ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލް ހޯދުނީ ސިނިއާ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން އެއް ރޫހެއްގައި މަސައްކަތްކުރުމުން ކަމަށާއި މިހާރު އިތުރު ކާމިޔާބީ ހޯދުމަށް ޓީމުގެ އިތުބާރު ބޮޑުވެފައިވާ ކަމަށް އަންހެން ބާސްކެޓް ޓީމުގެ ކެޕްޓަން އައިމިނަތު ޝިއުރާ އަބްދުލް ބާރީ ބުނެފި އެވެ.

މި ފަހަރުގެ ގޭމްސްގައި އަންހެން ބާސްކެޓް ޓީމު ގްރޫޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވި ނަމަވެސް މި ސަރަހައްދުގެ ދެ ވަނަ ޓީމުގެ ގޮތުގައި އޮތް ލަންކާ އަތުން މޮޅުވެ ފުރަތަމަ ފަހަރަށް ސެމީން ފުރުސަތު ހޯދި އެެވެ. ސެމީގައި ނަސީބު ދަށްކޮށް ދިމާވި ނަމަވެސް ތިން ވަނަ ހޮވާ މެޗަށް ރަނގަޅު ރޫހެއްގައި އެނބުރި އައިސް ތަފާތު ދައްކައި ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް ލޯ މެޑަލް ހޯދި އެެވެ.

"ގޭމްސް އަށް އައީ ހުސް އަތާ ނުދާން. މެޑަލެއް ހިފައިގެން ދާން އައީ. އެ ޓާގެޓް ހާސިލްވީމަ ވަރަށް އުފާވެއްޖެ. ޓީމުގެ ހުރިހާ ކުދިން ވެސް ތިބީ ވަރަށް އުފަލުން. ކުރި މަސައްކަތުގެ ނަތީޖާ ލިބިއްޖެ. އެހީވެދިން ހުރިހާ އެންމެނަށް ޝުކުރިއްޔާ،" ތިން ވަނަ ހޮވި މެޗަށް ފަހު ޝިއުރާ ބުންޏެވެ.

އަންހެން ބާސްކެޓްބޯޅަ ޓީމު މި ކާމިޔާބީ ހޯދީ މޭ މަހުން ފެށިގެން ހަދަން ފެށި ތަމްރީންތަކާ އެކު އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އަައިއޯއައިޖީ)ގައި ވާދަނުކުރި ނަމަވެސް ފެންވަރު ރަނގަޅު ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކުރި އެވެ. އެ ގޮތުން ހދ. ކުޅުދުއްފުށީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ އިތުރުން ތައިލެންޑާއި ޗައިނާގައި ވެސް ތަމްރީންތަކެއް ހެދި އެވެ. އެ ޓްރެއިނިން ކޭމްޕްތަކުގައި ރަނގަޅު މެޗުތަކެއް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރުނެވެ.

ޓީމުގެ ކޯޗު ލަންކާގެ ސުޕުން ވިމާލްގެ ނަޒަރުގައި މިއީ ރިހި މެޑަލެއް ލިބެންވީ ފަހަރެކެވެ. އެކަަމާ ޝިއުރާ ވެސް އެއްބަސްވެ އެވެ. ޝިއުރާ ބުނީ ފައިނަލްގައި ކުޅެން ރާއްޖެ ޓީމަށް ހައްގުވާވަރުގެ ކުޅުމެއް މި މުބާރާތުގައި އެ ޓީމުން ދެއްކި ކަމަށެވެ.

"އެކަމަކު ލިބިފައި ހުރި ކުޑަ އެކްސްޕީރިއަންސާ ބަލާފައި ބްރޯންޒް މެޑަލް މި ވަގުތަށް ރަނގަޅު. އަދި ސިލްވާ ވެސް ނެގޭނެ އެކަމަކު ދެން ވިސްނާނީ ގޯލްޑަށް. މި ފަހަރު އައީ ފުރަތަމަ ޓާގެޓަކީ ބްރޯންޒް. ސިލްވާ ނުލިބުމުގައި ރެސްޓް ނުލިބުން ދިމާވި ކަމަކީ. ތިން ވަނަ ހޮވާ މެޗު މި ކުޅުނީ 24 ގަޑިއިރެއް ނޫން 12 ގަޑިއިރު ވެސް ރަނގަޅަށް ރެސްޓް ނުލިބި. މި ލިބުނު ތަޖުރިބާގައި ދެން ޓާގެޓް ކުރަންވީ ގޯލްޑަކަށްކަން އެނގިއްޖެ،" ޝިއުރާ ބުންޏެވެ.

މި ފަަހަރުގެ ޓީމުގައި ސީނިއާ ކުޅުންތެރިންގެ ގޮތުގައި ތިބީ މަދު ކުޅުންތެރިންނެވެ. އެއީ ޝިއުރާގެ އިތުރުން ފާތިމަތު ރިޝްމާ އަދި ހައުމާ އުބައިދުﷲ ފަދަ ކުޅުންތެރިންނެވެ. ޝިއުރާ ބުނީ މިއީ ސީނިއާ ކުޅުންތެރިންނޭ އެއްގޮތަށް ޒުވާން ކުޅުންތެރިންނަށް ވެސް ބޮޑު ކްރެޑިޓެއް ހައްގުވާ ކާމިޔާބެއް ކަމަށެވެ.

"މަދު ޕްލޭޔަރުން މި ތިބީ ލީޑުކުރަން ސީނިއާ ކުޅުންތެރިންގެ ގޮތުގައި. ސީނިއާ ކުޅުންތެރިން ލީޑުކުރީމަ އެ ފޮލޯކުރި ޒުވާން ކުޅުންތެރިން މިއީ އޭގެ ނަތީޖާ. ވަރަށް ހުނަރުވެރި ޑިސިޕްލިން ޔަންގް ކުޅުންތެރިން މި ތިބީ ލިބިފައި. އެ ކުޅުންތެރިން ގޮވައިގެން ކުރިއަށް ގޮސްފިއްޔާ ރަން މެޑަލެއް ނުލިބެންވީ ސަބަބެއް ނެތް،" ޔަގީންކަމާ އެކު ޝިއުރާ ބުންޏެވެ.

އަންހެން ބާސްކެޓްބޯޅަ ޓީމުން ކުޅުނު ހުރިހާ މެޗަކަށް ބަލާއިރު ސްކޯ ކުރުމުގައި އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ރިޝްމާ އެވެ. ރިޝްމާ ބުނީ މިއީ ޓީމަކަށް ވުރެން ބޮޑަށް އާއިލާއެއްގެ ގޮތުގައި އޮތުމުން ލިބުނު ކާމިޔާބެއް ކަމަށެވެ.

"ހުރިހާ އެންމެންގެ ވެސް މިންނެއް މަސައްކަތް މިއީ. ކޯޗުމެންގެ އިރުޝާދާ އެކު ކުޅެފައި. ފެމިލީއެއް ގޮތަށް އޮތީމަ މި ކާމިޔާބީ މި ލިބުނީ،" ރިޝްމާ ބުންޏެވެ.

ގައުމީ ޓީމު އެކުލަވާލަން އަލުން ފެށިއިރު މަދު ކުޅުންތެރިންތަކެއް ތިބުމާ އެކީ ގޮންޖެހުންތަކެއް ދިމާވިކަން ކޯޗު ސުޕުން ވެސް ވަނީ ބުނެފަ އެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް ރިޝްމާ ބުނީ ފުރަތަމަ މަދު ކުޅުންތެރިންތަކެއް ތިބި ނަމަވެސް ޓީމާ ގުޅޭ ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވީ އެއް މިސްރާބެއްގައި މަސައްކަތް ކުރަން ކަމަށާއި އެ އާ އެކު ޓީމުގެ އިތުބާރު ބޮޑުވަމުން ދިޔަ ކަމަށެވެ.

"(އިތުބާރު އޮތްކަން) އެނގުނު ހިސާބުން ހަމަ ފެށީ ފުރަތަމަ ވެސް މަޑުމަޑުން ބްރޯންޒް، ސިލްވާ ގޯލްޑް އެ ހިސާބަށް ދާން. އަރަމުން އަންނަ ކުޅުންތެރިންނާ އެކު އަހަރެމެން ސީނިއާ ކުޅުންތެރިން ކުޅެން ބޭނުންވީ. އެ ކުދިންނަށް މި ފުރުސަތު ދީގެން އަހަރެމެން ރިޕްލޭސް ކުރަން،" ރިޝްމާ ބުންޏެވެ.