅެއް ފެތުރުނު ހެން ސާރާއާ ދިމާއަށް ޖެހިލިއެވެ. ސާރާ ކަޅިޖަހައިނުލައި ބަރުގާންއަށް ބަލަމުން ބަރުގާންއާ އެއްކޮށް އެނބުރުނެވެ. 

"މީނަ ހަމަ ހީވަނީ މީހަކަށް ބަލާ ހެންނޭ ދޯ؟" ނިޒާރު ބުންޏެވެ. "ތި ތާކު ނެތޭ މީހެއް ދަރިފުޅާ!"

އެ ވަގުތު ނިޒާރުގެ ފޯނު ރަނގަބީލުވިއެވެ. 

"ކާކު މި ގަޑީގަ ގުޅަނީ؟" ނިޒާރުއަށް ބުނެވުނެވެ. 

"ތާމިރު!" ބަރުގާން ވަގުތުން ބުންޏެވެ. 

"އަހަނ! ތާމިރު!" ޖީބުން ފޯނު ނަގާފައި ނިޒާރު ބުންޏެވެ. 

"ކީއްކުރަން އޭނަ ގުޅަނީ؟" ހިތްހަމަނުޖެހިފައި އަންޖަލް ބުންޏެވެ.

"އޭނަ ނުގެންނައްޗޭ!"

"ތިހެން ބުނަން އަހަރެން ވެސް މި އުޅެނީ،" ބަރުގާން ބުންޏެވެ. "އަންޖަލްއަށާ އަބާޝާއަށް ބޯން ދޭން ފެންފުޅިއެއް ވެސް ހިފައިގެން އޭނަ އަންނަން އެ އުޅެނީ. އޭގެ ކުރިން އަހަރެން އަތުން އޭނަ ބޮނޑިއެއް ބޯނެ."

ނިޒާރު ފޯނު ހިފައިގެން އެ ތަނުން ނުކުތެވެ. ދައްކާ ވާހަކަ އަންޖަލްއަށް އިއްވަން ބޭނުން ނުވާތީއެވެ. ހުރިހައި ވާހަކައެއް ވަގުތުން އަންޖަލްއަށް އެނގޭނެ ކަމެއް ނިޒާރަކަށް ކުޑަކޮށް ވެސް ނޭނގެއެވެ. 

"ތާމިރު މޮޔަވެގެންނޭ އެ އުޅެނީ." އެ ފަހަރު އަންޖަލް ބުނީ، އެހެން މީހަކު ހުރި ނަމަ އިވޭ ވަރަށެވެ. 

"އޭނަ މޮޔައެއް ނޫން،" ބަރުގާން ބުންޏެވެ. "ރޭ ހަތަރުދަމު މަސައްކަތް ކޮށްގެން އެ ފެންފުޅިއެއް އޭނަ ހެދީ. އަމިއްލައަށް ކިޔެވީ ވެސް. އޭނަ މޮޅު. އެ ފެން ބޯންދީފިއްޔާ އަހަންނަށް އަންޖަލްއާ އަބާޝާ ވެސް ގެއްލޭނެ. އަހަރެން އެބަ ޖެހޭ ތާމިރު ހުއްޓުވަން. މި ފަހަރު އޭނައަށް އަނިޔާވާނެ. އެންމެ ރަނގަޅުތަ؟"

"މި ފަހަރު ކީއްކުރަން ތި އެހީ؟" އަންޖަލް ބުންޏެވެ.

"ރާއިފުއަށް ވެގެން އައިސް އަހަރެންގެ ހިތާ ކުޅުނު އިރު އެއް ފަހަރު ވެސް އަހަރެންގެ ހުއްދަ ހޯދިން؟ ކަލޭމެންނަކީ ނުލާހިކު ބާރުގަދަ ބައެއް. ސިކުންތެއް ތެރޭގަ ދުނިޔޭގެ އެއްކޮޅުން އަނެއް ކޮޅަށް ދެވޭ! ދެން ކީއްކުރަން އަހަންނަށް އެހާ ބޮޑު ލަނޑެއް ދިނީ؟"

ބަރުގާން އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ. 

"އަނގަބެދުނީކީ ނޫން،" ބަރުގާން ބުންޏެވެ. "މިހާރު ކިތައް ފަހަރު ޖަވާބު ދީފިން؟ އަހަރެން އައިކަމުންނޭ އަންޖަލްއަށް މިއަދު ނޭވާ ތި ލެވެނީ. ހަނދާނެއް ނެތްތަ ބަތޫރު..."

"ނޭވާ މި ލަނީ ގަދަކަމުންނޭ ބަރުގާން!" އަންޖަލް ބުންޏެވެ. "ނޭނގޭތަ އެ ކަމެއް؟ ބަރުގާން ފެނުނަސް އަހަރެން ނޭވާ ހާސްވޭ! ހެޔޮނުވާނެ މި ތަނުން ދޭ!"

ބަރުގާން ގެއްލުނެވެ. ސާރާ ރޯން ފެށިއެވެ. އަންޖަލް ގޮސް ސާރާ އުރައިގެން ނާނާކިޔަން ފެށިއެވެ. ހިތަށް އެރިއެވެ. މި ކުއްޖާގެ މުސްތަގުބަލު ނިއުޅުވިގެންދާނީ ކިހިނެއް ބާއެވެ؟

ނިޒާރު ހުރީ ހޮސްޕިޓަލުގެ ދޮރުމަތީގައެވެ. އޭރު އިރުއަރައި ރަނގަޅަށް އަލިވެއްޖެއެވެ. ތާމިރު ސައިކަލުގައި އައިސް ނިޒާރު ގާތަށް މަޑުކޮށްލިއެވެ. މަޑިދަށުން ކުޑަ ފެންފުޅިއެއް ނަގައިފައި ނިޒާރުއަށް ދިއްކޮށްލިއެވެ. 

"ކުޑަމަންޖެއަށް ވަރިހަމަ ތިއްކެއް ދިނަސް،" ނިންޖަށް ބަލިވެފައިވާ ކަހަލަ ގޮތަކަށް ތާމިރު ބުންޏެވެ. "ނުދެވިއްޖެއްޔާ ކަފަކޮޅެއް ތެންމައިލާފައި އޭނަ ގައިގެ ވީހާ ވެސް ބޮޑު ބައެއްގަ ހާކާލާ. ބާކީ ބައި އަންޖޫއަށް ބޯންދީ. ވަރަށް އުޅޭނެ ނުބޯން. އެއީ ކީއްވެކަން އެނގޭތަ؟ ބޮއިފިއްޔާ، ދުވަސްގަނޑަކަށް އަންޖޫ ހުންނާނީ ޖިންނިއަށް ގެއްލިފަ. އަވަހަށް ދޭ ތި ހިފައިގެން."

ފެންފުޅި ދިނުމާ އެކު ނިޒާރު ހޮސްޕިޓަލަށް ވަނެވެ. ތާމިރު ސައިކަލު ދުއްވައިލިއެވެ. ފަހަތުން އައި ސައިކަލު އައީ ވަޒަނެއް އައިހެންނެވެ. ފިކުރު ބޮޑުވެފައި ހުރި ވަރުން ތާމިރަކަށް އެ ސައިކަލެއް ނުފެނެއެވެ. އައި ބާރުމިނުގައި އައިސް ތާމިރުގެ ސައިކަލުގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. އެ ދެމެދުގައި އިންޗިއެއް ވެސް ނެތެވެ. ސިއްސައިގެންދިޔަ ވަގުތު ތާމިރުގެ ސައިކަލު އަރިއަޅައިލިއެވެ. ނުވެއްޓުނީ ވެސް ހަމަ ކިރިޔާއެވެ. ތާމިރުގެ މުޅި ހަޔާތުގައި ވެސް، އެހައި ހަނިކޮށް އެކުސިޑެންޓަކުން ސަލާމަތެއް ނުވެއެވެ. 

ފެންފުޅި ހިފައިގެން ހޮސްޕިޓަލަށް ވަން ނިޒާރު ކުއްލިއަކަށް ކޮފީއެއް ބޯލާ ހިތްވިއެވެ. ވީމާ ރެސްޓޯރަންޓާ ދިމާއަށް މިސްރާބު ޖެހިއެވެ. ހަމަ އެ ވަގުތު ރައްޓެއްސަކާ ދިމާވިއެވެ. ރެސްޓޯރަންޓަށް ވަނީ ދެ މީހުން އެކުގައެވެ. މީހުން ގިނަ ވަގުތެކެވެ. ކިޔޫގައި އިރުކޮޅަކު ތިބެން ޖެހުމުން ވާހަކަ ވަރަށް އޮލަވިއެވެ. ބޭނުންވާ އެއްޗެއްސަށް އޯޑަރުދީ، ފައިސާ ދައްކާފައި، ތަބަށް ހިފައިގެން އެނބުރިލި އިރު ހުސް މޭޒެއް ނެތެވެ. ވީމާ، ނިޒާރުމެން ފެނިގެން ބަޔަކު މޭޒު ދީފައި ތެދުވީއެވެ. މޭޒުމަތީގައި ހުސްތަށިތައް ހުރުމުން، ތަށިތައް ނަގަން ވެއިޓަރަކު އާދޭތޯ މަޑުކޮށްލުމަށްލުމުން ވެސް މީހަކު ނައެވެ. ނިޒާރުގެ އެކުވެރިޔާ ތަށިތައް އެއްފަރާތްކޮށްލިއެވެ. މޭޒުމަތީގައި ތަބައް ބަހައްޓައިފައި ނިޒާރު އިށީނެވެ. 

އަންޖަލްގެ ބަނޑުގައިރިއްސައިލިއެވެ. ހެދުން މަތިން އަންޖަލް ފިރުމައިލި އިރުރިހުނު ދިމާ ކުޑަކޮށް ހަރު ހެން ހީވިއެވެ. ރިހުން ގަދަ ނުވެ ކެނޑުނީއެވެ. ވިހޭތާ ސާޅީސް އަށް ގަޑިއިރު ނުވާ މީހަކާ އަޅައިބަލާ އިރު އަންޖަލްއަށް އެ ކަން ވީ ވަރަށް ކުޑަ ކަމަކަށެވެ. އެނދުގައި އޮންނަން ފޫހިވެގެން އަންޖަލް ތެދުވިއެވެ. ކުޑަދޮރު ކައިރިއަށް ހުއްޓިފައި ބޭރު ބަލައިލިއެވެ. މަގުމަތީގައި މީހުން މަދެވެ. އަންޖަލްގެ ލޮލުގައި އަޅައިގަތީ އަވިގަނޑުގައި ހުއްޓިގެން ހުރި އަންހެނެކެވެ. ބާވެފައިވާ ހެދުމެއް ލައިގެން، ބޯހާވައިލައިގެން ހުރި އަންހެންމީހާ އަންޖަލްއަށް ބަލައިލިއެވެ. އެ ވަގުތަކީ، ބަނޑުގެ ކުރިން ރިއްސި ތަނުގައި ވިންދު ޖަހަން ފެށިހެން އަންޖަލްއަށް ހީވި ވަގުތެކެވެ. އަތްލުމުން އަތަށް އިހުސާސްވިއެވެ. (ނުނިމޭ)