ސޯލް (ފެބްރުއަރީ 6) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ފަސް އަހަރަށް ޖަލަށްލި ސައުތު ކޮރެއާގެ ސެމްސަން ކުންފުނީގެ ވައިސް ޗެއާމަން ލީ ޖައި-ޔޮން ޖަލުން ސަލާމަތްކޮށްފި އެވެ.

ލީ ޖަލަށްލީ ރިޝްވަތާއި ޚިޔާނާތާއި ދޮގު ހެކި ދިނުމުގެ ކުށުގަ އެވެ. ނަމަވެސް ސޯލްގެ ހައި ކޯޓުން ވަނީ ހުކުމުގެ ބައެއް ކަންކަން ހިފެހެއްޓި ނަމަވެސް ކޯޓަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން އޭނާ ދޫކޮށްލަން އަންގައިފަ އެވެ. ހައި ކޯޓުން ވަނީ ލީގެ ފަސް އަހަރުގެ ހުކުމް ދެބައިކުޅަ އެއްބަޔަށް ލުއި ކޮށްފަ އެވެ. އަދި އޭނާގެ ރިޝްވަތުގެ ހުކުމް ސަސްޕެންޑް ކުރުމުން ލީ ވަނީ މިނިވަންވެފަ އެވެ. ލީގެ ވަކީލް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ސަސްޕެންޑް ކުރި ދައުވާތައް ވެސް އިސްތިއުނާފް ކުރާނެ ކަމަށެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ލީ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.

ލީގެ މައްޗަށް އުފުލި ދައުވާތަކާ ގުޅިފައި ވަނީ ސަައުތު ކޮރެއާގެ ރައީސްކަމުން ޕާކް ގުއެން-ހައި ދުރު ކުރަން ޖެހުނު ބޮޑު ކޮރަޕްޝަނާ އެވެ. ބޮޑެތި ކުންފުނިތަކުން ރިޝްވަތުގެ ގޮތުގައި ދިން ކަމަށް ތުހުމަތުކުރެވޭ އެތައް މިލިއަން ޑޮލަރެއް ރައީސް ޕާކުގެ އެކުވެރިއެއްގެ ޖަމިއްޔާއެއް މެދުވެރިކޮށް ރައީސް ނަންގަވާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިގޮތަށް ފައިސާ ދިން ކުންފުނިތަކުގެ ތެރޭގައި ސެމްސަން ހިމެނޭ ކަމަށާއި ދެ ކުންފުންޏެއް އެއްކޮށްލުމަށް ހިންގި މައްސަލަ ބޮޑުވި މުއާމަލާތަކަށް ހުއްދަ ހޯދުމަށް ސެމްސަން އިން 41 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު) ދިން ކަމަށް ޕްރޮސިކިއުޓަރުން ބުނެ އެވެ.