ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން 2024 ވަނަ އަހަރު ޝައިހް ހަސީނާ ދުރުކުރި، ލޭ އޮހޮރުވުން ބޮޑު މުޒާހަރާތަކަށް ފަހު އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރުކަމުގެ މަގާމަށް އިންތިހާބުކުރި ތާރިގް ރަހްމާން މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.
ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ލީޑަރު، ހާލިދާގެ ދަރިކަލުން ރަހްމާން މަގާމުގެ ހުވާކުރެއްވީ ގާނޫނުހަދާ މަޖިލީހުގެ ބޭރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
"ބޮޑުވަޒީރުކަމުގެ ޒިންމާތައް ގާނޫނާ އެއްގޮތަށް، ތެދުވެރިކަމާ އެކު އަދާކުރާނަން،" އުމުރުން 60 އަހަރުގެ ރަހްމާން މަގާމުގެ ހުވާގައި ވިދާޅުވި އެވެ.
ހަސީނާގެ ޒަމާންވީ ވެރިކަން ވައްޓާލި މުޒާހަރާތަކަށް ފަހު މި ވީ ދޮޅު އަހަރު ތެރޭގައި ގައުމުގައި ހިގައިދިޔަ ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ރަހްމާނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ބެލެވެނީ ހަމަޖެހުމާއި ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމާއި ސިޔާސީ ވާދަވެރިކަމުގައި ގައުމުގައި އޮތް ބޮޑު ފިތުނަވެރިކަން ނައްތާލައި އިގްތިސާދީ ގޮތުން ގައުމު ހަމަމަގަށް އެޅުވުމެވެ.
ސިޔާސީ ނުފޫޒުގަދަ އާއިލާއަކުން ވަޑައިގެން ހުންނެވި ރަހްމާން މި މަހުގެ 12 ވަނަ ދުވަހުގެ އިންތިހާބުގައި ވަނީ ބީއެންޕީއަށް މަޖިލީހުގެ 212 ގޮނޑި ކާމިޔާބުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެންމެ ގާތުން ވާދަކުރި ދީނީ ޕާޓީތަކުގެ އިންތިހާދު، ޖަމާއަތު އިސްލާމީއަށް ލިބުނީ އެންމެ 77 ގޮނޑި އެވެ. އެކަމަކު އެއީ އެންމެ ފަހުން އެ އިއްތިހާދަށް ލިބުނު އަދަދާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ. އެ އިއްތިހާދުން ވަނީ 32 ދާއިރާއެއްގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ރަސްމީކޮށް ޝަކުވާ ހުށަހަޅައިފަ އެވެ.
އެކަމަކު ޖަމާއަތު އިސްލާމީން ބުނީ ޒިންމާދާރު އަދި ސުލްހަވެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ.
އިންތިހާބުގައި ސީދާ ވޯޓުން ހޮވުނީ އެންމެ ހަތް އަންހެނުންނެވެ. އެކަމަކު ޕާޓީތަކުން ބޭނުންވާ އަންހެން މެންބަރުން އައްޔަންކުރުމަށް ޕާޓީތަކަށް 50 ގޮނޑި ހާއްސަކޮށްފައިވެ އެވެ.