ޑާކް ރެއިން އެންޓަޓައިމަންޓްގެ ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" އަށް ލިބުނު ތަރުހީބާ އެކު، އެ ސްޓޫޑިއޯ އިން އަނެއްކާވެސް އެ ވައްތަރުގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެންނަން ނިންމައިފި އެވެ.
މި ފަހަރުގެ ފިލްމަކީ "މަގޭ ބިޓްގެ ވެޑިން" އެވެ. އެކަމަކު ފިލްމުގެ ނަން ފިޔަވައި ފިލްމާ ބެހޭ އެއްވެސް ތަފުސީލަކާ ހަމައަށް އަދި ދެވެން ނެތް ކަމަށް ޑާކް ރެއިނުން ބުންޏެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ސްކްރީންޕްލޭއާ ގުޅޭ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.
"މީގެ މަސައްކަތް ރޯދައިގެ ފަހުން ބޮޑަށް ފެށިގެން ދާނީ. އަހަރަމެން މި ވަގުތު މި އުޅެނީ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވާ އޮފީހަކަށް ޑްރާމާއެއް ހެދުމުގެ މަސައްކަތުގައި،" އޭނާ ބުންޏެވެ.
މޮގާ ބުނީ "ވާށޭ މަށާއެކީ" ގެ ފަހުން ޑާކް ރެއިނުން "މަންމަ" ކިޔާ ފިލްމެއްގެ މަސައްކަތް ފަށަން ކުރިން ރޭވި ނަމަވެސް، އަނެއްކާ ވެސް ރޮމްކޮމްއެއް ގެނެސްދޭން ނިންމީ "ވާށޭ މަށާއެކީ" އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއި އެފަދަ އިތުރު ފިލްމަކަށް އަންނަ ރިކްއެސްޓާ ގުޅިގެން ކަމަށެވެ.
"މި ޖޯންރާގެ ފުރަތަމަ ފިލްމުގެ ގޮތުގައި ވާށޭ މަށާއެކީ ބެލުންތެރިންނަށް ވަރަށް ކަމުގޮސްފި. އެހެންވެ އަނެއްކާ ވެސް ހަމަ އެ ޖޯންރާ އަށް ދާން ނިންމީ. އަނެއްކާ ވެސް ހަމަ ރީތި ސަޅި އަދި ފުރިހަމަ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނަން،" ރިލީޒް ކުރާނެ ތާރީހެއް ވެސް އަދި ނިންމާފައި ނުވާ ފިލްމާ ބެހޭ ގޮތުން މޮގާ ބުންޏެވެ.
ޑާކް ރެއިނުން ކުރިން ފަށަން ނިންމި "މަންމަ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ އާއިލީ ލޯބި ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގެ ލީޑް ރޯލަށް ހަމަޖައްސާފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދެވެ.
މޮގާ ބުނީ "މަންމަ" ލަސް ކުރި އަނެއް ސަބަބަކީ ނިއުމާ ފައިގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހިފައިވާތީ އެވެ.