އަޒަރުބައިޖާންގެ ސަރުކާރުން އެ ގައުމުގެ ބާކޫ އަދި ދެކުނުގެ ސަރަހައްދުތަކުގެ ސަރުކާރު ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ގުޅިގެން، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑެތި އިހުތިޖާޖުތަކަކާއި ހަމަނުޖެހުންތަކެއް ފެށިއްޖެ އެވެ.

މި މައްސަލަ އުފެދިގެން އުޅެނީ ސްކޫލްތަކުގެ ޔުނިފޯމް އުސޫލުތަކަށް ސަރުކާރުން ގެނައި ބަދަލަކާ ގުޅިގެންނެވެ. އާ ގަވާއިދު ބުނާ ގޮތުން، އެ ގައުމުގެ ސެކިއުލާ ތައުލީމީ ނިޒާމާ ހިލާފުވާ ފަދަ އެއްވެސް އިތުރު ފޭރާމެއް ސްކޫލް ޔުނިފޯމާ އެކު ބޭނުން ކުރުމަކީ މަނާކަމެކެވެ. މި ގަވާއިދުގެ ސަބަބުން ވަނީ ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަށް ވެސް ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާވެފަ އެވެ.

މި ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުފޮނުވައި ބޮއިކޮޓް ކޮށްފައިވާއިރު، ބުރުގާ އަޅައިގެން ދިޔަ ބައެއް ދަރިވަރުން ސްކޫލް ގޭޓުން އެތެރެއަށް ނުވައްދައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އަދި ބައެއް މުދައްރިސުންނަށް ބުރުގާ ނެގުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ވަނީ އަންގައިފަ އެވެ.

އަޒަރުބައިޖާނަކީ ޝިއައީ މުސްލިމް މެޖޯރިޓީ އޮންނަ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމުގެ އާބާދީގެ 96 ޕަސެންޓަކީ މުސްލިމުންނެވެ. އޭގެ ތެރެއިން 60 - 65 ޕަސެންޓާ ދެމެދަކީ ޝިއައީ މުސްލިމުންނެވެ. އަދި ބާކީ 35 - 40 ޕަސެންޓާ ދެމެދުގެ މީހުންނަކީ ސުންނީ މުސްލިމުންނެވެ. ނަމަވެސް، ޒަމާނުއްސުރެ އެ ގައުމަކީ ދީނީ ކަންކަމަށް ވުރެ ބޮޑަށް ސެކިއުލާ (ދީނާއި ދައުލަތް ވަކިވެފައިވާ) އުސޫލުތަކަށް ތަބާވާ ގައުމެކެވެ.

ބުރުގާގެ މައްސަލާގައި އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވުން ހުއްޓުވުމަށްޓަކައި އަޒަރުބައިޖާން ސަރުކާރުން ވަނީ އެ ގައުމުގައި ޓިކްޓޮކް  އަދި އިންސްޓަގްރާމް ބޭނުންކުރުން ވެސް މަނާކޮށް، ބައެއް މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފަ އެވެ.

އަޒަރުބައިޖާނާއި އެގައުމުގެ އެންމެ ގާތް އެކުވެރި ތުރުކީއާ ދެމެދު މިކަމާ ގުޅިގެން ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ތުރުކީގެ އޮފިޝަލުން މި ނިންމުމަށް ފާޑުވިދާޅުވުމުން، އަޒަރުބައިޖާނުން ވަނީ އެއީ އެ ގައުމުގެ ދާހިލީ ކަމެއް ކަމަށް ބުނެ، ތުރުކީން އެކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލާފަ އެވެ.

އަޒަރުބައިޖާންގެ ސަރުކާރުން ބުނާ ގޮތުގައި، މި ފިޔަވަޅަކީ ގައުމުގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސެކިއުލާ ނިޒާމު ހިމާޔަތްކުރުމަށާއި، ބޭރުގެ ދީނީ ނުފޫޒުތަކުން ތައުލީމީ ހިދުމަތްތައް ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.