ރައްކާތެރިކަން ނެތް ކުޅޭ އެއްޗިއްސާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ އިލެކްޓްރޯނިކްސް ފަދަ، ޔޫރިއަޕިން ޔުނިއަން (އީޔޫ) ގައި މަނާ މުދަލުން ކަސްޓަމަރުން ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަން ތަހުގީގަކުން ހާމަވުމުން އީޔޫއިން ޓޭމޫ 200 މިލިއަން ޔޫރޯ (232 މިލިއަން ޑޮލަރު) އިން ބުރާސްފަތި ދުވަހު ޖޫރިމަނާކޮށްފި އެވެ.
ހަތާވީސް ގައުމު ހިމެނޭ އީޔޫ އިން މި ޖޫރިމަނާ ކޮށްފައިވަނީ، ޓޭމޫގެ ޕްލެޓްފޯމުގައި ވިއްކާ ކުޑަކުދިންގެ ކުޅޭ އެއްޗިއްސާއި އިލެކްޓްރޯނިކްސް ބައެއް ސާމާނު ފަދަ ތަކެތި، އީޔޫގެ ކަސްޓަމަރުންގެ ރައްކާތެރިކަމުގެ ގަވާއިދުތަކަށް ނުފެތޭތީ، އެކަމުގެ ސަބަބުން ކަސްޓަމަރުން ބޮޑު ނުރައްކަލަކަށް ހުށަހެޅޭ ކަމަށް ވޭތުވެދިޔަ އަހަރު އެ އިދާރާއިން ހޯދި ހޯދުންތަކަކަށް ފަހުގަ އެވެ.
އީޔޫގެ އެގްޒެކެޓިވް ގޮފިން މި އަދަބު ކަނޑައަޅާފައިވަނީ ޑިޖިޓަލް ސާވިސަސް އެކްޓް (ޑީއެސްއޭ) ގެ ދަށުންނެވެ. މިއީ ނުރައްކާތެރި މައުލޫމާތާއި ސައްހަ ނޫން ނުވަތަ މިންގަނޑަށް ނުފެތޭ މުދަލުން، އިންޓަނެޓް ބޭނުންކުރާ މީހުން ރައްކާތެރިކުރުމަށްޓަކައި، އޮންލައިން ޕްލެޓްފޯމްތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށް މަޖުބޫރުކުރާ ފުޅާ ގަވާއިދެކެވެ. އަދި މި ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރުމުގެ ބާރު ލިބިގެންވެ އެވެ.
މިއީ ތިން އަހަރުވެފައިވާ ޑީއެސްއޭ ގަވާއިދުގެ ދަށުން ބްރަސަލްސްއިން ޖޫރިމަނާއެއް ކަނޑައެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން، މިދިޔަ އަހަރު ވަނީ އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" 120 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
ޓޭމޫއިން ބުނީ ޖޫރިމަނާކުރުމުގެ ނިންމުން ބަލައިނުގަންނަ ކަމަށާއި، އެއީ އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު ޖޫރިމަނާއެއް ކަމަށް ދެކޭ ކަމަށެވެ.
"މި ނިންމުމަކީ 2024 ވަނަ އަހަރު ކޮމިޝަނުން ޓޭމޫއާ ގުޅޭ ގޮތުން ހިންގި އެންމެ ފުރަތަމަ ޑީއެސްއޭ އިވެލުއޭޝަނާ ގުޅޭ ނިންމުމެއް. މިއީ މިހާރު އަހަރެމެންގެ ސިސްޓަމްތައް ހުރި ހާލަތު ރަމްޒުކޮށްދޭ ކަމެއް ނޫން،" ކުންފުނިން ބުންޏެވެ.
"މި މަރުހަލާގެ ތެރޭގައި ޓޭމޫއިން ކޮމިޝަނާ އެކު ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކޮށްފައިވާނެ. އަދި އޭގެ ފަހުން، ނުރައްކާތައް ދެނެގަތުމާއި، ޕްލެޓްފޯމް ބެލެހެއްޓުމާއި، ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅާފައިވާނެ،" އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޔޫރަޕިއަން ކޮމިޝަނުން ބުނި ގޮތުގައި، ޓޭމޫގެ ޕްލެޓްފޯމުގައި ވިއްކަން ހުންނަ ޣައިރުގާނޫނީ މުދަލުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި، އޭގެ ސަބަބުން ޔޫރަޕްގެ ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، ދިރާސާކޮށް، އަދި ވަޒަންކުރުމުގައި އެ ކުންފުނި ފެއިލްވެފައިވާ ކަމަށެވެ.
ތަހުގީގުކުރި ފަރާތްތަކުން ވަނީ ކާކުކަން ނޭނގޭ ގޮތަށް އާންމު ކަސްޓަމަރުންގެ ގޮތުގައި މުދާ ގަތުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފަ އެވެ. މި ހަރަކާތުގެ ތެރެއިން، މިންގަނޑުތަކަށް ނުފެތޭ ގިނަ އަދަދެއްގެ އުފެއްދުންތައް ވަނީ ފެނިފަ އެވެ. މީގެ ތެރޭގައި ރައްކާތެރިކަމުގެ އަސާސީ ޓެސްޓުތަކުން ފެއިލްވި، އިލެކްޓްރޯނިކް ސާމާނު ޗާޖުކުރާ ގިނަ އަދަދެއްގެ ޗާޖަރު ހިމެނެ އެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ކުޅޭ އެއްޗެހީގެ ބޮޑު ޕަސެންޓަކުން، ނުރައްކާ ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ. އެއީ އެ ތަކެތީގައި ރައްކާތެރި މިންގަނޑަށްވުރެ އިތުރަށް ކެމިކަލް އެކުލެވިގެންވުމުގެ ސަބަބުން ނުވަތަ ކުދި ބައިތައް ފަސޭހައިން ނެއްޓި، ކުޑަކުދިންގެ އަރުތެރޭގައި ތާށިވެ ނޭވާ ހާސްވުމުގެ ފުރުސަތު އޮތުމުންނެވެ.
ކޮމިޝަނުން ބުނި ގޮތުގައި، ނުރައްކާތައް އެކަށީގެންވާ ގޮތެއްގައި ވަޒަންނުކުރުމަކީ، އެ އިއްތިހާދުގެ ޑިޖިޓަލް ގަވާއިދުތަކާ ހިލާފުވުމުގެ ވަރަށް ސީރިއަސް މައްސަލައެކެވެ.
ޓޭމޫ އަކީ ޗައިނާގެ ވިޔަފާރިވެރިން މެދުވެރިކޮށް، އަންނައުނުން ފެށިގެން ގޭތެރެއަށް ބޭނުންވާ ސާމާނާ ހަމައަށް، ހެޔޮ އަގުގައި މުދާ ފޯރުކޮށްދޭތީ ވަރަށް މަގުބޫލު ކުންފުންޏެކެވެ. އީޔޫގެ ގައުމުތަކުގައި އެކަނިވެސް މި ޕްލެޓްފޯމް ބޭނުންކުރާ 92 މިލިއަން މީހުން ތިބިއިރު، މިއީ ޗައިނާގެ މަޝްހޫރު އީ-ކޮމާސް ސައިޓެއް ކަމަށްވާ "ޕިންޑުއޮޑުއޮ" ގެ ވެސް ވެރިފަރާތް ކަމަށްވާ "ޕީޑީޑީ ހޯލްޑިންގްސް" ގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.
ޖޫރިމަނާ އައި މައްސަލަ ހައްލުކުރުމަށްޓަކައި "އެކްޝަން ޕްލޭން" އެއް ހުށަހެޅުމަށް އޯގަސްޓް މަހުގެ ނިޔަލަށް ޓޭމޫއަށް ވަނީ މުހުލަތެއް ދީފަ އެވެ. އަދި މި ގަވާއިދުތަކަށް އަމަލުކުރުމަށް އެ ކުންފުނި ނުކުޅެދިއްޖެ ނަމަ، ކޮންމެ ދުވަހު، ހަފުތާއަކު ނުވަތަ ކޮންމެ މަހު ޖޫރިމަނާތަކެއް ކުރިމަތިވެދާނެ އެވެ.