ސެމްސަންގް ގެލެކްސީ އެސް8 ދައްކާލައިފި، ހޯމް ބަޓަން ފޮރުވައިފި

ސެމްސަންގުގެ ގެލެކްސީ މަރުކާގެ އާ ދެ ފޯނު މިރޭ ތައާރަފްކޮށްފި އެވެ.


ގެލެކްސީ އެސް8 އާއި އެސް8 ޕްލަސް އުފައްދާފައި ވަނީ ފިޒިކަލް ހޯމް ބަޓަނެއް ނެތް ގޮތަށެވެ. އަދި މި ފޯނުތަކަށް ވަނީ އަލަށް ތަރައްގީކުރި ވާޗުއަލް އެސިސްޓެންޓް ދީފަ އެވެ.

މި ދެ ފޯނުގެ ސްކްރީން ސައިޒު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރު ނެރުނު އެސް7 އާއި އެސް7 އެޖަށް ވުރެ ފޯނުގެ ސައިޒު ކުޑަ އެވެ. އަދި މި ފަހަރު ދެ ފޯނުގައި ވެސް ސްކްރީންގެ އަރިމަތި ވަނީ ކާވްކޮށްފަ އެވެ.

އެސް8 ގެ ސްކްރީންގައި 5.8 އިންޗި ހުންނައިރު އަނެއް ފޯނުގެ ސްކްރީންގައި 6.2 އިންޗި ހުރެ އެވެ. މިފަހަރު ސްކްރީން ދިގުކުރުމަށް ފޯނުގެ ދެ ކޮޅުން ވެސް ދޫކޮށްލާފައި ވަނީ ކުޑަ ތަންކޮޅެކެވެ. ނަތީޖާއެއްގެ ގޮތުން ސެމްސަންގުގެ ލޯގޯ ވެސް ފޯނުގެ ކުރިމަތިން ނުފެންނާނެ އެވެ. އަދި ފިޒިކަލް ހޯމް ބަޓަން ވެސް ވަނީ އޮން-ސްކްރީން ބަޓަނަކަށް ބަދަލުކޮށްފަ އެވެ. މިއީ އެންޑްރޮއިޑްގެ ފަހުގެ އެހެން ފޯނުތަކުގައި މިހާރުވެސް ހުންނަ ގޮތެވެ.

މި ފޯނުތަކުގެ ސްކްރީންގެ ކުލަތަކާއި އަލިތައް ކުރީގެ ފޯނުތަކަށް ވުރެ ރަނގަޅުވާނެ ކަމަށް ސެމްސަންގުން ބުންޏެވެ.

ސެމްސަންގް ގެލެކްސީ އެސް8

މިފަހަރު އަލަށް ހިމެނި ވާޗުއަލް އެސިސްޓެންޓް "ބިޒްބީ" އަކީ އެޕަލްގެ އެސިސްޓެންޓް ކަމަށްވާ "ސިރީ" އުފެއްދުމުގައި މަސައްކަތްކުރި ބައެއް މީހުން ބައިވެރިވެގެން ތަރައްގީކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މި "އެހީތެރިޔާ" އާ ގާތު ބުނާ ކަންކަން ވަރަށް ފުރިހަމައަށް ފޯނު މެދުވެރިކޮށް ކޮށްދޭނެ ކަމުގެ ޔަގީންކަން ސެމްސަންގުންދެ އެވެ. ފޯނުން ވަކި ފޮޓޯއެއް ހޯދައި ދެއްކުމާއި ފޯނުގެ ކެމެރާއިން ދައްކާ އެއްޗިއްސާއި ބައެއް ތަންތަނުގެ ނަން ވެސް "ބިޒްބީ" އިން ބުނެދޭނެ އެވެ.

ސެމްސަންގް ގެލެކްސީ އެސް8

މައި ކެމެރާގައި މިފަހަރު ވެސް 12 މެގަޕިކްސެލް އެވެ. އެކަމަކު ފޮޓޯގެ ކޮލިޓީ އެތައް ގޮތަކުން ރަނގަޅުވާނެ ކަމަށް ބުނެ އެވެ. ކުރިން ވެސް އަޑު އަރާފައިވާ ގޮތަށް، އައިރިސް ސްކޭނާ ވަނީ ފޯނުތަކުގައި ހިމަނައިފަ އެވެ. މިއީ ފޯނުގެ ވެރިފަރާތްކަން ކަށަވަރު ކުރުމަށް ލޯ ސްކޭންކުރާ ޓެކްނޮލޮޖީ އެވެ. ފިންގަޕްރިންޓުގެ ބަދަލުގައި ލޯ ދައްކާލައިގެން ފޯނު ހުޅުވޭނެ އެވެ.

ސެމްސަންގް ގެލެކްސީ އެސް8 އަކީ ހާއްސަ ޑިވައިސްއަކާ އެކު ކޮމްޕިއުޓަރެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް

މޮޓޮރޯލާ އާއި މައިކްރޮސޮފްޓުން މީގެ ކުރިން ތައާރަފްކުރި ގޮތަށް، ކޮމްޕިއުޓަރެއްގެ ގޮތުގައި ފޯނު ބޭނުންކުރެވޭ ގޮތް ސެމްސަންގުން މިފަހަރު ވަނީ ހަދައިފަ އެވެ. ސެމްސަންގް ޑެސްކްޓޮޕް އެކްސޕީރިއަންސް (ޑެކްސް) ޑޮކްގައި ފޯނު ބޭއްވުމުން ފޯނު މޮނިޓަރާ ގުޅާލެވި ޑެކްސްޓޮޕް ޕީސީއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ. އެ ޑޮކަށް ޔޫއެސްބީ ކީބޯޑާއި މައުސް ގުޅޭނެ އެވެ.

ސެމްސަންގް ގެލެކްސީ އެސް8 ޕްލަސް

މައްސަލަ ޖެހި، އަލިފާން ރޯވި ނޯޓް7 ގެ ނާކާމިޔާބީއަށް ފަހު ނެރުނު މި ދެ ފޯނު ވެސް ބާޒާރަށް ނެރޭނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ. އެސް8 ގެ އަގަކީ 720 ޑޮލަރެވެ. އަދި އެސް8 ޕްލަސްގެ އަގު ފެށޭނީ 840 ޑޮލަރުންނެވެ.

ސެމްސަންގުގެ އާ ފޯނާއި އެހެން އުފެއްދުންތައް ތައާރަފްކުރި ރަސްމިއްޔާތު

މިރޭ ސެމްސަންގުން ވަނީ 360 ކެމެރާއަކާއި ވީއާރް ސެޓަކާއި ރައުޓާއެއް ވެސް ތައާރަފްކޮށްފަ އެވެ.