އަލްޖީރިއާގެ ސެތީފް ޕްރޮވިންސްގެ މިސްކިތަކުން އެންމެ ހަ ކުދިންނާ އެކު ފެށި "ރިޖާލުލް ފަޖުރު" ނުވަތަ "ފަތިހުގެ ފިރިހެނުން" އިސްނެގުން، އަރަބި އަދި އިސްލާމީ އެތައް ގައުމެއްގެ މިސްކިތްތަކަށް ފެތުރި، އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލާސްގެ ބޮޑު ތައުރީފެއް އެ ހަރަކާތަށް ލިބިއްޖެ އެވެ.

މި މަހުގެ ކުރީކޮޅު އަލްޖީރިއާގެ އައިން އަލް ކަބީރާ ސަރަހައްދުގެ ގުރުއާން މުދައްރިސަކު އިސްނަގައިގެން ފެށި މި ހަރަކާތަކީ، އިރުއެރުމުގެ ކުރިން، އުމުރުން ހަތް އަހަރާއި 13 އަހަރާ ދެމެދުގެ ފިރިހެން ކުދިން ހޭލައްވައި، ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށް މިސްކިތަށް ގެންދިއުމަށް ފެށި ކަމެކެވެ.

އަނދިރީގައި އެ ކުދިން އެކުގައި މިސްކިތަށް ދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، އަލްޖީރިއާގެ އެކި ކަންކޮޅުތަކުން އެތައް ހާސް ކުދިންނެއް މި ހަރަކާތާ ގުޅުނެވެ. އަދި ގަވާއިދުން ފަތިސް ނަމާދަށް ދާ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ބައެއް ޖަމިއްޔާތަކުންނާއި އާންމުންގެ ފަރާތުން އެ ކުދިންނަށް އުމްރާ ދަތުރު ފަދަ އަގުހުރި ހަދިޔާތައް ދޭން ވެސް ވަނީ ފަށައިފަ އެވެ.

އަލްޖީރިއާގައި މި ހަރަކާތަށް ލިބުނު ބޮޑު ތަރުހީބާ އެކު، އަރަބި އަދި އިސްލާމީ އެހެން ގައުމުތަކުގައި ވެސް ތަފާތު ނަންނަމުގައި މި ހަރަކާތް ވަނީ ފަށައިފަ އެވެ.

އުރުދުންގައި "ނަޝާމާ އަލް ފަޖުރު" ގެ ނަމުގައި މި ހަރަކާތް ފެށިއިރު، ފަތިސް ނަމާދަށް ދާ ކުދިންނާއި ޒުވާނުން ގިނަވެ، އާންމުކޮށް ހުކުރު ނަމާދަށާއި ރޯދަމަހު އެކަނި ހުޅުވާ މިސްކިތްތަކުގެ މަތީ ބައިތައް ވެސް ވަނީ ހުޅުވަން ޖެހިފަ އެވެ. 

މޮރޮކޯގައި "ފުރުސާނުލް ފަޖުރު" ގެ ނަމުގައި އަދި މިސްރުގައި "ރަޖާލަތުލް ފަޖުރު" ގެ ނަމުގައި މި ކެމްޕޭން ވަނީ ފަށައިފަ އެވެ.

ޔަމަނާއި ސޫދާނާއި ލުބުނާނާއި ސީރިއާގެ އިތުރުން އެމެރިކާގައި ދިރިއުޅޭ މުސްލިމް މުޖުތަމައުތަކުގެ މިސްކިތްތަކުގައި ވެސް މިފަދަ ހަރަކާތްތައް މިހާރު އަންނަނީ ހިންގަމުންނެވެ.

އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލާސް އިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ މިސްކިތްތަކުގައި ފަތިސް ނަމާދުގެ ޖަމާއަތް ދިރުވައި، ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި އުފެއްދުމަށް ފެށި "ބަރަކާތްތެރި" ތަރުބަވީ ނަމޫނާއެއް ކަމަށެވެ. އަދި އިސްލާމީ ހުރިހާ ގައުމެއްގައި ވެސް މި ނަމޫނާ ބޭނުންކުރުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން އޮމާންގެ އިސް މުފްތީ ޝައިޚް އަހުމަދު ބިން ހަމަދު އަލް ޚަލީލީ ވެސް ވަނީ މި ހަރަކާތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.

މި ހަރަކާތަށް ގިނަ ބައެއްގެ ތާއީދު ލިބެމުން ދިޔަ ނަމަވެސް، ފަތިހުގެ އަނދިރީގައި ކުޑަކުދިން މަގުމައްޗަށް ނުކުމެ އުޅުމުގެ ރައްކާތެރިކަމާއި އެ ކުދިންގެ ނިދީގެ ވަގުތުތަކަށް އަސަރުކޮށްފާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި މައްސަލައިގައި އަލްޖީރިއާގެ ނޫހެއް ކަމަށްވާ "އަލް ފަޖުރު" ގެ އެޑިޓަ އިން ޗީފް ހައްދާ ހާޒިމް ޝާއިއުކުރި ފާޑުކިޔުމުގެ ލިޔުމަކާ ގުޅިގެން، އެ ގައުމުގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި އިމާމުންގެ ކައުންސިލުން ވަނީ އެއީ މިސްކިތްތަކަށާއި އިމާމުންނަށް ކުޑައިމީސްކުރުން ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.