(ބުދަ ދުވަހާ ގުޅޭ)
ފަޔަކު އެއްވެސް ވަރެއް ނެތެވެ. މަންޒަރު ބަލަން ތިބި މީހުންގެ ތެރެއިން ބައެއް މީހުން ފޮޓޯ ނަގަން ތިބީއެވެ. ބައެއް މީހުން އައިސް ތާމިރަށް އެހީވިއެވެ. އަތުލަފިކޮށްގެން ކޮޅަށް ނެގިއެވެ. އެހެނަސް ތާމިރަކަށް ކޮޅަކަށް ނުހުރެވެއެވެ. ދެފަޔަށް ވީ ކަމެއް ފިޔަވައި އެހެން އަނިޔާއެއް ތާމިރަކަށް ނުވެއެވެ. ތަނެއް މަށައިގެން ގޮސްފައެއް ވެސް ނެތެވެ. ސައިކަލު ނެގި އިރު ސައިކަލަކަށް އެއްވެސް ކަމެއް ނުވެއެވެ. އެއްޗެއް ބަނޑިވެ ނުވަތަ ތެޅިފައެއް ވެސް ނެތެވެ. ބައެއް މީހުން ހައިރާންވެގެން އެ ވާހަކަ ދެއްކިއެވެ. އެހައި ބާރަށް ސައިކަލު ވެއްޓި ޖެހުނު އިރު ވެސް ސައިކަލަށް ގެއްލުމެއްވެފައި ނެތީމައެވެ.
ހޮސްޕިޓަލުން އަންޖަލް ގެއަށް ދޫކޮށްލި އިރު ވެސް ތާމިރު ދުލެއް ނުކުރެއެވެ. ދެފައިގައި އޮތީ ޕުލާސްޓަރު އަޅައިފައެވެ. ޑަކުޓަރު ބުނި ގޮތުގައި، ދެފައިގެ ވެސް ދިއްކަށިމަތީގައި ހުރީ ރެނދު އަޅައިފައެވެ. އެއީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ. ތާމިރު ވެއްޓުނު ގޮތަށް ވެއްޓިގެން ބޮޑަށް އަނިޔާވާނީ އެއް ފަޔަށެވެ. އެ ފައިގެ އެތައް ދިމާއަކުން ވެސް ރެނދުއަޅައިފާނެވެ. އަނެއް ފަޔަށް ވެސް ތަދުވެދާނެއެވެ. އެކަމަކު، އެ ގޮތަށް އެއް ފަރާތަށް ވެއްޓިގެން ދެ ފައިގެ ހަމަ އެއް ދިމާއަކުން ރެނދުއެޅުމަކީ ނާދިރުކަމެކެވެ. އަނެއްކޮޅުން، ތަނެއްގައި ޖެހިގެން ކަށިގަނޑަށް ގެއްލުން ލިބޭ އިރު، ބޭރު ފުށުން ވެސް އެނގެން ހުންނާނެއެވެ. ތާމިރު ފައިގެ ބޭރަކުން އެއްވެސް އަނިޔާއެއް ނެތެވެ.
އަންޖަލްގެ ދަރިފުޅަށް ކިޔަން ނިންމީ ސާރާއެވެ. ސާރާއަކީ އެންމެނަށް ވެސް ކަމުދިޔަ ނަމެކެވެ. ނަމުގެ ކުރިޔަށް އައިޝަތުއެވެ. އެންމެ ފަހަތަށް ބައްޕަގެ ނަމެވެ. ރާއިފުއަށް ކިޔަނީ އިބްރާހީމް ރާއިފު ވީމައި، އައިޝަތު ސާރާ އިބްރާހީމްއެވެ. ނިޒާރު ދިން ހިޔާލަކީ އެއީއެވެ. އެހެނަސް ސާރާގެ ބައްޕައަށް ކިޔަނީ އެހެން ނަމެއްކަން އަންޖަލްއަށް އެނގެއެވެ. އެނގި ހުރެ ނުބައި ނަމެއް ކިޔަން އަންޖަލްއަށް ވަރަށް އުނދަގޫވިއެވެ. އަންޖަލް ހިތަށް އެރިއެވެ. ސާރާގެ ބައްޕައަކީ ރާއިފު ނޫންކަން އަންޖަލް ސާބިތު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަންޖަލް ދައްކާ ވާހަކަ ގަބޫލުކުރާނީ ކާކު ހެއްޔެވެ؟
ނަން ފާސްކުރާ ފޯމު ފޮނުވުމުގެ ކުރިން، އަންޖަލްއަށް އެ ފޯމު ދައްކައިލަން ނިޒާރު ބޭނުންވިއެވެ. ކުށެއް ނެތްކަން ޔަގީން ކޮށްލުމަށް ޓަކައެވެ. ސާރާއަށް ކިޔަން ބޭނުންވާ ފުރިހަމަ ނަމާއި ސާރާ ބައްޕަގެ ނަން އޭގައި އޮތެވެ. ސާރާއަށް ކިޔާ ނަމަކަށް އޮތީ އައިޝަތު ސާރާ އިބްރާހީމްއެވެ. ނިޒާރު ހީކުރީ ފޯމު ބަލައިލަން އަންޖަލް ނަގާނީ މިނެޓެއް ކަމަށެވެ. ފަސް މިނެޓު ވީ އިރު ވެސް އަންޖަލް ފޯމަށް ބަލަހައްޓައިގެން އިނީއެވެ. ހަގީގަތުގައި އަންޖަލްގެ ވިސްނުން ހުރީ މުޅީން އެހެން ދިމާއެއްގައެވެ.
"ތިހާ ގިނަ އިރު ކިޔާނެ އެއްޗެއް ފޯމުގަ އެބަ އޮތްތަ ދަރިފުޅާ؟" ނިޒާރު އެހިއެވެ. "ފޮނުވާލަނީ އިނގޭ؟"
"ސާރާގެ ބައްޕައަށް ކިޔަނީ އިބްރާހީމް ރާއިފުއެއް ނޫނެއްނު ކާފާ،" ވިސްނައިދޭ ރާގެއްގައި އަންޖަލް ބުންޏެވެ. "ކިތެއް ފަހަރު އަހަރެން އެ ވާހަކަ ކާފައަށް ކިޔައިދީފިން؟ ފަހަތަށް އެއްވެސް ނަމެއް ނުލާންވީނު؟"
"ދަރިފުޅު އަނެއްކާ ވެސް މޮޔަ ވާހަކަ ދައްކަން ފެށީ؟" އަންޖަލް އަތުން ފޯމު ދަމައިގަންނަމުން ނިޒާރު ބުންޏެވެ.
"އަޅެ އަހަރެން މި ދައްކަނީ މޮޔަ ވާހަކައެއް ނޫނޭ ކާފާ،" އާދޭހުގެ ރާގެއްގައި އަންޖަލް ބުންޏެވެ. "އެހެން މީހުންނާ އަހަރެން ތަފާތީ. އެކަމަކު އެއީ މައްސަލައެއް ނޫނެއްނު. މަންމަ ވެސް އެހެން މީހުންނާ ތަފާތެއްނު."
"ދަރިފުޅާ! ތިއަށް ކިޔަނީ ވަހުމު." ނިޒާރު އެހެން ބުނެފައި، ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"އަހަރެން ގޮއްސަ ނާންނަންވީތަ؟" އަންޖަލް އެ ސުވާލު ކުރުމުން ނިޒާރު ހުއްޓުނެވެ. "އޭރުންތަ ކާފަ ގަބޫލު ކުރާނީ؟ އެހެން މީހުންނަށް ނީވޭ އަޑުތައް އަހަންނަށް އިވެޔޭ ކާފާ! ނުފެންނަ އެއްޗެހި ވެސް އަހަންނަށް ފެނޭ. އެ ތަންތަން ހުންނަ ގޮތާ، އެ ތާ އުޅޭ އެއްޗެހިތަކަށް ކިޔާ ނަންތައް ވެސް ކާފައަށް ކިޔައިދީފީމެއްނު. އަހަރެން ބުނީމެއްނު އަހަރެން ބަނޑުގަ އެއްޗެއް އެބަ އޮތޭ އެ ނަގާށޭ ޖެހޭނީ. ކިހިނެއް އަހަންނަށް އެނގުނީ؟ މީ ވަހުމެއް ނޫނޭ ކާފާ! އޭނަ އައިސް ބުނާ އެއްޗެހި އަހަރެން ބުނަނީ."
ނިޒާރު ވިސްނައިލިއެވެ. އަމިއްލަ ދަރިފުޅު ސަމްރަތުއާ ބެހޭ ގޮތުން ނޫމާނު ދެއްކި ވާހަކަ އާއި އަންޖަލްއާ ބެހޭ ގޮތުން ތާމިރު ދެއްކި ވާހަކަ އާއި އަންޖަލް ދައްކާ ވާހަކަ ދިމާވެއެވެ. އަންޖަލް ކުރިމަތީގައި އެއްބަސްވާން ނިޒާރު ބޭނުންނުވަނީއެވެ.
"އެންމެ ރަނގަޅު. ކޮބައިތަ އޭނަ؟ މި ތާ އެބަ ހުރިތަ؟" ނިޒާރު އެހިއެވެ. "އެހެންވެގެންތަ ދަރިފުޅު ތިހެން ތި ވާހަކަ ދައްކަނީ؟ އޭނަތަ މައްސަލަ ޖައްސަނީ؟"
"އޭނަ ހުރިހެނެއް ހިޔެއްނުވޭ!" އަންޖަލް ބުންޏެވެ.
"އަހަނ! ތި ބުނީ ހިޔެއް ނުވެއޭ! ކީއްވެ ޔަގީން ނުވީ؟" ނިޒާރު ސުވާލުކުރިއެވެ. "ޔަގީން ކޮށްބަލަ! ކާފަ ބޭނުމޭ ވާހަކަ ދައްކަން. ނެތިއްޔާ ގޮވާ! ބުނޭ އަންނާށޭ!"
"އަހަރެން ގޮވިޔަސް ހިތަށް އެރިއްޔާ އޭނަ އަންނާނީ،" އަންޖަލް ބުންޏެވެ. "އަޔަސް، އޭނަ ފެންނަން ބޭނުމިއްޔާ ފެންނާނީ."
"އަޅެ ގޮވާބަލަ!" ނިޒާރު އެދުނެވެ. "އޭރުންތާ އެނގޭނީ."
"އަތީލާ! ބަރުގާން!" އަންޖަލް ގޮވިއެވެ.
ޔަގީނުން ވެސް ރައްދު ދިން އަޑެއް ނިޒާރަކަށް ނީވެއެވެ. ތަނަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ.
"ކީކޯ ބުނީ؟" ނިޒާރު އެހިއެވެ. "ދެން ދަރިފުޅު ބުނާނެ އޭނަ ބޭނުމިއްޔާއޭ ޖަވާބުދޭނީ. އެ ތަނަށް ކާފަ ގެންދެވޭނެތަ؟ ދެން ދަރިފުޅު ބުނާނެ އޭނަ ބޭނުމިއްޔާއޭ ގެންދެވޭނީ. ތީ ވަހުމޭ ދަރިފުޅާ! ތާމިރުގެ ފައި މައްސަލަ ނުޖެހުނު ނަމަ، މިހާރު ތި ކަން ނިންމައިލައިފީމުސް. ކާފަ މި ދަނީ ފޯމު ފޮނުވާލަން."
ނިޒާރު ކޮޓަރިން ނުކުތެވެ. ތާމިރު އޮތީ ތާމިރުގެ ކޮޓަރީގައި ހައްޔަރު ވެފައެވެ. ހިނގުމުގެ ހުއްދައެއް ނެތެވެ. އެނދުން ތެދުވުމުގެ ހުއްދައެއް ވެސް ނެތެވެ. ހުރިހައި ކަމެއް ކުރަނީ އެހީތެރިން ލައްވައެވެ. ތާމިރު ނިންމައިގެން ހުރީ، ތެދުވަން ހުއްދަ ލިބޭ އިރަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދާށެވެ. ތާމިރަށް މުހިންމީ އަންޖަލްއެއް ނޫނެވެ. އަންޖަލްގެ ދަރިފުޅެވެ. އެ ކުއްޖާ ލިބުމުން ތާމިރުގެ ދިރިއުޅުމަށް އަންނާނެ އުފާވެރިކަމާއި ހެޔޮބަދަލު ތާމިރުއަށް ފެންނަ ކަހަލައެވެ. ނިޒާރުއަށް ގުޅުނީ ތާމިރު އެ ހިޔާލުގައި އޮއްވައެވެ.
"ކޮން ދުވަހެއް ހަމަޖައްސާނީ؟" ތާމިރު ފޯނު ނެގުމުން، ސަލާން ގޮވައިލުމެއް ވެސް ނެތި ނިޒާރު އެހިއެވެ. "މިހާރު ނަންކިޔުމުގެ ކަންތައް ވެސް މި ނިމެނީ."
"އަހަރެން ބޭނުން ވީހައި ވެސް އަވަހަކަށް ކައިވެނި ކުރަން،" ތާމިރު ދޮގެއް ހަދައިލިއެވެ. "އެކަމަކު އަދި މި އޮތް ހާލުން އަންޖަލްއަށް އިތުރު ބުރައެއް ނޫނީ ނުޖެހޭނެ. ފަރުވާ ކޮށްގެން އައިސް ކައިވެނި ކުރެވޭނީ. އަހަންނާ އެއްކޮށް އަންޖަލް ވެސް ފޮނުވަންވީނު. އޭރުން ދަރިފުޅުގެ ކަމެއް އުޅުނަސް ކުރީބައިގަ ޑޮކްޓަރަށް ދައްކައިލާ، ފަރުވާ ވެސް ކޮށްލެވޭނެ."
"އަންޖޫއާ ވާހަކަ ދައްކާލާނަން." ނިޒާރު ބުނެލިއެވެ.
ތާމިރުއާ އެއްކޮށް ބޭރަށް ދާކަށް އަންޖަލް އެއްބަހެއް ނުވިއެވެ. އަންޖަލްގެ ސަމާލުކަން ހުއްޓިފައި ހުރީ ސާރާއަށް ނަންކިޔުމުގެ ކަންތަކަށެވެ. އެ ކަމުގައި މުޅީން ވެސް ކުރިމަތިވީ ހުރަސްތަކެވެ. ފުރަތަމަ ކަމަކަށް، އޮންލައިންކޮށް ފޯމު ފުރައިގެން އެ ފޯމު ދާންވީ ހިސާބަށް ނުދިޔުމުގެ މައްސަލައެވެ. އެ ކަމެއް ހައްލުވާން ދެ ދުވަސް ނެގިއެވެ. ނަންކިޔާ އިރު ބަކަރި ކަތިލަން ޖެހެއެވެ. އެ ކަން ހަވާލުކުރި މީހުން، ހުޅުމާލެއިން ބަކަރި ގެނެސް، ކަތިލަން ބަލައިލި އިރު ބަކަރި އޮތީ މަރުވެފައެވެ.
ޖެހިގެން އައި ދުވަހު އެހެން ބަކަރިއެއް ގެނައެވެ. ޖެހުނީ އެއްތާކުއެވެ. ކަތިލުމުގެ ކުރިން އެ ސޮރު ވެސް މަރުވީއެވެ. ތިންވަނަ ބަކަރި ގެނައެވެ. އެ ސޮރު މަރެއް ނުވެއެވެ. ކަތިލާމީހާ ބަލިވީއެވެ. ވާ ގޮތް އަންޖަލްއަށް އެނގެއެވެ. އެ ވަރުން ވެސް ސާރާގެ ނަން އަބާޝާއަކަށް އަންޖަލް ބަދަލެއް ނުކުރިއެވެ.
"ދަރިފުޅު ހިތަކަށް ނާރާތަ ކިހިނެއްބާއޭ މި ވަނީ؟" ނިޒާރު އެހިއެވެ. "މިހާރު ސާރާއަށް ހަތްދުވަސް ވެގެން ދިޔައީ."
"ނާރާ! ވާ ގޮތް އަހަންނަށް އެނގޭވިއްޔަ!" އަންޖަލް ބުންޏެވެ.
އެ ވާހަކަ އަޑުއަހަން ދިމްނާ އާއި ޝާފިޔާ ވެސް ތިއްބެވެ. ވާ ގޮތް އޮޅުންފިލުވަން ދެ ކުދިން ވެސް ތިބީ ބޭނުންވެފައެވެ.
"ކިހިނެއް އެ ވަނީ؟" ދެ ކުދީން އެކުގައި ކަހަލަ ގޮތަކަށް ބުންޏެވެ.
"ހުރިހާ ވެސް މައްސަލައަކީ ނަން،" އަންޖަލް ޖަވާބުދިނެވެ. "މިހާރު ވެސް އަބާޝާ ކިޔާބަލަ! އަމީރާ ހަސްބަރާޒާ އަބާޝާ! އެ ނިމުނީ."
"އޭނއޭނ؟" ޝާފިޔާ ބުންޏެވެ. "އަދި އެއް ފަހަރު."
"ސަތޭކަ ފަހަރު ބުންޏަސް ތި ނަމަކަށް ބަދަލެއް ނުކުރާނަން،" ނިޒާރު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ތީ ކޮން ކަހަލަ ނަމެއް؟ ހަމަ ސާރާ ކިޔާނީ. އައިޝަތު ސާރާ އިބްރާހީމް. އިރާދަކުރެއްވިއްޔާ ނަން ވެސް ކިޔާނަން، ބަކަރި ވެސް ކަތިލާނަން. ހުރޭ ބަލަން."
ބަކަރި ކަތިލެވުނު އިރު ސާރާއަށް ނުވަ ދުވަސް ވެއްޖެއެވެ. އެ ކަން ކާމިޔާބު ކުރެވުނު ގޮތެއް ނިޒާރު ނުބުނެއެވެ. އަންޖަލްއަށް ފެނިގެން ގެޔަކު ވަކި ހާއްސަ ކަމެއް ނުކުރެއެވެ. އަންޖަލް ކާކަށް، ބޯކަށް، ގައިގަ އަޅާކަށް ވެސް އެއްޗެއް ނުދެއެވެ. އެހެން ނަމަވެސް، ކޮންމެވެސް ކަމެއް ކޮށްގެން ނޫނީ ސާރާއަށް އެ ނަން ނުކިޔޭނެކަން އަންޖަލްއަށް ޔަގީނެވެ. ލިބުނު ކާމިޔާބުގެ ވާހަކަ ނިޒާރު ދެއްކި އިރު، އަންޖަލް އެއްޗެއް ނުބުނެ އަޑުއަހަން އިނެވެ.
"ކާފަ ކީއްކުރީ؟" އަންޖަލް ސުވާލުކުރިއެވެ.
"ކާފަ ނުކުރަން އެއް ކަމެއް ވެސް،" ނިޒާރު ބުންޏެވެ. "މީގެ ފަހުން، އިރުއޮއްސެންވާ އިރަށް ސާރާ ގޭތެރެއަށް ވައްދާތި! ނިދާ އިރު ކޮޓަރި އެއްކޮށް އަނދިރި ނުކުރާތި! ރޭގަނޑު ސާރާ ނިންދަވާ އިރު، މީ ވަރަށް މުހިންމު ކަމެއް، ސާރާގެ ކަންފަތްދޮށުގަ ކުރުސި ކިޔާތި!"
އަންޖަލް ވިސްނައިލިއެވެ. ހިތަށް އެރިއެވެ. ކާފަ ބުނި ހުރިހައި ކަމަކީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ. އޭގެ މާނައަކީ، ކާފަ ކޮންމެވެސް ކަމެއް ކޮށްފިއެވެ. ނިޒާރު ކޮޓަރިން ނުކުތްތަނައި ފޯނެއް އައެވެ.
"ބުނެފިން،" ފޯނު ކަންފަތުގައި ޖައްސައިލުމާ އެކު ނިޒާރު ބުންޏެވެ. "ޔަގީންތަ ދެން އަންޖޫ ސަލާމަތްވީކަން؟ ދެން ކިހިނެއް ހަދަން ޖެހޭނީ؟"
"ކީކޭ އަހަރެން ބުނީ؟" ވާހަކަ ދެއްކި މީހާ ބުންޏެވެ. "މިހާރު ތިބޭނީ އަޑުއަހަން. ދުރާލާ ރާވާ ކޮންމެ ކަމެއް ފަނިކޮށްލާނެ. ކުރާ ކަމެއް ކުރަން ޖެހޭނީ ކުއްލިއަކަށް." (ނުނިމޭ)