މަދީނާގައި، މީހުން ދިރިއުޅޭ އެޕާޓްމަންޓެއްގައި ހަށިވިއްކަން އުޅުނު ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މަދީނާ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން އެންޑް ރިސާޗް ޑިޕާޓްމަންޓާއި، ކޮމިއުނިޓީ ސެކިއުރިޓީ އަދި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރާ ޖެނެރަލް ޑައިރެކްޓަރޭޓް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަނެއްގަ އެވެ.
ހައްޔަރުކުރީ ކޮން ގައުމެއްގެ ބައެއްކަމެއް އަދި އެއީ ކޮން ޖިންސެއްގެ ބައެއް ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ޕަބްލިކް ސެކިއުރިޓީގެ އޮފިޝަލުން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި މީހުންނާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް މިހާރު ވަނީ އަޅައިފަ އެވެ. އަދި އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އެ މީހުން މިހާރު ވަނީ ޕަބްލިކް ޕްރޮސިކިއުޝަނަށް ފޮނުވާފައި ކަމަށް ސައޫދީ ގެޒެޓްގައި ބުނެފައިވެ އެވެ.
މި ރެއިޑަކީ އާންމު އަހުލާގީ މިންގަނޑުތަކާ ހިލާފަށް ހިންގާ ކުށްތައް ހުއްޓުވުމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާގެ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.