ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ފެބްރުއަރީ 7، 2018 ގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ޚާލިދާގެ ހާލު ވަރަށް ބޮޑަށް ގޯސްވެ މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި. --ފޮޓޯ:އޭއެފްޕީ
29 ނޮވެމްބަރ 2025 - 19:27
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ޚާލިދާގެ އާއިލާ އާއި އޭނާގެ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން މިކަން ކަށަވަރުކޮށްދެމުން ވަނީ އެންމެން ވެސް ޚާލިދާއަށް ޝިފާ ދެއްވުން އެދި ދުއާކޮށްދިނުމަށް އެދިފަ އެވެ.
އުމުރުން 80 އަހަރުގެ ޚާލިދާގެ ޕާޓީގެ މެންބަރަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެން ޚާލިދާ އެޑްމިޓްކުރީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި ހާލު ވަރަށް ބޮޑު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ޚާލިދާ ޒިއާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި. ޑޮކްޓަރުން އަންނަނީ ފަރުވާ ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުން،" ޚާލިދާއަށް ފަރުވާ ދެމުން އަންނަ ޑާކާގެ ހޮސްޕިޓަލްގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެންޕީގެ މެންބަރެއް ކަމަށްވާ އަހްމަދު އަޒަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޚާލިދާ މިވަގުތު އޮންނެވީ ވައިގެ މަގުން އެހެން ގައުމަކަށް ގެންދެވޭ ހާލަތެއްގައި ވެސް ނޫން ކަމަށާއި ހާލަތު ކުޑަކޮށް ވެސް ސްޓޭބަލް ވެއްޖެ ނަމަ ގައުމުން ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
"ދަ ޑެއިލީ ސްޓާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޚާލިދާއަށް ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވެ އެވެ. އަދި ދާއިމީ ޕޭސްމޭކަރެއް ވެސް ހަރުކޮށްފައިވާ ކަމަށާއި ހިތުގެ މައްސަލަ ދިމާވެ ސްޓެންޓް ވެސް ލައްވާފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
ބަންގްލާދޭޝްގައި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޚާލިދާ ވަނީ ޝައިހް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާކޮށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 2018 ވަނަ އަހަރު ޖަލަށް ލައިފަ އެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުން ވެސް މަނާކުރި އެވެ.
ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގަ އެވެ.
ސިއްހީ ހާލުކޮޅު ގޯސް ނަމަވެސް، އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޒިއާ ވަނީ ވިދާޅުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެހެހެހެހެހެހެ
29 November 2025
ޑެތު ބެޑްގަ ވެސް ވެރިކަމަށް ފައިނަގާތި
2025
29 November 2025
މިދެ ދައިތަ ނޫނީ ބަންގާޅުގަ މީހަކު ނުވަނީތަ؟.....ބޮއިހަލަކި
އަބްދުﷲ
29 November 2025
މީހާގެ ހާލަތުން ދޭހަވަނީ ޖަމާއަތްތެރިންނަށް ފިލައިގެން އުޅޭ މީހެއް ކަމަށް އެކަމަކު ވެސް ވެރިކަމުގެ ބޫތުކައިގެން މިއުޅެނީ.
ޖަލީލީ
29 November 2025
ވެރިކަމައިގެން މުސްކުޅި ދެ އަންހެނުން ކޯޅޭ ގައުމެއް މި ނޫނީ ނޯންނާނެ.