ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ބަޑީގެ ހަމަލާއެއްގައި އަވަހާރަކޮށްލައިފި އެވެ.
އުމުރުން 53 އަހަރުގެ ސައިފުލް އިސްލާމް އަވަހާރަކޮށްލާފައިވާ ކަމަށް އޭނާގެ ސިޔާސީ ޓީމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސައިފުލް އިސްލާމްގެ ވަކީލް މާސެލް ސެކަލްޑީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، ސައިފުލް އިސްލާމް އަވަހާރަކޮށްލީ ޒިންތާންގައި ހުންނަ އޭނާގެ ގެޔަށް އިއްޔެ މެންދުރު ފަހު ހަތިޔާރާ އެކު ބަޔަކު ވަދެ ހަމަލާދީގެންނެވެ.
ސައިފް އިސްލާމަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރުމަށް އަމުރެއް އޮތް ބޭފުޅެކެވެ. އެކަމަކު އޭނާ އަކީ ލީބިޔާގެ ވެރިކަމަށް އައުން ގާތް ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ލީޑަރެވެ.
އޭނާ 2021 ވަނަ އަހަރު ވަނީ ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފަ އެވެ. އެކަމަކު އެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
ލީބިޔާގެ އަލް އަހްރާރް ޓީވީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ސައިފުލް އިސްލާމްގެ އެޑްވައިޒަރު އަބްދުﷲ އުސްމާން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ހަމަލާ ދީފައިވަނީ ހަތަރު މީހަކު ސައިފުލް އިސްލާމްގެ ގެޔަށް ވަދެ ސަވައިލެންސް ކެމެރާތައް ކަނޑާލުމަށް ފަހުގައި ކަމަށެވެ.
އެކަމަކު މި ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.
ސައިފުލް އިސްލާމްގެ ފްރާންސް ވަކީލް މާސެލް ސެކަލްޑީ، ސެކިއުރިޓީ ޓީމްގެ ގާތް މީހަކާ ހަވާލާދީ ބުނީ ސެކިއުރިޓީ ޓީމްގެ ތެރޭގައި މައްސަލަތަކެއް އުޅެ އެވެ.
"... ގައްޒާފީގެ ގަބީލާގެ ވެރިޔާ ސައިފަށް ގުޅައި ސެކިއުރިޓީއަށް މީހުން ފޮނުވަދޭނެ ކަމަށް ވެސް ބުނި. އެކަމަކު ސައިފް އެ ހުށަހެޅުން ގަބޫލެއް ނުކުރެއްވި،" ވަކީލް ވިދާޅުވި އެވެ.
ސައިފުލް އިސްލާމަކީ އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި ރަސްމީ މަގާމެއް އަދާ ކުރެއްވި ބޭފުޅެއް ނޫން ނަމަވެސް، 2011 ވަނަ އަހަރު އަރަބި ސްޕްރިންގެ މުޒާހަރާތަކުގެ ކުރިން އޭނާ ސިފަކުރެވެމުން އައީ އިސްލާހީ ފިކުރުުގެ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އޭނާ އަކީ ބޮޑުވަޒީރެއްގެ ބާރު އޮތް ބޭފުޅެއް ކަމަށް ވެސް ބެލެވުނެވެ.
އެކަމަކު ސަރުކާރާ ދެކޮޅު މުޒާހަރާތައް ބާރުގެ ބޭނުންކޮށް ރޫޅާލުމާ އެކު ސައިފްގެ އެ އިމޭޖް ގެއްލުނެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނު ހައްޔަރު އަމުރާ ގުޅިގެން ސައިފުލް އިސްލާމް 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލީބިޔާގެ ދެކުނުގެ ސަރަހައްދުން ހައްޔަރު ވެސް ކުރި އެވެ. އަދި އޭގެ ފަހުން ލީބިޔާގެ ކޯޓަކުން 2015 ވަނަ އަހަރު ވަނީ އޭނާ މަރަން ވެސް ހުކުމްކޮށްފަ އެވެ. އެކަމަކު ފަހުން ވަނީ މާފު ދީފަ އެވެ. -- އޭއެފްޕީ