ގައުމީ ފެންވަރުގެ ދުވުންތެރިންނާއި އާއްމުން ކަސްރަތަށް ބޭނުންކުރަމުން އައި ޑިމާންޑް ބޮޑު މާލޭ ކުޅިވަރު އެކުވެނީގެ ވެލި ޓްރެކުގައި ސިންތެޓިކް އަޅައި ޒަމާނީ ފެންވަރަށް ބަދަލުކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު ބުނީ އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރި މި ޓްރެކުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމާލުމަށް ފަހު ވީ އެންމެ އަވަހަކަށް ހުޅުވަން އަންނަނީ ތައްޔާރުވަމުން ކަމަށެވެ.
"ވެލި ޓްރެކަކުން ސިންތެޓިކް ޓްރެކަކަށް،" ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ޓްވީޓްކުރައްވާފައިވެ އެވެ. "އެތުލީޓުންނާއި އާއްމުންގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ވެދެއްވި އެހީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (އިންޑިއާގެ) ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ޝުކުރުއަދާކުރަން."
ސަރުކާރުން 1996 ވަނަ އަހަރު ތަރައްގީކުރި ވެލި ޓްރެކުގައި އާއްމުން ކަސްރަތުކުރުމުގެ އިތުރުން ބައެއް އަމިއްލަ އެކަޑަމީތަކާއި ކަސްރަތު ކްލާސްތައް ވެސް ބާއްވަ އެވެ. އަދި ހުޅުމާލޭގައި 2018 ވަނަ އަހަރު ސިންތެޓިކް ޓްރެކެއް އެޅުމާ ހަމަޔަށް އެތުލެޓިކްސް މުބާރާތްތަކާއި ޕްރެކްޓިސްތަކަށް އެތަން ބޭނުންކުރި އެވެ. އެއީ ރައީސް ޔާމީނުގެ ސަރުކާރުގައި އެޅި ތަނެކެވެ.
މިނިސްޓްރީން ބުނީ މި ޓްރެކުގައި ވެސް އެތުލެޓިކްސް އަށް ހާއްސަ ވަގުތުތަކެއް އޮންނާނެ ކަމަށާއި އެކަމަކު ކުރިއެކޭ އެއްގޮތަށް އާއްމުންނަށް ވެސް ދަތިކަމެއް ނެތި ޓްރެކް ބޭނުންކުރެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެކަމަށް އޮންނަ އުސޫލު ޓްރެކް ހުޅުވާއިރު އާއްމު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ދުވާ ޓްރެކެއްގެ ގޮތުގައި އެތަން އާއްމުކޮށް ބޭނުންކުރި ނަމަވެސް އެތަނުގެ މެދުގައި އޮންނަ ކްރިކެޓް ދަނޑުގެ މިންހަމަކުރަނީ އެ ޓްރެކް މަތިން ބައުންޑަރީ އަޅައިގެންނެވެ. އެހެންވެ ކްރިކެޓަށް ހާއްސަ ތަނެއް ހެދެންދެން، ސިންތެޓިކް ޓްރެކުގެ ބައެއް ކްރިކެޓުން ވެސް ބޭނުންކުރާނެ އެވެ. މިނިސްޓްރީން ބުނީ ކްރިކެޓަށް ހާއްސަ ގަޑީގައި ޓްރެކް ބަންދުވާނެ ކަމަށެވެ.
ލޮކްޑައުންގެ ތެރޭގައި މިނިސްޓްރީން އެންމެ ފުރަތަމަ އެތަނަށް ގެންނަން އުޅުނު ބަދަލަކީ ވެލި އަޅައިގެން ތަން އާކުރުމެވެ. އެކަމަކު ފަހުން ސިންތެޓިކް ޓްރެކަކަށް ބަދަލުކުރަން ނިންމީ އެވެ.