އިނގިރޭސި ބޮޑު ވަޒީރު އަވަހާރަކޮށްލަން އުޅުނު މީހާ ބަންދުކޮށްފި

ލަންޑަން (ޑިސެމްބަރު 6) - އިނގިރޭސި ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ޑައުނިން ސްޓްރީޓުގެ ގޭޓުގައި ބޮން ގޮއްވާ އޭގެ ފަހުން ބޮޑު ވަޒީރު ތެރޭސާ މެއި އަވަހާރަކޮށްލަން ރޭވި މީހަކު ހައްޔަރުކޮށް، ކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަންގައިފި އެވެ.


ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި ވަނީ ނޯތު ލަންޑަނަށް ނިސްބަތްވާ ނައީމުއްޒަކަރިޔާ ރަހްމާން، 20، އަމިއްލަ އަށް އުފައްދާފައިވާ ބޮމެއް ބޭނުންކޮށްގެން ބޮޑު ވަޒީރަށް ހަމަލާދޭން ރާވާފައި ކަމަށެވެ. ޓެރަރިސްޓް ހަމަލާ ދޭން އުޅުނު އިތުރު މީހަކު ވެސް ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. މި ދެ މީހުން ވެސް ލަންޑަނުގެ އޯލްޑް ބެއިލީ ކޯޓަށް މި މަހު 20 ވަނަ ދުވަހު ހާޒިރު ކުރާނެ އެވެ. ރަހުމާނުގެ މައްޗަށް ވަނީ ޓެރަރިސްޓް ހަމަލާ ދޭން އުޅުމާއި މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލައިފަ އެވެ.

ރަހުމާނަކީ ބަންގްލަދޭޝް އަށް އުފަން އިނގިރޭސި ވިލާތުގައި އުޅޭ މީހެކެވެ.