ހަރުކަށި ފިކުރު ފެތުރުމަށް ބޭނުންކުރާ ކަމަށް ބުނެ، މެސެޖިން އެޕްލިކޭޝަން ޓެލެގްރާމް ޖޯޑަންގައި މިއަދު މަނާކޮށްފި އެވެ.

ޖޯޑަންގެ ސެކިއުރިޓީ ޑިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައި ބުނީ ޓެލެގްރާމް ބްލޮކްކުރަން ނިންމީ ޑިޖިޓަލް ސެކިއުރިޓީ ވަރުގަދަކޮށް، އެޕް ބޭނުންކުރާ މީހުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި މި ފިޔަވަޅު އެޅީ މުޖުތަމައު ހިމާޔަތްކުރުމަށާއި، ސައިބާ ކްރައިމް އާއި ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ އިތުރުން ގާނޫނާ ހިލާފު ކޮންޓެންޓް ފެތުރުމަށް މަގުފަހިވާ ކަންކަން ހުއްޓުވުމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހަރުކަށި ފިކުރު ފެތުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަކީ ވެސް މި ނިންމުމުގެ ބޭނުމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

ޖޯޑަންއިން މި ފިޔަވަޅު މި އެޅީ، މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެ ގައުމުގެ ދެކުނުގެ ކަރަކް ގަވަރުނޭޓްގައި ހުންނަ ފައްޅިއަކަށް ދިން ހަމަލާއަކަށް ފަހު އެވެ. އެ ހަމަލާގައި ނުވަ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އެ ހަމަލާއާ ގުޅިގެން، ހަރުކަށި އިސްލާމީ ފިކުރަށް ތަބާވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ސިފަކުރާ ތިން މީހަކު ދަންޖައްސައި މެރުމަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

މީގެ ކުރިން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖޯޑަންއިން ވަނީ ޓިކްޓޮކް ވެސް މަނާކޮށްފަ އެވެ. ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އޭރު ކުރި މުޒާހަރާތައް ހޫނުވެ ހިނގި ހަމަނުޖެހުންތަކުގައި ސަލާމަތީ އޮފިސަރަކު މަރުވުމާ ގުޅިގެން ޓިކްޓޮކް މަނާކުރީ، މީހުން މެރުމަށާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ވީޑިއޯތައް އެ ޕްލެޓްފޯމްގައި ފަތުރާ ކަމަށް ބުނެ އެވެ. -- އޭއެފްޕީ