މާލީގައި ބޮޑު ގަތުލުއާންމެއް ހިންގައިފި

ހުޅަނގު އެފްރިކާގެ ހަމަނުޖެހުން ބޮޑު ގައުމެއް ކަމަށްވާ މާލީގެ ދެ ގަބީލާއެއްގެ ދެމެދުގައި ހިނގަމުން ދިޔަ ހަމަނުޖެހުމެއްގައި އަށެއްގެ އާބާދީގެ ތިންބައިކުޅަ އެއް ބައި މީހުން މަރާލައިފި އެވެ.


މާލީގެ މޮޕްޓީ ނަމަކަށް ކިޔާ ސަރަހައްދުގައިވާ ސޮބާމީޑާ އަަވަށުގައި ހިންގި ގަތުލު އާއްމުގައި އާއްމުންގެ 95 މީހުން މަރާލި އިރު ގިނަ މީހުންގެ ހަށިތައް ވަނީ އަންދާލައިފަ އެވެ. މާލީ ސަރުކާރުން ބުނީ ސޮބާމީޑާ އަވަށަށް ހަމަލާ ދިނީ ޓެރަރިސްޓުން ކަމަށް ތުހުމަތުކުރެވޭ ކަަމަށާއި މަރުވި މީހުންގެ އިތުރުން 19 މީހަކު ގެއްލިފައިވާ ކަމަށެވެ.

ނަމަވެސް އެ އަވަށުގެ ކައިރީގައިވާ ބަންކާސް ނަމަކަށް ކިޔާ ރަށުގެ މޭޔަރު މޯލަޔޭ ގީންޑޯ ރޮއިޓާސް އަށް ވިދާޅުވި ގޮތުގައި ޑޮގޮން ގަބީލާގެ މީހުން ދިރިއުޅޭ ސޮބާމީޑާގައި ގަތުލުއާއްމު ހިންގީ އެ މީހުންނާ ދުޝްމަނު ފުލާނީ ގަބީލާގެ މީހުންނެވެ. މާލީގެ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކުން އެކަމުގެ ޒިންމާއެއް އަދި ނުއުފުލަ އެވެ.

އަވަށުން ސަލާމަތްވި މީހަކު އޭޕީ އަށް ކިޔައިދިން ގޮތުގައި ވަރުގަދަ އަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު އަވަށަށް އެރީ މޮޓޯ ސައިކަލްތަކުގަ އެވެ.

"އެމީހުން ފުރަތަމަ އަވަށް ވަށާލައި ހަމަލާދޭން ފެށި. އަވަށުން ނުކުމެގެން ސަލާމަތްވާން އުޅު ކޮންމެ މީހަކު މަރައިލި،" އަމާޑޫ ޓޯގޯ ނަަމަކަށް ކިޔާ އެ މީހާ އޭޕީއަށް ބުންޏެވެ.

ޑޮގޮން-ފުލާނީ ހަމަނުޖެހުން ބޮޑުވީ ކީއްވެ؟

ދަނޑުވެރި ޑޮގޮން ގަބީލާގެ މީހުންނާއި ބަދަވީންގެ ގަބީލާއެއް ކަމަށްވާ ފުލާނީންނާ ދެމެދު ޒަމާންވީ ދެކޮޅުވެރިިކަމެއް އޮވެ އެވެ. އެ ދެބައިމީހުންގެ މެދުގައި ކުރިއްސުރެ ހިނގަމުން އަންނަ ހަމަނުޖެހުންތައް ވަރުގަދަވެ، މީހުން މެރުން ގިނަވީ މާލީގައި ކުރިން އޮތް މަދަނީ ސަރުކާރު ވެއްޓި އެ ގައުމުގައި އަހުލީ ހަނގުރާމަ ފެށުނު ފަހުންނެވެ.

އެ ގައުމުގައި ރަނގަޅު ސަރުކާރެެއް އޮތް ދުވަސްވަރު ހަމަނުޖެހުންތައް ހުއްޓުވަމުން އައީ ދެ ގަބީލާ ދެމެދު ސަރުކާރު މެދުވެރިވެގެން މަޝްވަރާތައް ބާއްވައިގެންނެވެ.

ހުރާފީ ދީނަކަށް އުޅޭ ޑޮގޮން މީހުންނާ ހަނގުރާމަކުރާ ފުލާނީންގެ ތެރޭގައި މުސްލިމުން ގިނަ އެވެ. ޑޮގޮން މީހުންނާ ދެކޮޅަށް މިފަހަރު ހިންގި ގަތުލު އާއްމުގެ ކުރިން ޑޮގޮން މީހުން ވަނީ ފުލާނީންނާ ދެކޮޅަށް ގަތުލުއާއްމެއް ހިންގައި އެއް ދުވަހު 130 މީހުން މަރާލައިފަ އެވެ.

މާލީގެ ހަމަނުޖެހުމުގެ ފެށުން

މާލީގެ ސަރުކާރާ ދެކޮޅަށް އިސްލާމީ ޖަމާއަތްތަކުން ތެދުވީ 2013 ވަނަ އަހަރު އެވެ. އެ އަހަރު ގައުމުގެ ދެބައިކުޅަ އެއްބައި އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް ފަހު ވެރިރަށް ބަމާކޯއާ ދިމާލަށް ކުރިއަރަން ފެށި އެވެ. މާލީ އިސްތިއުމާރުކޮށްގެން ކުރިން އުޅެފައިވާ ފްރާންސް ސިފައިންނާއި އަވަށްޓެރި ބައެއް ގައުމުތަކުގެ ސިފައިން މާލީ އަށް އެރީ އެ ހިސާބުންނެވެ.

ފްރާންސާއި އެފްރިކާގެ އެކި ގައުމުތަކުގެ ސިފައިންގެ މަދަދު ލިބުނު ނަމަވެސް 2015 ވަނަ އަހަރާ ހިސާބަށް އައި އިރު މާލީގެ ބޮޑު ބައެއްގެ ކޮންޓްރޯލް ސަރުކާރަށް އޮތީ ގެއްލިފަ އެވެ. އަދި ސަރުކާރުގެ ބާރު ކެނޑެމުން ދިޔަ ވަރަކަށް ހަތިޔާރު އާއްމުވެ، ހަމުނުޖެހުންތައް ދިޔައީ އިތުރުވަމުންނެވެ.