ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ނުވަތަ އޭނާގެ އަމިއްލަ ނަމުގައި ދަރިވަރުން މަތީ ތައުލީމް ހާސިލު ކުރުމަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް މާފު ކޮށްދޭން ގާސިމް މިރޭ ނިންމަވައިފި އެވެ.
ޖޭޕީގެ މެނިފެސްޓޯ އިއުލާން ކުރުމަށް މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އޭނާގެ އަމިއްލަ މަސައްކަތުން ހޯދާފައި ހުރި ފައިސާ އިން އެތައް ހާސް ދަރިވަރުންނަށް އެކި ރޮނގުތަކުން ކިޔެވުމަށް އެހީވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ގިނަ ކުދިން ކިޔަވަމުން އަންނަނީ ވަކި ޕަސެންޓޭޖެއް އަނބުރާ ދައްކާ ގޮތަށް ކަމަށާއި ލޯނުތަކުގެ ޖުމްލަ އަދަދު ބިލިއަނާ ގާތް ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެ ހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް އަޅުގަނޑު މާފު ކޮށްފިން." ގާސިމް ވިދާޅުވި އެވެ.
"އެންމެ ކުއްޖަކު ވެސް ބޮޑު ލާރިއެއް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް،" އޭނާ ވިދާޅުވި އެވެ.
ގާސިމް މިރޭ ވަނީ އޭނާ އަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ދައުލަތުން ދޫކޮށްފައިވާ ހުރިހާ ސްޓޫޑަންޓް ލޯނެއް މާފު ކޮށްދޭނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންފަ އެވެ. އަދި މާސްޓާސް އާ ހަމައަށް ހިލޭ ކިޔަވައި ދެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ވެރިކަމެއްގައި ހުންނަ އިރު ރާއްޖޭގެ ހުރިހާ ކުދިންނަށް ހިލޭ ކިޔަވާ ދޭއިރު އަމިއްލަ އަށް މީހުންނަށް ލޯނު ދީގެން އެކަން ކުރުން ސިކުނޑި ގަބޫލެއް ނުކުރެވޭ." ގާސިމް ވިދާޅުވި އެވެ.