ބެން ސްޓޯކްސް އާއި ސޭމް ކުރަން ކަރެންގެ މޮޅު ކުޅުމާ އެކު ޕާކިސްތާން ފަސް ވިކެޓުން ބަލިކޮށް ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އިންގްލެންޑުން މިއަދު ހޯދައިފި އެވެ.
އެއާ އެކު މި ދެ ކުޅުންތެރިން ވެފައިވަނީ 20 އޯވަރުގެ ކްރިކެޓުގެ ދުނިޔޭގެ ޗެމްޕިއަންކަމާއި 50 އޯވަރުގެ ކްރިކެޓުގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ޕެއާ އަށެވެ.
އޮސްޓްރޭލިއާގެ މެލްބަންގައި ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން އިންގްލެންޑް ގަސްދުކުރީ ހޮވަން އަރާށެވެ. ޕާކިސްތާނުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ދެވުނީ 137 ލަނޑެވެ. މި އިނިންގްސްގައި އިންގްލެންޑުގެ ކަރެން ވަނީ ހަތަރު އޯވަރުގެ ތެރޭގައި 12 ލަނޑަށް ތިން ވިކެޓު ނަގައިފަ އެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ 28 ބޯޅައިން 38 ލަނޑު ހެދި ޝާން މަސްއޫދެވެ.
ޖަވާބުގައި އިންގްލެންޑް ކުޅެން އަރައި 19 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހަދައި މޮޅުވި އެވެ. އިންގްލެންޑަށް ކުރީކޮޅު އުނދަގޫތަކާ ކުރިމަތިވި އެވެ. އެގޮތުން ހަ ވަނަ އޯވަރާ ހަމައަށް ދިޔައިރު ޕާކިސްތާނުގެ ބާރު ބޯޅަތަކަށް ދެވުނީ އެންމެ 49 ލަނޑެވެ. އޭރު ތިން ވިކެޓު ވަނީ ގޮސްފަ އެވެ. އެކަމަކު ނުބައިނުވެ 49 ބޯޅައިން 52 ލަނޑު ހެދި ސްޓޯކްސް އާއި 19 ލަނޑު ހެދި މުއީން އަލީގެ ވިސްނުންތެރި ކުޅުމާ އެކު އިންގްލެންޑް ކާމިޔާބު ހޯދީ އެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ހަތަރު އޯވަރުގެ ތެރޭގައި 23 ލަނޑަށް 2 ވިކެޓް ނެގި ހާރިސް ރައޫފެވެ.
މިއީ އިންގްލެންޑުން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެ އަދަދަށް ދެން ތަށި ހޯދާފައިވަނީ ވެސްޓް އިންޑީޒް އެވެ. މުބާރާތް ދެން ކާމިޔާބުކޮށްފައިވަނީ އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި އޮސްޓްރޭލިއާ، ކޮންމެ ގައުމެއް އެއް ފަހަރު އެވެ.