ދިވެހި ސާފް ލީގުގެ އެންމެ ފަހު މުބާރާތް ރަންނަމަރި ޗެލެންޖް އަންހެން ކެޓަގަރީ ތައާރަފް ކުރި ފަހުން ޑޮމިނޭޓް ކުރި މަރްޔަމް ރާހިލް ނަސީމް (އާޔާ) ފަހަތަށް ޖައްސާލުމަށް ފަހު އުމުރުން ނުވަ އަހަރުގެ އާލިޔާ ލަތީފް ޗެމްޕިއަންކަން ހޯދައިފި އެވެ. 

ގައުމީ ސާފިން މުބާރާތުގައި އަންހެން ޑިވިޝަން ތައާރަފް ކުރީ 2021 ގަ އެވެ. އެ އަހަރުގެ މުބާރާތުން ފެށިގެން މިފަހަރުގެ މުބާރާޓުގެ ނިޔަލަށް އާޔާ ވަނީ ގައުމީ ޗެމްޕިއަން ޓައިޓަލް ދަމަހައްޓާފަ އެވެ. 

އޭނާގެ އެ ޑޮމިނޭޝަން ނިމުމަކަށް ގެނައި އާލިޔާ ފައިނަލް ހީޓްގައި ކާމިޔާބު ހޯދީ ތަފާތު ބޮޑުކޮށް ޕޮއިންޓް ހޯދައިގެންނެވެ. އޭނާ ވަނީ ހަތް ރާޅުން ޖުމުލަ 11.83 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އޭނާ އެންމެ ގިނަ ޕޮއިންޓް ހޯދީ ފުރަތަމަ ރާޅާއި ފަހު ރާޅުގަ އެވެ. 

ފުރަތަމަ ރާޅުގައި އޭނާ ވަނީ 6.33 ޕޮއިންޓް ހޯދާފަ އެވެ. އަދި ފަހު ރާޅުގައި އޭނާ ވަނީ 5.50 ޕޮއިންޓް ސްކޯކޮށްފަ އެވެ. 

އާޔާ އަށް ހަތަރު ރާޅުން ހޯދުނީ 5.23 ޕޮއިންޓެވެ. 

ގައުމީ ފިރިހެން ޗެމްޕިއަންކަން ހޯދީ ތަޖުރިބާކާރު ހުސައިން އަރީފް (އިބޫ) އެވެ. ސާފިން ކެރިއާގައި ކާމިޔާބު 30 އަހަރު ހޭދަކުރުމަށް ފަހު ގައުމީ ކޯޗުކަން ވެސް އިބޫ ކުރި އެވެ.

ވަރަށް ވާދަވެރިކޮށް ދިޔަ ފައިނަލުގައި އޭނާ ކާމިޔާބު ހޯދީ ޔާސީން އަހްމަދު ނާޝިދާ ވާދަކޮށެވެ. އިބޫ ކާމިޔާބު ހޯދީ 0.23 ގެ ތަފާތަކުންނެވެ. 

އިބޫ ވަނީ ހަތް ރާޅުން 12.50 ޕޮއިންޓް ސްކޯކޮށްފަ އެވެ. ހަތް ރާޅުން ޔާސީނަށް ހޯދުނީ 12.27 ޕޮއިންޓެވެ.

އޯޕަން ކެޓަގަރީގެ ފައިނަލުގައި ނާކާމިޔާބުވި ނަމަވެސް، ޔާސީން ވަނީ ޖޫނިއާ ޗެމްޕިއަންކަން ހޯދާފަ އެވެ. ޖޫނިއާ ބައިގެ ފައިނަލުގައި އޭނާ ކާމިޔާބު ހޯދީ މުހައްމަދު އިނާންއާ ވާދަކޮށެވެ.