ބަންގާޅު ފުލުހުން ހަމަލާދީ ރާޖްޝާހީން ފަސް ހަނގުރާމަވެރިއަކު މަރާލައިފި

ޑާކާ (މެއި 11) - ބަންގްލަދޭޝްގެ ހުޅަނގުގެ ރާޖްޝާހީ އަވަށުގައި ޓެރަރިސްޓުންނާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ހަނގުރާމަވެރިންގެ ފަސް މީހުން މަރާލައިފި އެވެ.


ރާޖްޝާހީ އަކީ ދާދި ފަހުން ދަންޖެހިގެން މަރުވި ކަމަށް ބުނާ ރާއްޖޭގެ މޮޑެލް ރައުދާ އާތިލް ކިޔަވަމުން ދިޔަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖް ހުންނަ އަވަށެވެ.

ފުލުހުން ބުނީ ހަނގުރާމަވެރިންށް ހަމަލާ ދިނުމުގެ ކުރިން ފަސް މީހުން ވަނީ އަމިއްލަ އަށް ގޮއްވާލަފައި ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭން ދެ މީހުންނަކީ އަންހެން ހަނގުރާމަވެރިން ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ހަމަލާގައި ވަނީ ތިން ފުލުހަކު ޒަޚަމްވެފަ އެވެ.

ފުލުހުން ބުނީ މަރާލި ހަނގުރާމަވެރިން ނިސްބަތް ވަނީ މަނާކޮށްފައިވާ ޖާމިއަތުލް މުޖާހިދީން ބަންގްލަދޭޝް (ޖޭއެމްބީ) އަށް ކަމަށެވެ. މި ޖަމާއަތުން ވަނީ ބަންގްލަދޭޝްގައި އިސްލާމް ދީނާ ދެކޮޅު ލިޔުންތައް ލިޔާ މީހުންނާއި ބްލޮގަރުންނަށް ހަމަލާދީ މަރައިފަ އެވެ.

ޑާކާގެ ކެފޭއެއްގައި މިދިޔަ އަހަރު ދިން ހަމަލާ އަށް ފަހު ހަރުކަށި ހަނގުރާމަވެރިން ހިފުމަށް ބަންގްލަދޭޝް ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަނުގައި ވަނީ ރާޖްޝާހީގެ ހަނގުރާމަވެރިންނަށް ޚާއްސަ ސަމާލުކަމެއް ދީފަ އެވެ.