ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ ވަގު ވިޔަފާރިކުރުމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި އަރަބި ކަނޑުން ތިން ޓޭންކަރެއް އަތުލައިގެންފައިވާ ކަމަށް އިންޑިއާގެ ކޯސްޓް ގާޑުން ބުނެފި އެވެ. 

ތެލުގެ ވަގު ވިޔަފާރީގެ ނެޓްވޯކްތަކާ ދެކޮޅަށް ކުރާ މި މަސައްކަތުގައި އަތުލައިގަތް މި ޓޭންކަރުތަކާ އީރާނާ ގުޅުން އެބަ އޮތް ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. 

އިންޑިއާގެ ކޯސްޓް ގާޑުން ނެރުނު ބަޔާނެއްގައި ބުނީ މުމްބާއީގެ ހުޅަނގުން 100 މޭލު ބޭރުން ހުކުރު ދުވަހު މި އުޅަނދުތައް ހޯދައި އަތުލައިގަތީ ޒަމާނީ ޓެކްނޮލޮޖީގެ ސަވައިލެންސާއި ޑޭޓާ ޕެޓާން އެނައިޒްކޮށްގެން ކުރި މަސައްކަތުން ކަމަށެވެ. 

"މި ގްރޫޕްތަކުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގެ ނާޖާއިޒް ފައިދާ ނަގައި، ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުން ހެޔޮ އަގުގައި ތެޔޮ ހޯދައި، މޯޓާ ޓޭންކުތަކަށް އެ ތެޔޮ ޓްރާންސްފާކޮށް ޑިއުޓީ ދެއްކުމަކާނުލައި، އައްސޭރި ފަށުގެ ގައުމުތަކަށް ގެންދޭ،" ކޯސްޓް ގާޑުން ބުންޏެވެ. 

އެ ބަޔާނުގައި ބުނީ ބޯޓުތަކުގެ ފަޅުވެރިންނާ ސުވާލުކޮށް ހޯދި މައުލޫމާތުން، އެ މީހުން އެކަން ކުރާ ގޮތާއި ބައިނަލްއަގުވާމީ ބާޒާރުގައި އެ މީހުންނާ ގުޅުން އޮންނަ ފަރާތްތަކާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު ބޯޓުގެ ވެރިފަރާތެއް، ނިސްބަތްވާ ގައުމެއް އަދި އެއީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އުޅަނދުތަކެއް ކަމަށް ވެސް ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ. 

އެކަމަކު ޓޭންކަ ޓްރެކިން ކުންފުނި ޓޭންކަ ޓްރެކާސް އިން ބުނީ އެ ތިން އުޅަނދަކީ އަލް ޖަފްޒިއާ، އެސްފާލްޓް ސްޓާ އަދި ސްޓެލާ ރޫބީ ކަމަށެވެ. ޓޭންކަ ޓްރެކާސް އިން ބުނީ ސްޓެލާ ރޫބީ އޮޕަރޭޓް ކުރަނީ އީރާނުގެ ދިދައިގެ ދަށުންނެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަތުލައިގަތް ތިން ޓޭންކަރަކީ އީރާނާ ގުޅުން ހުރި އުޅަނދުތަކެވެ. އަދި އެއީ ވަގަށް ތެޔޮ ބޭރުކުރުމުގެ ތުހުމަތުގައި މިދިޔަ އަހަރު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުތަކެއް ކަމަށް ވެސް ބުންޏެވެ. 

އިންޑިއާގެ ކޯސްޓްގާޑުން ބުނީ އެ އުޅަނދުތަކަކީ އާންމުކޮށް އައިޑެންޓިޓީ ބަދަލުކުރާ އުޅަނދުތަކެއް ކަމަށެވެ.