ބަންގްލަދޭޝްގެ 23 ވަނަ ރައީސަކަށް، ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު އިންތިހާބުކޮށްފި އެވެ.
އާލަމްގީރު މި މަގާމަށް އިންތިހާބުވީ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގަ އެވެ.
އާލަމްގީރަށް ވަނީ 255 ވޯޓާ އެކު ބޮޑު އަޣުލަބިއްޔަތެއް ލިބިވަޑައިގެންފަ އެވެ. އިދިކޮޅު ކޯލިޝަނުން ނެރުނު އޮލީ އަހުމަދަށް ލިބިވަޑައިގަތީ 88 ވޯޓެވެ.
އާ ރައީސަކު އިންތިހާބުކޮށްފައި މި ވަނީ ކުރީގެ ރައީސް މުހައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވެރިކަމުން ދުރުކޮށް އަދި މިހާރު މަރުގެ ހުކުމެއް ޣައިރު ހާޒިރުގައި އިއްވާފައިވާ ޝައިހް ހަސީނާގެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލެވޭ ޝަހާބުއްދީން ޖުލައި މަހު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވެ އެވެ.
އުމުރުން 78 އަހަރުގެ އާލަމްގީރު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ ޑާކާ ޔުނިވަސިޓީގައި އިގްތިސާދީ ދާއިރާއިން ކިޔަވާވިދާޅުވަމުންނެވެ. އޭނާއަކީ 1971 ގައި ބަންގްލަދޭޝްއަށް މިނިވަންކަން ލިބުމަށް މަގުފަހިވެގެންދިޔަ، 1969 ގެ ޕާކިސްތާނުގެ ސިފައިންގެ ވެރިކަމާ ދެކޮޅަށް ހިންގި ހަރަކާތުގައި މުހިންމު ދައުރެއް އަދާކުރެއްވި ދަރިވަރުންގެ ލީޑަރެކެވެ.
އިގްތިސާދު ކިޔަވައިދެއްވުމަށް ފަހު، އޭނާ ސަރުކާރުގެ ހިދުމަތަށް ނުކުމެވަޑައިގަތެވެ. އެއަށްފަހު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން އެގްރިކަލްޗަ، އެވިއޭޝަން އަދި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އެވެ. ނަމަވެސް، އޭނާ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔައީ ހަސީނާގެ ވެރިކަމުގެ ދުވަސްވަރު — ބީއެޕްޕީގެ ވެރިޔާ ޚާލިދާ ޒިޔާ ޖަލުގައި ހުންނެވިިއިރު އަދި އޭނާގެ ދަރިކަލުން، މިހާރުގެ ބޮޑުވަޒީރު ތާރިގް ރަހްމާން އަރުވާލެވިގެން ގައުމުން ބޭރުގައި ހުންނެވި ދުވަސްވަރު އެވެ.
ހަސީނާގެ ސަރުކާރުގައި އާލަމްގީރު އެކި ފަހަރު މަތިން ހައްޔަރުކޮށްފައި ވާއިރު، އޭނާގެ މައްޗަށް ސިޔާސީ މަގުސަދެއްގައި ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވާ ގިނަ ދައުވާތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
ބަންގްލަދޭޝްގައި ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ނަމަވެސް އޭނާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އެވެ.
އާ ރައީސް މަގާމުގެ ހުވާ ކުރެއްވުން އޮންނާނީ މިއަދު ހަވީރުގެ ވަގުތެއްގައި، ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރު "ބަންގަބާބަން" ގަ އެވެ.