މެކްސިކޯގައި ޑްރަގް ވިޔަފާރިކުރާ ބޮޑުންގެ ތެރޭގައި ހިމެނޭ ނުރައްކާތެރި މީހެއް ކަމަށްވާ ނަމެސިއޯ އޮސެގުއޭރާ (އަލްމެންޗޯ) މަރާލިކަން އެ ގައުމުގެ އަސްކަރިއްޔާއިން އިއުލާނުކުރުމާ އެކު އޭނާގެ ކާޓެލް މީހުން ހަތިޔާރާ އެކު ނުކުމެ ބޮޑެތި ހަމަނުޖެހުންތައް ހިންގަން ފަށައިފި އެވެ.
ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލްގެ ލީޑަރު އޮސެގުއޭރާ، 59، މަރުވީ މެކްސިކޯ ސްޓޭޓްގެ ޖަލިސްކޯ ސްޓޭޓްގެ ޓަޕަލްޕާ ޓައުންގައި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ޒަހަމްވުމުން މެކްސިކޯ ސިޓީއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާ ހައްޔަރުކުރުމަށް ބޭނުންވާ މައުލޫމާތު ދޭ މީހަކަށް އެމެރިކާއިން އޮންނަނީ 15 މިލިއަން ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ.
މި ހަމަލާގެ ބަދަލު ހިފަން ބަޑި ހިފައިގެން ގޭންގު މީހުން ނުކުމެ ޓަޕަލްޕާ ހިމެނޭ ގޮތަށް ހުޅަނގު ޖަލިސްކޯ ސްޓޭޓްގެ 20 އަށް ވުރެ ގިނަ މަގު ވަނީ ބަންދުކޮށްފަ އެވެ. އެ ހަމަނުޖެހުންތައް އެހެން ސްޓޭޓްތަކަށް ވެސް މިހާރު ވަނީ ފެތުރިފަ އެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބާމް ވަނީ ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުގެ ސަރުކާރާ އެކު މައި ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި ރައްޔިތުން ރައްކާތެރިކަމާ އެކު ތިބުމަށް ގޮވާލައްވައިފަ އެވެ.
ވަނަމަކަށް އަލްމެންޗޯ ކިޔާ މި ޑްރަގް ލޯޑަކީ ސިނަލޯއާ ކާޓެލްގެ ވެރިޔާ ޖޯކިން އެލް ޗަޕޯ ގުޒްމަން އާއި އިސްމާއީލް ޒަމްބާޑާ ހައްޔަރުކުރި ފަހުން މެކްސިކޯ އިން ނައްތާލި އެންމެ ބޮޑު ޑްރަގް ލޯޑުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ކުރިން ހައްޔަރުކުރި ދެ މީހުން ވެސް މިހާރު ތިބީ އެމެރިކާގަ އެވެ.
މެކްސިކޯ ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އޮސެގުއޭރާ މަރުވީ މިލިޓަރީ އިންޓެލިޖެންސްގެ އިތުރުން އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުގެ "ކޮމްޕްލިމެންޓްރީ އިންފޮމޭޝަން" ގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ދިން ހަމަލާތަކެއްގައި ކަމަށެވެ. އޮސެގުއޭރާގެ އިތުރުން އޭނާގެ ގޭންގުގެ ހަ މީހަކު މަރުވި ކަމަށާއި ސިފައިންގެ ތިން މީހަކު ވެސް ހަމަލާތަކުގައި ޒަހަމްވި ކަމަށް ބަޔާނުގައިވެ އެވެ.
އަދި ކާޓެލްގެ މެންބަރުން ކަމަށް ތުހުމަތުވާ ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށް އެކި ބާވަތުގެ ހަތިޔާރު އަތުލައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި މަތިންދާބޯޓުތައް ވައްޓާލުމާއި ހަތިޔާރު އެޅި އުޅަނދުތައް ހަލާކުކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ރޮކެޓް ލޯންޗަރުތައް ހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ.
މި އަހަރުގެ ހޫނު މޫސުމުގައި ވޯލްޑްކަޕްގެ ހަތަރު މެޗު ބާއްވަން ހަމަޖެހިފައިވާ ޖަލިސްކޯ ސްޓޭޓުގައި މި ހަމަނުޖެހުންތައް ހިނގަމުން ދާއިރު ސަރުކާރުން ވަނީ މީހުން ގިނައިން އެއްވާ އިވެންޓުތައް ވެސް ކެންސަލްކޮށްފަ އެވެ.
ގޭންގު މީހުން ދަނީ ވެހިކަލްތަކާއި އިމާރާތްތަކާއި ޕެޓްރޯލް ޝެޑްތަކުގައި ވެސް ހުޅުޖަހަމުންނެވެ. އަދި އެއާޕޯޓަކަށް ވަދެ އެތަނުން މީހުން ނެރެ އެތަނުގެ ކޮންޓްރޯލް ހޯދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.
އެ ހަމަނުޖެހުންތައް އޮސެގުއޭރާގެ ކާޓެލް ހިންގާ އަވަށްޓެރި ސްޓޭޓެއް ކަމަށްވާ މިޗޯއާކަން އާއި ޕުއެޓޯ ވަލާޓާ އަށް ވެސް ވަނީ ފެތުރިފަ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނާ ގޮތުގައި އޮސެގުއޭރާގެ ކާޓެލް އުފެދުނީ 2009 ވަނަ އަހަރު އެވެ. އެއީ މެކްސިކޯގެ ޑްރަގް ކާޓެލްތަކުގެ ތެރެއިން އެންމެ އަނިޔާވެރި އެއް ޖަމާއަތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މެކްސިކޯގެ މި ޑްރަގް ލޯޑް މަރާލުމުން އެމެރިކާއިން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.