އަލްޖީރިއާގެ ރައީސްގެ ފަސް ވަނަ ދައުރު ހުއްޓުވީ ރައްޔިތުން

އަލްޖިއާސް (މާޗް 12) - އެންމެ ފަހު ވަގުތު ރައީސް ކަމަށް ކުރިމަތިލާން ނިންމެވި އަލްޖީރިއާގެ ރައީސް އަބްދުލް އަޒީޒް ބޫތަފްލިގާ ފަސް ވަނަ ދައުރަކަށް ކުރިމަތިލެއްވުން ރައްޔިތުންގެ ޕްރެޝަރުން ހުއްޓުވައިފި އެވެ.


ރައީސް ކަމަށް ކުރިމަތިލައްވަން ބޫތަފްލިގާ ނިންމެވުމުން އަލްޖީރިއާގެ އެކި ކަންކޮޅުތަކުން ވަނީ މުޒާހަރާ އަށް މީހުން ނުކުމެފަ އެވެ. ވޭތުވެދިޔަ 20 އަހަރު އަލްޖީރިއާގައި ވެރިކަން ކުރެއްވި ބޫތަފްލިގާ ފަހަކަށް އައިސް އާއްމުންގެ ތެރޭން ފެނިފައި ވަނީ ވަރަށް މަދުންނެވެ. އޭނާ އަށް 2013 ވަނަ އަހަރު ވަނީ ސްޓްރޯކެއް ވެސް ޖެހިފަ އެވެ. ރައްޔިތުންނާ މުޚާތަބު ކުރައްވައި ބޫތަފްލިގާ އެންމެ ފަހުން ތަގްރީރެއް ދެއްވާފައި ވަނީ 2014 ވަނަ އަހަރު އެވެ.

ރައީސް ކަމަށް ވާދަނުކުރައްވާނެކަން އިއުލާން ކުރެއްވުމާ އެކު ބޫތަފްލިގާ ވަނީ އަންނަ މަހު 18 ވަނަ ދުވަހު ދުވަހު ބާއްވަން ހަމަޖެއްސި އިންތިޚާބު ފަސްކޮށްފަ އެވެ.

ބޫތަފްލިގާ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ފަސް ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި ނަމަ ދަައުރުގެ ކުރީކޮޅު އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން ވަނީ އެ އަޑު ނާހައި ބޫތަފްލިގާއާ ދެކޮޅަށް މުޒާހަރާ އަށް ނުކުމެފަ އެވެ.

އަލްޖީރިއާގެ 1،000 އަށް ވުރެ ގިނަ ފަނޑިޔާރުން ވެސް ހޯމަ ދުވަހު ވަނީ ބޫތަފްލިގާއާ ދެކޮޅަށް ތެދުވެފަ އެވެ. ވަކީލުން ބުނެފައި ވަނީ ބޫތަފްލިގާ ވާދަކުރައްވާ އިންތިޚާބެއް އެ މީހުން މޮނިޓާ ނުކުރާނެ ކަމަށެވެ.

ވެރިކަމަށް ވާދަނުކުރައްވާނެކަން ބޫތަފްލިގާ އިއުލާން ކުރެއްވީ ސްވިޒަލެންޑުގެ ހޮސްޕިޓަލެއްގައި ދެ ހަފުތާ ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ގައުމަށް ވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ