ރައީސް އަބްދުﷲ ޔާމީން އަންނަ ބުދަ ދުވަހު ހއ. ހޯރަފުއްޓަށް ވަޑައިގަންނަވާތީ، އެ ރަށުގައި ސިޔާސީ އެއްވެސް މީހެއްގެ ފޮޓޯ ބަހައްޓައި ސިޔާސީ ވާހަކަތައް ލިޔެ، ބެނާ ދެމުން ކައުންސިލުން މަނާކޮށްފި އެވެ.

ހޯރަފުށީ ނަރުދަމާ ހުޅުއްވައިދެއްވުމަށް ރައީސް ޔާމީން އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެއްސީ މިއަދެވެ. އެކަމަކު މޫސުން ގޯސްވުމުން، ރައީސްގެ ދަތުރުފުޅު ވަނީ ބުދަ ދުވަހަށް ފަސްކޮށްފަ އެވެ.

ރައީސްގެ ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި ސިޔާސީ ވާދަވެރިންގެ ޝުއޫރު ފާޅު ނުކުރެވޭނެ ކަން ކައުންސިލުން ވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ އެކްޓިވިސްޓުންނާއި ޖަމިއްޔާތަަކަށް އަންގައިފަ އެވެ.

ރައީސް ޔާމީން ވަޑައިގަންނަވާތީ ހޯރަފުށީ ބަނދަރު ސަރަހައްދު ޒީނަތްތެރިކޮށްފައި. ..-- ފޮޓޯ: ކައުންސިލް
ރައީސް ޔާމީން ވަޑައިގަންނަވާތީ ހޯރަފުށީ ބަނދަރު ސަރަހައްދު ޒީނަތްތެރިކޮށްފައި. ..-- ފޮޓޯ: ކައުންސިލް
އެގޮތަށް ނިންމީ ރަށާއި ރައްޔިތުންގެ މަސްލަހަތަށް ވިސްނާފައި. --ކައުންސިލްގެ ރައީސް

ވެރިކަންކުރާ ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް އަލީ އާރިފް މިއަދު ވިދާޅުވީ ބަނދަރު ސަރަހައްދުގައި ސިޔާސީ މީހުންގެ ޕޯސްޓަރާއި ލިޔުންތައް ހަރުނުކުރަން އެންގީ ކައުންސިލުން ނިންމައިގެން ކަމަށެވެ. އެއީ މުޅި ރަށުގެ މަސްލަހަތުު ހިފެހެއްޓުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ހޯރަފުއްޓަށް ވަޑައިގަންނަވާތީ ރަށުގައި ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަފަތި ދަމާފައި. --ފޮޓޯ: ކައުންސިލް
ރައީސް ޔާމީން ހޯރަފުއްޓަށް ވަޑައިގަންނަވާތީ ރަށުގައި ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަފަތި ދަމާފައި. --ފޮޓޯ: ކައުންސިލް

"ކައުންސިލުން އެގޮތަށް ނިންމީ ރަށާއި ރައްޔިތުންގެ މަސްލަހަތަށް ވިސްނާފައި. ރައީސްގެ ދަތުރުފުޅު ނިމެންދެން މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވަނީ އެދިފައި،" އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސްގެ ދަތުރުފުޅު ނިމުމުން ބަނދަރު ސަރަހައްދުގައި ވެސް ސިޔާސީ ލިޔުންތަކާއި ޕޯސްޓަރުތައް ހަރުކުރުން ކައުންސިލުން މަނައެއް ނުކުރާނެ އެވެ.

ބަނދަރު ސަރަހައްދުގައި ސިޔާސީ ޕޯސްޓަރުތައް ނުބަހައްޓަން އަންގާފައިވާ އިރު ރައީސްގެ ދަތުރުފުޅާ ދިމާކޮށް، އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ރައްޔިތުންނާ، ރައީސް ބައްދަލުކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ އިރު ބައެއް ކަހަލަ ސާމާނު ގެންދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ ނުވަ އަހަރު ކުރިން 2007 ގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގަތުމުން ވަޅިއަކުން އެ މަނިކުފާނުގެ ހަށިކޮޅަށް ހަމަލާ ދޭން މީހަކު މަސައްކަތް ކުރި އެވެ. އެ ހަމަލާ އިން އެ މަނިކުފާނު ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ.