ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަންކަން އުއްމީދީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީސްތު ނަސީމް ހޯދައިފި އެވެ.
މި މަހު 16 ވަނަ ދުވަހު ފެށިގެން އިއްޔެގެ ނިޔަލަށް ކުރިޔަށްދިޔަ މި މުބާރާތުގައި 120 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން ރަފާ ހޯދީ ފައިނަލުގައި ޝިއުރާ ޝަރީފްގެ މައްޗަށް ހަތަރު ގޭމުން ކުރިހޯދައިގެންނެވެ. ރަފާ އަކީ ފާއިތުވި އަހަރުގެ ގައުމީ ޗެމްޕިއަންކަން ވެސް ހޯދި ކުޅުންތެރިޔާ އެވެ. އަދި ރަފާ ވަނީ މިދިޔަގެ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖެ އަށް ރިހި މެޑަލް ވެސް ހޯދައިދީފަ އެވެ.
ރަފާ އާއި ލައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ އިން ވަނީ 18 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައި ވެސް ކާމިޔާބު ކޮށްފަ އެވެ.
ޒީސްތު ފިރިހެން ފުރަތަމަ ޑިވިޝަން ކާމިޔާބުކުރީ ފައިނަލުގައި ސްރީލަންކާގެ ދެމިތު ވީރްސެނާ ބަލިކުރުމަށް ފަހު އެވެ. ޒީސްތު މޮޅުވީ 4-3 ގޭމުންނެވެ. ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރަފާ އާއި ޒީސްތުގެ ޕެއާ އިންނެވެ. އެއީ ފައިނަލުގައި އައިޝަތު ފަދުވާ އާއި މޫސާ މުންސިފްގެ ޕެއާ ބަލިކުރުމަށް ފަހު އެވެ.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ކާމިޔާބުކުރީ ޒީސްތު އާއި މައިޒަރު އާދަމް ޒާހިރުގެ ޕެއާ އިންނެވެ. އެއީ ފައިނަލުގައި އަލީ އާދަމް މަނިކާއި (އަލިބެ) މުންސިފްގެ ޕެއާގެ މައްޗަށް ކުރިހޯދައިގެންނެވެ. ވެޓަރަންސްގެ ފިރިހެން ސިންގަލް ޗެމްޕިއަންކަން ހޯދީ އަލިބެ އެވެ.
ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝިއުރާ އާއި އައިޝަތު ފަދުވާގެ ޕެއާ ބަލިކުރުމަށް ފަހު މަރިޔަމް ޝަފީގް އާއި ފާތިމަތު ޖުމާނާގެ ޕެއާ އިންނެވެ.