(ބުދަ ދުވަހާ ގުޅޭ)
އަތްލުމުން އަތަށް އިހުސާސްވިއެވެ. އަންޖަލްގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ވާން އުޅެނީ ކިހިނެއް ކަމެއް އަންޖަލްއަކަށް ނޭނގެއެވެ. ހަދަންވީ ކިހިނެއްކަން އަހާނެ މީހަކު ނެތެވެ. އަންޖަލްގެ ހިތް ބުންޏެވެ. އެހިޔަސް ނޭނގޭނެއެވެ. އަންޖަލްއަށް ދިމާވާނީ އެހެން މީހުންނަށް ދިމާވާ ކަހަލަ ކަންކަމެއް ނޫނެވެ. އަންޖަލްއަކީ އެހެން މީހުން ކަހަލަ މީހެއް ނޫނެވެ. އެ ވަގުތު ދިމްނާ ވަނެވެ. ދިމްނާއާ ދިމާއަށް އަންޖަލްއަށް ބަލައިލެވުނު ގޮތުން ދިމްނާއަށް ޝައްކުވިއެވެ.
"ކިހިނެއްވީ ދޮންތާ؟" ދިމްނާ އެހިއެވެ. "ބަނޑަށް ތަދުވަނީތަ؟"
އަންޖަލް އަވަސްއަވަހަށް ބަނޑުން އަތް ނެގިއެވެ. އޭރު ވެސް ބަނޑުން ވިންދުޖަހާކަން އަންޖަލްއަށް އެނގެއެވެ. އަންޖަލް ބޭނުންވީ، މަގުމަތީގައި ހުރި މީހާ ކޮއްކޮ އަށް ދައްކާށެވެ.
"އާދެބަލަ މި ކޮޅަށް." އަންޖަލް އެދުނެވެ.
ދިމްނާ އައުމުން އަންޖަލް މަގުމަތި ދެއްކިއެވެ. އޭރު ވެސް އެ މީހަކު ބަލަހައްޓައިގެން ހުއްޓެވެ. ދިމްނާއަށް ފެނުނެވެ.
"ކާކު އެއީ؟" އަންޖަލްއަށް ބަލައިލަމުން ދިމްނާ ސުވާލުކުރިއެވެ. "ކީއްވެ އޭނަ އަހަރުމެންނަށް ބަލަހައްޓައިގެން އަވިގަނޑުގަ އެ ހުންނަނީ؟"
ދެން ބަލައިލި އިރު އެ މީހާއެއް ނެތެވެ. އެހައި އަވަހަށް އޭނައަށް ވަދެވޭނެ ތަނެއް އެ ތާކު ނެތެވެ. އެ ވަގުތު ނިޒާރު ވަނެވެ. ނިޒާރު އައީ އަންޖަލް ސައިބޯނެ އެއްޗެއް ހިފައިގެންނެވެ. ކުޑަމޭޒުމަތީގައި އެއްޗެހި އަތުރައިފައި، ކުޑަ ފެންފުޅި ވެސް ބެހެއްޓިއެވެ. ނިޒާރުގެ އަމާޒަކީ، ވީހައި ވެސް އަވަހަކަށް އަންޖަލްއަށް އެ ފެން ބޯންދިނުމެވެ.
"އާދެ ސައިބޯން ދަރިފުޅާ!" ނިޒާރު ބުންޏެވެ. "ރައްޓެއްސަކާ ދިމާވެގެން އަނގަތަޅަން ކާފައަށް އިނދެވުނީ."
"ކާފަ އަހަންނަކަށް ސަޔެއް ނުގެންނަންތަ؟" ދިމްނާ އެހިއެވެ. "އަހަރެން ބުނީމެއްނު ސައިނުބޮއޭ މި ދަނީ؟"
"އާނ! އެއީ ތެދެކޭ!" ކުއްލިއަކަށް ހަނދާންވުމުން ބުނާ ކަހަލަ ގޮތަކަށް ނިޒާރު ބުންޏެވެ. "ހިނގާ ދަމާ!"
ތަންކޮޅަކަށް ހިނގައިގެންފައި ނިޒާރު ހުއްޓުނެވެ. އަންޖަލްއަށް ބަލައިލިއެވެ.
"ފެންފުޅި ހުސްކޮށްލައްޗޭ ދަރިފުޅާ!" ނަސޭހަތުގެ ރާގުގައި ނިޒާރު ބުންޏެވެ. "ކުޑަމަންޖެ ތުންފަތުގަ ވެސް ތިއްކެއް ޖައްސައިލާތި! ފައިދާވާނީ ހަމަ އަހަރުމެންނަށް. އިނގޭ!"
އަންޖަލް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. އެ ފެންފުޅިއާ ދޭތެރޭގައި ކަންތައް ކުރާނެ ގޮތެއް އޭރަކު އަންޖަލް ނުނިންމައެވެ.
"އަޑުއިވިއްޖެ ދޯ ދަރިފުޅާ؟" ނިޒާރު އެހިއެވެ.
"އަޑުއިވިއްޖޭ ކާފާ!" ޖަވާބުގައި އަންޖަލް ބުންޏެވެ. "ކާފަ ދެން ދޭބަލަ!"
އެ މީހުން ދިޔުމުން އަންޖަލް ފުރަތަމަ ވެސް ގޮސް ލޯގަނޑު ކައިރިއަށް ހުއްޓިފައި ބަނޑު ބަލައިލިއެވެ. ވިންދުޖަހާކަން ބޭރުން ވެސް އެނގެއެވެ. އަންޖަލް ނުތަނަވަސްވިއެވެ. މޭނުބައި ކުރަން ފެށިއެވެ. އަންޖަލް ހީކުރީ އެއްޗެއް ނުކައި ހުރީމައި ވާ ގޮތެއްކަމަށެވެ. ސައިބޯން އިށީނެވެ. ކެވުނީ ވަރަށް ކުޑަ އެތިކޮޅެކެވެ. މާ ބޮޑަށް މޭނުބައިކުރަނީއެވެ. ފެންފުޅީގައި ތުންޖަހަން އުޅެފައި އަންޖަލް ވިސްނައިލިއެވެ. އެ ފެނެއް ބުއިމުން ދެން ވާނެ ގޮތެއް އަންޖަލްއަކަށް ނޭނގެއެވެ.
ބަރުގާން ބުނި ގޮތުގައި ތާމިރަކީ މޮޅު މީހެކެވެ. ފެންކިޔަވާފައި ހުރީ ކިޔަވަންވާ ގޮތަށެވެ. ވީމާ،އަންޖަލް ބޭނުން ނަމަ، ދެމައިންނަށް ބަރުގާންގެ ކިބައިން ސަލާމަތްވެވިދާނެއެވެ. އެ ވަގުތު އަންޖަލްއަށް ވިސްނުނީ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައެވެ. ބިސްމިކިޔުމަށް ފަހު ފެންފުޅީގައި ތުންޖެހިއެވެ. އެ ހިސާބުން ބަނޑުގެ ވިންދުޖެހުން ހުއްޓުނެވެ. އެހެނަސް، ބަނޑުގެ އެ ދިމާގައި އެއްޗެއް އޮތްކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ހީވަނީ ބަނޑުގެ ބޭރުން އެއްޗެއް ތަތްވެފައި ހުންނަ ހެންނެވެ. އުނދަގޫ އިހުސާސެކެވެ. އެކަމަކު ކަމަކަށް ނަހަދައި ހުންނަން އެހައި އުނދަގުލެއް ނޫނެވެ. ދަރިފުޅު ތުންފަތުގައި ފެންފޮދެއް ހާކަން އުޅެފައި، އެ ކަން ކުރާނެ ހިތްވަރެއް އަންޖަލްއަކަށް ނުލިބުނެވެ. ދެ ފަހަރަށް އުޅެގެން ވެސް އެ ކަން ކުރާކަށް ނުކެރުނެވެ.
އިރުއޮއްސެން އުޅެނިކޮށް އަންޖަލް ގެއަށް ދޫކޮށްލިއެވެ. ކާރަށް އެރުމާ އެކު ދަރިފުޅު ނިދިއެވެ. ކާރު ތެރޭގައި ދިމްނާއާއި ޝާފިޔާ އަނގަ ހުއްޓައިނުލައެވެ. އެ ވަރުން ވެސް އަންޖަލްގެ ދަރިފުޅެއް ނުހޭލައެވެ. އޭނަ ކުރީ ވަރަށް އެހެން ކަހަލަ ކަންކަމެވެ. ކުއްލިއަކަށް އެއް ލޯ ހުޅުވައިލާފައި މަރައިލަފާނެއެވެ. ހީނގެންފާނެއެވެ. ރޯވައްތަރު ދައިކައިލާފައި ވެސް އަނެއްކާ ވެސް ހީނގެންފާނެއެވެ. އަންޖަލް ހިތަށް އެރިއެވެ. ދަރިފުޅުގެ ތުންފަތުގައި ފެންފޮދެއް ހާކައިނުލުން އެއީ އަންޖަލްއަށް ހެދުނު ގޯހެއް ބާއެވެ؟ އެ ވަގުތު އަންޖަލް ވަރަށް ބޮޑަށް ކަރުހިއްކައިގަތެވެ.
"ހާދަ މަޖާ ފިލްމެކޭ ދޯ މީނަ މި ބަލަނީ؟" އަންޖަލްގެ ދަރިފުޅަށް ބަލައިލަމުން ޝާފިޔާ ބުންޏެވެ. "ދޮންތަ ކޮން ކަމަކާ ތި ވިސްނަނީ؟"
"ފެންބޮވަނީ،" ހިންދިރުވައިލަމުން އަންޖަލް ބުންޏެވެ. "ހަމަ އެއްކޮށް ކަރުހިކިއްޖެ!"
"ކުރިން ބުނި ނަމައެއްނު!" ކާރުގެ ކުރީ ސީޓުގައި އިން ނިޒާރު ބުންޏެވެ. "ކާފަ ވެސް ވަރަށް އެބަ ފެންބޮވާ!"
"މަ ވެސް އެބަ ކަރުހިއްކާކަން ނޭނގެ!" ޝާފިޔާ ބުންޏެވެ.
ގެއަށް ދިޔަ އިރު ތާމިރު އިންތިޒާރުގައި ހުއްޓެވެ. ދަރިފުޅު ގޮވައިގެން އަންޖަލް ފޭބުމާ އެކު ތާމިރު ވަރަށް އުފާވެފައި ދަރިފުޅާ ދިމާއަށް އަތްދިއްކޮށްލިއެވެ. ދޭށޭ ބުނާ ކަހަލަ ގޮތަކަށެވެ. ތާމިރު ލޯ ކައިރި ހުރީ ކުޑަކޮށް ކަޅުވެފައެވެ. ނުނިދަނީކަމެއް، ފެންނުބޮނީކަމެއް އަންޖަލްއަކަށް ނޭނގެއެވެ. ހީވަނީ ބަލި ހެންނެވެ. އަންޖަލް ބޭނުންވީ ގޭތެރެއަށް ވަދެފައި ނޫނީ ތާމިރު އަތަށް ދަރިފުޅު ނުދޭށެވެ. އެ ގޮތް ތާމިރަކަށް ކަމަކު ނުދިޔައެވެ. ހާންތިވެފައި ހުރި މީހަކަށް މީރު ކާއެއްޗެއް ފެނުމުން ނަގާ ހެން ދަރިފުޅު ނަގައި އުރައިލިއެވެ. ނެގީކީ ނޫނެވެ. ފާޑަކަށް ޖަހައިގަތީއެވެ. ދެން ތާމިރަށް ހިނގައިގަނެވުނީ ގެއާ ދުރަށެވެ.
"އޭއޭ! ކޮން ތާކަށް ތި ދަނީ ތާމިރު؟" ނިޒާރު ގޮވައިލިއެވެ.
ތާމިރު ހުއްޓުނެވެ. ދަރިފުޅު ގޮވައިގެން ގެއަށް ވަނެވެ. އަންޖަލް ހައްތަހާ ބޮޑަށް ކަރުހިއްކިއެވެ. އެހެން ނަމަވެސް، ތާމިރު ގާތުން އަންޖަލް ދުރަކަށް ނުދެއެވެ. ގެއަށް ވަދެފައި ތާމިރު ދެކޮޅަށް ހިނގީއެވެ. އިށީންނާކަށް ނޫޅެއެވެ. ދަރިފުޅު ދޭކަށް ވެސް ނުމެ އުޅޭމެއެވެ.
"ދަރިފުޅު ފެންބޯން ދާންވީނު." އަންޖަލްއަށް ބަލައިލަމުން ނިޒާރު ބުންޏެވެ.
"ދެން ގެނޭ!" ތާމިރަށް އަތްދިއްކޮށްލަމުން އަންޖަލް ބުންޏެވެ. "އޭނަ މިހާރު ބަނޑުހައިވެފަ އޮންނާނީ."
ކުޑަކުއްޖަކު ކުޅޭ އެއްޗެއް ފޮރުވާ ހެން ތާމިރު އަންޖަލްއަށް ފުރަގަސްދީ، ދަރިފުޅު ފޮރުވިއެވެ.
"ދޭބަލަ ފެންބޯން." ތާމިރު ބުންޏެވެ.
ނިޒާރު ލޮލުން އަންޖަލްއަށް އިޝާރާތް ކޮށްލިއެވެ. އަންޖަލް ދާށޭ އަހަރެން ހުންނާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ. ކެތްނުކުރެވޭ ވަރަށް ކަރުހިއްކާފައި ހުރުމުން އަންޖަލް ދާންނުދާން އުޅެފައި ދިޔައެވެ. އައިސްއަލަމާރި ކައިރިއަށް ދިޔަ އިރު ޝާފިޔާ ހުރީ ފެންތަށި ދިއްކޮށްގެންނެވެ. އެއްނޭވައިން ފެންތަށި ހުސްކޮށްލާފައި، ދަރިފުޅު ކައިރިއަށް އަންޖަލް ދިޔައެވެ. ފެނުނީ ބަލަން އުނދަގޫ މަންޒަރެކެވެ. ދަރިފުޅު ސޯފާގައި ބާއްވައިގެން ތާމިރު ހުރީ ފޮޓޯ ނަގާށެވެ. އެ ކަން ހުއްޓުވުމުގެ ބަދަލުގައި ނިޒާރު ވެސް ބަލަން ހުރީއެވެ. އަންޖަލް ދިޔަ ގޮތަށް ގޮސް ދަރިފުޅު ނަގައިގެން ކޮޓަރިއަށް ވަދެ ތަންޑު އެޅިއެވެ. ތާމިރު ބެލީ ފޮޓޯތައް މީހަކަށް ފޮނުވޭތޯއެވެ. އަންޖަލް ނިކަން ލޯބިން ދަރިފުޅު އެނދުގައި ބޭއްވިއެވެ. ހަމަ ބޭއްވުމާ އެކު ހޭލައިފައި، ކޮޓަރީގެ އެއް ކަނާ ދިމާއަށް ދަރިފުޅު ބަލަން ފެށިއެވެ. އަންޖަލްއަށް ލިބުނީ ހައިރާންކަމެކެވެ.
"މިހާރު ކީއްވެ ތި ބަލަނީ؟" ހިތާހިތުން އަންޖަލް ސުވާލުކުރިއެވެ.
"އަންޖޫ ވެސް ބަލާލަބަލަ!" ބަރުގާންގެ އަޑުއިވުނެވެ.
އަންޖަލް ބަލައިލި އިރު ފެންނަން ހުރީ ބަރުގާންގެ ބޮޑު މޫނެވެ. އެހެން ތަނެއް ނުފެނެއެވެ. މޫނު ވެސް ފެންނަނީ، އަނދިރިކޮށް ހުރި ކަނުގެ ތެރެއަށް ފޭދިފައިވާ މަންޒަރެއް ހެންނެވެ. ހައިރާންވެފައި އަންޖަލްއަށް ހުރެވުނީއެވެ. އަންޖަލް ހީކުރީ ދެން ބަރުގާން ނުފެންނާނެކަމަށެވެ.
"އަހަންނަށް އޭރު ވެސް އެނގޭ ތާމިރަކަށް..." އަންޖަލްއަށް ބުނެވުނީ އެ ހިސާބަށެވެ.
"ތާމިރުގެ މައްސަލައެއް ނެތޭ!" ބަރުގާން ބުންޏެވެ.
"ފެން ކިޔަވަން އޭނަ ހަމަ ވަރަށް މޮޅު. އެކަމަކު އޭނައަށް ވުރެ އަހަރެން މާ މޮޅުވާނެއްނު. ފުޅި ބަދަލުކޮށްލާފަ ހުންނާނީ. އަންޖޫ ވެސް ތީ ހަމަ އަޖައިބެއް ކަހަލަ ކުއްޖެއް. އަހަރުމެންގެ ދަރިފުޅު ތާމިރު އަތަށް ނުދީބަލަ! މިހާރު އަބާޝާގެ ފޮޓޯތައް އަންހެނުންނަށް އެ ފޮނުވީ. އެ ވަރަށް ބިރު ގަންނަވާލީމަ ވެސް އޭނަ ބިރެއް ނުގަތް. ދެން ދެފައި ބަންނަން ޖެހޭނީ. މި ފެންނަނީ ނުލަފާކަމުގެ އިންތިހާޔާ ރަނގަޅުކަމުގެ އިންތިހާ. ތީ ވަރަށް ރަނގަޅު ކުއްޖެއް. އަންޖޫ ބޭނުމެއް ނޫން އަހަންނާ އަބާޝާ ދުރުކުރާކަށް."
"އާނއެކޭ!" ރޮވިފައިވާ އަޑަކުން އަންޖަލް ބުންޏެވެ. "އަހަންނަށް ހެވޭ ދަރިފުޅާ ބައްދަލުކުރަން އަޔަކަސް. އެކަމަކު އަހަންނަށް ނުފެނިބަލަ! ހެޔޮނުވާނެ."
"ނާންނަން އުޅުނީމޭ! އެހެންވެ އަވިގަނޑު މެދުގަ ހުރެވުނީ ވެސް،" ބަރުގާން ބުންޏެވެ. "އަހަރެން ބުނަން މި އުޅޭ ވާހަކަ، ކައިރީގަ ތިހިރަ ޝިއްގު ލައްވާ ވެސް ބުނެވުނީސް. ހިތަށް އެރީ އޭރުން ވެސް އަންޖޫ ގަބޫލު ނުކޮށްފާނޭ! އަންޖޫ ބަނޑުގަ ތި އޮތް އެތި އަވަހަށް ނަގާ! އަބާޝާއަށް ދިރުމަކަށް ވިޔަސް އަންޖޫއަށް ތި ވާނީ ވިހަޔަކަށް. ތީ ވަރަށް އަވަހަށް ބޮޑުވާ އެއްޗެއް."
"ކޯޗެއްތަ މީ؟ ކީއްވެތަ ޑޮކްޓަރުންނަށް މީތި ނުފެނުނީ؟" އަންޖަލް ސުވާލުކުރިއެވެ.
"ނަބުޒު!" ބަރުގާން ބުންޏެވެ. "އިންސާނަކު، އަބާޝާ ކަހަލަ ކުއްޖެއް ވިހޭމަ ނަބުޒެއް އުފެދޭނެ. އެއީ ވަރަށް ކުޑަކުޑަ އެއްޗެއް. އާންމު ގޮތެއްގަ ނުވެސް އެނގި ބަނޑު ތެރެއިން ނަބުޒު ނުކުމެގެން ދާނެ. ބައެއް ފަހަރު ނަބުޒަށް ނުނިކުމެވިގެން ގޮސް ވިހަވަނީ. އެއީ ވަރަށް ނުރައްކާތެރި ކަމެއް."
"އެކަމަކު މިހާރު އަހަރެން އޮޕަރޭޝަނެއް ކުރަން ޖެހުނީމަ އަހަރެންގެ ދަރިފުޅަށް ކިހިނެއް ވާނީ؟" ރޮއިގެންފައި އަންޖަލް ބުންޏެވެ. "މިހާރު ވެސް މީހަކު އެހެރީ ފާރަޔަށް."
"އަހަރުމެންގެ ދަރިފުޅު،" ބަރުގާން އެ ތަންކޮޅު ރަނގަޅު ކޮށްދިނެވެ. "އޭނަ ތި ތާ އެކަނި އޮންނަން ޖެހުނަސް، އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ. އޭނައަކީ ހަސްބަރާޒާގެ އަމީރާ އަބާޝާ! މި ވަގުތު އަންޖޫ ވިސްނާ އަންޖޫއަށް. އަހަންނަކަށް ހިޔެއްނުވޭ މާދަމައަށް ވެސް ތި ކަން ލަސްކުރެވޭނެހެނެއް."
ކުއްލިއަކަށް އަންޖަލްގެ ބަނޑުގައި ނިކަން ތޫނުކޮށް ރިއްސަން ފެށިއެވެ. އެ ވޭނަށް އަންޖަލްއަކަށް ކެތެއް ނުކުރެވުނެވެ.
"ކާފާ!" އަންޖަލް ހަޅޭއްލަވައިގަތެވެ. (ނުނިމޭ)