ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނަކު، ޓުއަ ގައިޑުގެ ލައިސެންސް ހޯދައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓަރު މުހައްމަދު އަމީން ވަނީ، ޓުއަ ގައިޑް ލައިސެންސް ހޯދި ސ. ފޭދޫ، ކަންމަތީގެ، އައިޝަތު ޝީނާއާ ބައްދަލުކުރައްވައި ލައިސެންސް ހަވާލުކޮށްދެއްވައި، އޭނާ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އާސާރީ ތަންތަން ދައްކައި އެ ތަންތަނުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ޓުއަ ގައިޑުންގެ މައިގަނޑު މަސައްކަތެވެ. އެކަން ކުރެވޭނީ ވަކި ހުއްދައެއް ނަގައިގެންނެވެ.
ޓުއަ ގައިޑަކަށް ވެވޭނީ އެކަމުގެ ކޯހެއް ހަދައިގެންނެވެ. ރާއްޖޭގެ މަތީ ތައުލީމް ފޯރިކޮށްދޭ ބައެއް މަރުކަޒުތަކުގައި މިހާރު ވެސް ޓުއަ ގައިޑުން ތަމްރީނުކުރަން ކުރު ކޯސް ހިންގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްގެ ގޮތުގައި އިގުތިސާދީ ގޮތުންނާއި، ފަންނީގޮތުން އަންހެނުން ބާރުވެރިކުރަން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އޭގެ ތެރެއިން، ޓޫރިޒަމް ދާއިރާއިން އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދިވެހި ޓުއަ ގައިޑުން ތިއްބަސް، އެކަމުގައި މުޅިން ހަރަކާތްތެރިވަނީ ފިރިހެނުންނެވެ.